ހުޅުމާލޭގައި ހުރި ކޮވިޑް ފެސިލިޓީ، ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައި. (ފޮޓޯ/ އެޗްޑީސީ)
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އާ އިމާރާތް އާދީއްތަ ދުވަހަށް ހުޅުވަން ތައްޔާރުވަނީ
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހިންގާ އާ އިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، އަންނަ އާދީއްތަ ދުވަހަށް ހުޅުވަން ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތިން، ކޮވިޑް ފެސިލީޓީއެއްގެ ގޮތުގައި ކުރިން ހިންގި ތަނުގައި، 'ޖަސްޓިސް ބިލްޑިން އެނެކްސް'ގެ ނަމުގައި ހުޅުވާ އެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ އެޗްޑީސީންނެވެ. އެޗްޑީސީން މި މަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.
ތަފްސީލް - ޑީޖޭއޭގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އަންނަ އާދީއްތަ ދުވަހަށް އެ ތަން ހުޅުވުމަށް ކަމަށެވެ. އެ ގޮތުން:
-
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ހުރިހާ ސެކްޝަނެއްގެ ހިންގުން އެއްކޮށް އާ އިމާރާތަށް ބަދަލުކުރެވޭނެ
-
އެ އިމާރާތުގައި ކްރިމިނަލް ކޯޓުގެ 11 ސެކްޝަން ހިންގަން ޖުމުލަ 10 ކޯޓު ރޫމު ހުންނާނެ
-
ޑްރަގް ކޯޓަށް ހާއްސަކޮށް 5 ކޯޓު ރޫމު ހުންނާނެ
"މި މަހު 27 ވާ އާދީއްތަ ދުވަހަށް ހުޅުވަން މި މަސައްކަތްކުރަނީ. އަދި ޔަގީނެއް ނޫން ވަކި ދުވަހެއް. އެކަމަކު މި މަހު ފަހުކޮޅަށް ހުޅުވޭނެ. އެއާ ހިސާބުން ޝަރީއަތްތައް ހިންގުން ކުރިއަށްވުރެ މާ ބޮޑަށް ވެސް އަވަސް ވާނެ ކަމަށް މި ބަލަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓު މިހާރު ހިނގަމުން އަންނަ، މާލޭ މާފަންނުގައި ހުންނަ އެސްޓީއޯގެ ކުރީގެ ދެ އިމާރާތް ވެސް ވަނީ ވަރަށް ބޮޑަށް ބާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެ ގޮތުން:
-
2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވޭ
-
ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް އަޑުއެހުންތައް ނުބޭއްވޭ ވަރަށް ކޯޓު ރޫމުތަކުގެ ތެރެއަށް ފެން ވަދެ، އިމާރާތުގެ ހުރި ގިނަ ސާމާނުތަކަށް ވެސް ގެއްލުންތައް ވެފައިވޭ
-
އެންމެ ފަހުން ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލީ 2019 އިން ފެށިގެން
-
ކްރިމިނަލް ކޯޓު މި ވަގުތަށް ހިންގަމުން ދަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގި އިމާރާތުގައި 5 ސެކްޝަން އަދި މާލޭގެ އިމާރާތުގެ ބައެއްގައި ބާކީ 6 ސެކްޝަން