މާލެ ސަރަހައްދުން ކަނޑުގަދަ ދުވަހެއްގައި އުޅަނދެއް ދުއްވާފައި ދަނީ: މިދުވަސްކޮޅު މޫސުން ވަރަށް ގޯސް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ފުނޯސް ނަކަތުގެ ގަދަޔާ އެކު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް

މޫސުން ގޯސްވެ ކަނޑުމަތީގެ ހަތް ހާދިސާއެއް ވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭ ހިނގާފައި
11 ޖުލައި 2025

ހުޅަނގު މޫސުމުގެ އެންމެ ގަދަ އެއް ނަކަތް ކަމަށްވާ، ފުނޯސް ނަކަތުގެ ގަދަ ވިއްސާރައާ އެކު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އިއްޔެ އާއި ރޭ ހިނގައިފި އެވެ. އޭގެ އެއް ހާދިސާގައި އެކަކު ވަނީ ގެއްލިގަ އެވެ. 

އެނގުން މުހިންމު - ހުޅަނގު މޫސުމުގެ ހަތް ވަނަ ނަކަތް ކަމަށްވާ ފުނޯސް ނަކަތުން މިއަދަކީ 11 ވަނަ ދުވަހެވެ. ފުނޯސް ނަކަތުގައި: 

  • ކަނޑުތައް ވަރަށް ގަދަވެ ބާރުގަދަ ކޮޅިގަނޑުތައް އައުން ވަރަށް އާންމު

  • ފުނޯސް ނަކަތް ފެށުނީ 1 ޖުލައިގައި، އަންނަ ހޯމަ ދުވަހަށް ދިގު ދެމިގެންދާނެ 

ތަފްސީލް - އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ހަތް ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެގޮތުން އެމްއެންޑީއެފްއިން ބުނީ: 

  • ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި 75 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ގެއްލިފައިވާއިރު އޭނާ ހޯދަން ކުރާ މަސައްކަތުން އަދި ފެނިފައެއް ނުވޭ 

  • ރ. އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާ؛ އޭނާ ހޯދަމުން ދަނިކޮށް އެ އަތޮޅު ދުވާފަރަށް ވަނީ ގޮސްފައި

  • އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ

  • 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދިޔަ ސަފާރީ ބޯޓެއް ދިޔަވުން

  • 4 މީހުންނާ އެކު ކ. ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރުން

  • މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުން

  • 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ދިޔުން 

މޫސުމަށް ސަމާލުވާން އިރުޝާދު 

މީޓުރޮލޮޖިކަލް ސާވިސް، މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 3:30އާ ހަމައަށް ހއ. އިން ލ. އަތޮޅަށް ހުދު ސަމާލު ނެރެފަ އެވެ. އެ ސަމާލުގައި ނެރެފައި ވަނީ:

  • ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެތީ

  • ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 4.7 ފޫޓާ ދެމެދުގައި 

މީގެ އިތުރަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި އަދި ދިޔަވަރު ބޮޑުއިރު އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް ވެސް މެޓުން ވަނީ އިރުޝާދު ދީފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް