ނ. ތޮޅެންދޫ(ސީ ފްރޮމް ދަ ސްކައި ވީޑިއޯ ސްކްރީން ޝޮޓެއް)
ތޮޅެންދޫ މާޅެންދުއަށް ނުދެވި އޮތީ އަތޮޅު ކައުންސިލުން ހުރަސް އަޅާތީ، އެކަން ކުރާނަން: ރައީސް
ނ. އަތޮޅު ތޮޅެންދުއަކީ އެ އަތޮޅު މާޅެންދޫގެ ބައެއްގެ ގޮތުގައި ކަނޑަނޭޅި އޮތީ އަތޮޅު ކައުންސިލުން އެ ކަމަށް ހުރަސްއަޅާފައި އޮތުމުން ކަމަށާއި، އެ ރަށް މާޅެންދޫގެ އިހުތިސާސް ތެރެއަށް ލުމަށް ފަހިވާނެ ގޮތަކަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހަށް އަންގަވާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 1990ގެ ކުރީކޮޅު މީހުން ދިރިއުޅުނު ތޮޅެންދޫގެ މީހުން އެ އަތޮޅުގެ ބައެއް ރަށްތަކަށް ބަދަލުކުރުމަށް ފަހު އެއީ ފަޅު ރަށެއް ކަމުގައި ސަރުކާރުން ކަނޑައެޅީ 10 ޖެނުއަރީ 1993ގަ އެވެ.
ތޮޅެންދުއަކީ ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށް ކުއްޔަށް ދޭން މިދިޔަ ސަރުކާރުން މަސައްކަތް ކުރުމުން ނ. އަތޮޅު ކައުންސިލުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އެ މައްސަލައިގައި ގޮތެއް ނިންމެންދެން، އެ ރަށް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް 2022 ވަނަ އަހަރު ކޯޓުން އަމުރުކޮށްފައިވެ އެވެ.
ތަފްސީލް - ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާޅެންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތޮޅެންދޫ މާޅެންދޫގެ އިހުތިސާސްގެ ތެރެއަށް ނުލެވިގެން އުޅެނީ އެ މައްސަލަ އަދިވެސް ކޯޓު މަރުހަލާގައި އޮތުމުން ކަމަށެވެ.
"މާޅެންދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި އަޅުގަނޑުގެ ވައުދާ އެއްގޮތަށް ތޮޅެންދޫ މާޅެންދޫ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުރަސް ކުރިމަތި ކުރުވާފައި މިއޮތީ އަތޮޅު ކައުންސިލުން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު އޮންނާނީ އޭޖީއަށް ދަންނަވާފައި ގާނޫނީ އިޖުރާއަތުތައް އޮންނަ ގޮތުން، އެކަމުގެ ތެރެއިން މަގެއް ހޯދަން. ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ގޮތެއް ހޯދަން، މި ރަށް މި ދެންނެވި މަރުހަލާއިން ސަލާމަތްކޮށް ތިބޭފުޅުންނާ ހަވާލުކޮށްދެވޭނެ ގޮތެއް އޮތްތޯ ބަލަން. އެހެންވީމާ އޭޖީ އޮފީހުން މިކަން ކުރައްވާނެ. އަތޮޅު ކައުންސިލުން މިކަމަށް ހުރަސް އަޅަމުންދަނީ."
ރައީސް ވިދާޅުވީ އެ ރަށް މާޅެންދޫގެ އިހުތިސާސްގެ ތެރެއަށް ލުމުން، ރަށުގެ މަންފާއަށް ކުރާ ބައެއް މަސައްކަތްތައް ކުރެވޭ ގޮތަށް ތޮޅެންދޫ، ރަށުގެ ބައެއްގެ ގޮތުގައި ބޭއްވޭނެ ކަމަށެވެ.
މާޅެންދޫގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހިމަނަން މީގެ ދެތިން މަސް ކުރިން ވެސް ބޭނުންވި ކަމަށާއި، އެކަމަކު ކޯޓު މަރުހަލާގައި އޮތުމުން އެކަން ނުކުރެވި އޮތީ ކަމަށް ރައީސް ވިދާޅުވި އެވެ. ކޯޓު މަރުހަލާގައި އެ މައްސަލަ މަޑުޖެހިފައި އޮތީ އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރުނުވެގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ، މިހާރު އޮންނާނީ ތިބޭފުޅުންނާ މި ރަށް ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ކެނދިކުޅުދޫ އާއި މާޅެންދުއާ ދެމެދު އޮންނަ ތޮޅެންދޫ ވަކި ބަޔަކަށް ދިނުމަށް އަތޮޅު ކައުންސިލުން ދެކޮޅު ހަދާފައިވަނީ ނ. އަތޮޅު ރައްޔިތުން އާންމު ބޭނުންތަކަށް ބޭނުން ކުރަމަށް ހުރި މަދު ރަށްތަކުގެ ތެރެއިން ރަށެއް ގެއްލި، އަތޮޅުގެ ރައްޔިތުންނަށް އެތަށް ގޮތަކުން އޭގެ ގެއްލުމާ ކުރިމަތިވާނެތީ ކަމަށް ބުނެ އެވެ.
އެ ރަށަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ޗަސްކަން ބޮޑު ރަށަކަށް ވެފައި، ރަށުގައި ދަނޑުވެރިކަން ކުރާ ނަމަ ރަށުގެ ތިމާވެށި ހަލާކުވެ، އެކަމަކުގެ ސަބަބުން އިއާދަ ނުކުރެވޭ ގެއްލުންވާނެ ކަމަށާއި ކުއްޔަށް ދިނުމަށް ފަހު، އެ ރަށަށް ނޭރޭނެތީ އެކަން މޮނީޓާ ކުރެވޭ ފުރުސަތު ވެސް ނޯންނާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
ކޮމެންޓް (1)
ތެފައާސާ.