ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު: ސާޖިދާ ހުށަހެޅުއްވި މައްސަލަ ބޭރުކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގެންފި -(ފޮޓޯ/ ރައީސް އޮފީސް)
ސާޖިދާގެ މައްސަލަ ބޭރުކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފި
ރައީސް މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާތީ، އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފަ އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ނުބެލެވޭނެ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އިއުތިރާޒުތަކެއް ހުށަހެޅި ނަމަވެސް އެ ކޯޓުން ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ހައި ކޯޓުގައި އެމްޑީޕީން އިސްތިއުނާފްކުރީ ސިވިލް ކޯޓުގެ އެ ނިންމުމެވެ.
ތަފްސީލް - ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، އެމްޑީޕީން މި މަހުގެ ފުރަތަމަ ދުވަހު ހުށަހެޅި މައްސަލަ މިހާރު ވަނީ އެ ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.
ސިވިލް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ބުނަނީ:
-
އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅެނީ އަބުރަށް އުނިކަން އައި ފަރާތް
-
އަބުރަށް އުނިކަން ލިބުނު ފަރާތަކަށް މި ބުނަނީ އުމައިރު؛ މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާ
-
ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ގަވާއިދުގައި އެހެނެއް ނުބުނޭ
ފާހަގަކޮށްލެވޭ - ސާޖިދާ ވަނީ ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން:
-
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ
-
ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާ ކަމަށް ވިދާޅުވެ
ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.
އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.
ކޮމެންޓް (3)
ޢައްޔާ
މުށްޖަހާފަ
ޒަރީ