ފެމިލީ ކޯޓު -- (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ދަރިންގެ ހަރަދު

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި

ފެމިލީ ކޯޓުން ބުނީ އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ މައްސަލައިގެ ހާލަތު ގޮސްފައިވާ ހިސާބުން ހަރަދު ނުދޭ ބައްޕަގެ ފޮޓޯ އާންމު ކުރަން ޖެހޭ ވަރުގެ ޒަރޫރަތެއް އޮތް ކަމަށް

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން މިއަދު އާންމުކޮށްފި އެވެ.

ވީކިިހިނެއް؟ - ފެމިލީ ކޯޓުގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން މިއަދު ވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯއާ އެކު، އޭނާގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ވެސް އާންމުކޮށްފަ އެވެ.

ބުނީ ކީކޭ؟ - ފެމިލީ ކޯޓުން ބުނީ އެއީ އެ މައްސަލަ ބެއްލެވި ގާޒީ މައްސަލައިގެ ދެ ހަސްމުގެ ވާހަކަތަކާއި ލިޔެކިއުންތަކަށް ބެލުމަށް ފަހު ހަރަދަށް ފައިސާ ނުދޭ ފަރާތުގެ ވަނަވަރު އަދި ފޮޓޯ އާންމުކުރަން ޖެހޭ ކަމަށް ޝާރީއަތަށް ގަބޫލުކުރެވިގެން ކޯޓުން އާންމުކުރި މައުލޫމާތެއް ކަމަށެވެ.

"ގަވާއިދުގައި ގާޒީއަށް އަބަދު ވެސް ދީފައި އޮންނާނެ އިހުތިޔާރެއް އެއީ. ދެން މި ފަހަރު ފުރަތަމަ ފަހަރަށް މި ކޯޓުން މައްސަލައެއްގައި ގާޒީއަކު އެ ކަމުގެ ޒަރޫރަތު އޮތް ކަމަށް ކަނޑައެޅުމުން އެ މައުލޫމާތުތައް އާންމުކޮށްފައި އެ ވަނީ،" ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި، އެއީ ދަރިންނަށް ހަރަދު ނުދީގެން ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.

އެނގުން މުހިންމު - ހުކުމާ އެއްގޮތަށް އަނބިމީހާ އާއި ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާންކުރަން އާއިލާއާ ބެހޭ ގަވައިދުން ކޯޓުތަކަށް ދީފައިވާ ބާރެކެވެ.

ގަވައިދުގައި އޮންނަ ގޮތުން:

  • ކޮންމެ މަހަކު ބައްޕަ ދަރީގެ ހަރަދަށް 2،000ރ. ދޭން ޖެހޭ

  • އެއް ދަރިއަށް ވުރެ ގިނަ ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 1،000ރ. ދައްކަން ޖެހޭ

މިދިޔަ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ފުރަތަމަ ފަހަރަށް މި ގޮތަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެއީ ގަވާއިދުގައި ލިބިދޭ ހުއްދައިން ފުރަތަމަ ފަހަރަށް އެ ގޮތަށް ކޯޓަކުން އާންމުކުރި ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް