ފ. މަގޫދޫ އެއާޕޯޓްގެ ފަޔާ ސްޓޭޝަނަށް ބަޔަކު ގެއްލުން ދީފައި.

ފ. މަގޫދޫ

މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ގެއްލުންތަކެއް ދީފި

ފަޔާ ސްޓޭޝަން އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ތަޅާލައި ސީލިން ފަޅާލާފައިވޭ

ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓުގެ ފަޔާ ސްޓޭޝަން އިމާރާތަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

ވީކިހިނެއް؟ - ފުލުހަށް މި މައްސަލަ މަގޫދޫ ކައުންސިލާއި އެމްޓީސީސީ މަގޫދޫ ސައިޓުން ހުށަހެޅީ މިއަދެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ތަފްސީލް - މަގޫދޫ ކައުންސިލްގެ މެންބަރު އަބްދުއްހަމީދު މޫސާ 'ދައުރު'އަށް ވިދާޅުވީ މި ކަމެއް ހިނގީ މީގެ ދެ ދުވަހެއް ވަރު ކުރިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެ ގޮތުން:

  • ފަޔާ ސްޓޭޝަން އިމާރާތުގެ ކުޑަދޮރުތަކުގައި ޖަހާފައިވާ ބިއްލޫރިތައް ތަޅާލާފައިވޭ

  • ސީލިންގު ފަޅާލައި އެތެރޭގައި ހުރި ގޮނޑިއެއްގައި ރޯކޮށްލާފައިވޭ

އެ ސަރަހައްދުގައި މި ވަގުތު ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ވެސް ނުތިބޭ ކަމަށް ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ. މަސައްކަތު ސައިޓުގައި ތިބެނީ ފަސް ބިދޭސީއެކެވެ.

އެނގުން މުހިންމު - މަގޫދޫ އެއާޕޯޓް ހަދަން އެމްޓީސީސީއާ ހަވާލުކުރީ 19 އޮކްޓޫބަރު 2022ގަ އެވެ. ޖުމްލަ 231 މިލިއަން ރުފިޔާގެ އަގަކަށް 1،500 މީޓަރުގެ ރަންވޭއެއް އަޅާ ގޮތަށެވެ.

އޭރު ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ތެރޭގައި އިއުލާންކުރެއްވީ، 1،800 މީޓަރަށް ރަންވޭ ބޮޑުކުރުމުގެ އިތުރުން ޖެޓު ޖެއްސޭ ގޮތަށް ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓެލެއް ވެސް އެއާޕޯޓާ އެކު ތަރައްގީ ކުރާނެ ކަމަށެވެ.

އެ ސަރުކާރުގެ ފަހު ދުވަސްވަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓްގެ ފަޔަ ސްޓޭޝަންގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައި، ބާރު ސްޕީޑެއްގައި ހިންގަމުން ދިޔަ މަޝްރޫއު ސަރުކާރު ބަދަލުވި ފަހުން މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫއު ކުރިއަށް ނުގޮސް އޮންނާތީ މީގެ ކުރިން ވެސް އެކިފަހަރު މަތިން އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. 

މަގޫދޫން ލޯންޗެއްގައި އެންމެ ފަސް މިނެޓުން ދެވޭ އެ އަތޮޅުގެ ވެރިކަންކުރާ ރަށް ނިލަންދޫގައި ވެސް އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ނިންމާފައިވެ އެވެ. އެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް