ޖީމެއިލް ހެކްކުރަން އާ އުކުޅެއް؛ ސަމާލުވެ އަވަހަށް ފިޔަވަޅު އަޅާ
ފޯބްސްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުގައި، ޖީމެއިލް ނުވަތަ ގޫގުލް އެކައުންޓް ހެކްކުރަން، ސްކޭމަރުން މިހާރު ވަނީ އާ އުކުޅެއް ބޭނުން ކުރަން ފަށައިފަ އެވެ. އެއީ އޭއައިގެ އެކި ހިދުމަތްތައް ބޭނުންކޮށްގެން އަޕްގްރޭޑްސްގެ ނަމުގައި ފިޝިން ލިންކު ފޮނުވައިގެން ޖީމެއިލް އެކައުންޓުތައް ހެކްކުރުމެވެ.
ގޫގުލްއިން ވަނީ އެ މީހުންގެ ހިދުމަތްތައް ބޭނުންކުރާ 2 ބިލިއަނެއްހާ މީހުން އެ މަކަރަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އޭއައި ހިދުމަތްތައް މެދުވެރިކޮށް އެކައުންޓުގެ ސެކިއުރިޓީ އާއި އެޕް ފަދަ ތަކެތި އަދާހަމަ ކުރަން ލިންކް ނުފޮނުވާނެކަން ވެސް ގޫގުލްއިން ވަނީ ހަދާން ކޮށްދީފަ އެވެ.
ގޫގުލް އެކައުންޓެއް ހެކް ވެއްޖެނަމަ، އެ އަނބުރާ ހޯދައި، ކުރިއަށް އޮތްތަނުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެކަމަށް ކުރެވޭނީ ކޮންކޮން ކަންކަމެއް ހެއްޔެވެ؟
މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަވަހަށް ފިޔަވަޅު އަޅަންޖެހެ އެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ:
-
އެކައުންޓަށް ވަނުމަށް ފަހު، ސެކިއުރިޓީ ސެޓިންގްސް އަށް ގޮސް، "ރިވިއު ސެކިއުރިޓީ އިވެންޓްސް" އިން އެކައުންޓް ހެކް ކުރެވިފައިވޭތޯ ޗެކްކުރުން
-
ހެކަރުންނަށް އެކްސެސް ނުދިނުމަށްޓަކައި ޓޫ-ފެކްޓާ އޮތެންޓިކޭޝަން (2FA) އޮން ކުރުން
-
މޭލްވެއާއަށް ޝައްކު ކުރެވޭ އީމެއިލް ފަދަ ތަކެތި އަވަހަށް ފޮހެލުން
-
އެހެން އެޕްތަކާއި ސަވިސްތައްވެސް ހެކް ކުރެވިފައިވޭތޯ ޔަގީންކުރުން
-
ބޭންކް ނުވަތަ އެހެން މާލީ ހިދުމަތްދޭ ފަރާތްތަކަށް އަވަހަށް އެކަން ރިޕޯޓްކުރުން
ގޫގުލް އެކައުންޓް ހެކަރުންގެ ކިބައިން ރައްކާތެރިކުރުމަކީ އަސާސީ ސައިބާ ސެކިއުރިޓީ ފިޔަވަޅެކެވެ. އަދި މިހާރު ވެސް ހެކް ކުރެވިފައިވާނަމަ، މިއީ އެކަން އަލުން ނުހިނގާނެކަން ޔަގީން ކުރުމަށް އެޅޭ ފިޔަވަޅުތައް ތަންފީޒުކުރަންވީ ވަގުތެވެ. އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
-
ރިކަވަރީ އީމެއިލް އެޑްރެހާއި ފޯނު ނަންބަރު އަޕްޑޭޓްކޮށްފައިވާކަން ކަށަވަރުކުރުން
-
ކުރިން ބޭނުންކޮށްފައިވާ އީމެއިލް އެޑްރެސްތައް މުރާޖައާކުރުން
-
ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުން (ކެޕިޓަލް އަދި ސްމޯލް ކޭސް އަކުރުތަކާއި، ނަންބަރުތަކާއި، ސިމްބަލްތައް ހިމެނޭގޮތަށް)
-
ޓޫ-ފެކްޓަރ އޮތެންޓިކޭޝަން (2FA) އެނެބަލްކުރުން
-
އެންޓި-ވައިރަސް ސޮފްޓްވެއާ، އެޕްލިކޭޝަންތައް، ބްރައުޒާ އަދި އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްކޮށްފައިވާކަން ޔަގީންކުރުން
-
ބޭނުން ނުކުރާ އެޕްތަކާއި ބްރައުޒަ އެކްސްޓެންޝަންތައް އުނިކުރުން
-
ޝައްކުކުރެވޭ ލިންކްތަކަށް ކްލިކްކުރުމުން ދުރުހެލިވުން އަދި ޝައްކުވާ މެސެޖްތަކާމެދު ވަރަށް ބޮޑަށް ސަމާލުވުން.
މި ފިޔަވަޅުތައް އެޅުމުން، ގޫގުލް އެކައުންޓްގެ ސެކިއުރިޓީ ވަރުގަދަވެ، ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ އެވެ. އަދި މިއީ ޑިޖިޓަލް ދުނިޔޭގައި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.
ގޫގުލްއިން ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ހެކަރުންނަށް އެކައުންޓަށް އެކްސެސް ހޯދޭނެ އެކި ގޮތްތައް އެބަހުއްޓެވެ. އެންމެ އާންމުކޮށް މިކަން ކުރަނީ ޑޭޓާ ބްރީޗްތަކުން ހޯދާފައިވާ ކްރެޑެންޝަލްތައް ނުވަތަ ފިޝިން އީމެއިލްތައް މެދުވެރިކޮށެވެ. މީގެ އިތުރުން މޭލްވެއާ ނުވަތަ ރައްކާތެރި ނޫން ވައިފައި ކަނެކްޝަންތައް މެދުވެރިކޮށްވެސް މިފަދަ ހަމަލާތައް ދެވިދާނެ އެވެ.
ހެކް ކުރެވިފައިވާ ގޫގުލް އެކައުންޓަކުން ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ އެވެ. ހާއްސަކޮށް ހެކަރުންނަށް މާލީ މައުލޫމާތުތަކަށް އެކްސެސް ލިބެ އެވެ. އެހެން ވީމާ، މިކަމަށް ސަމާލުވެ އަވަހަށް ފިޔަވަޅު އަޅާށެވެ.