ކެންގަރޫ ކިޑްސްގެ ދަރިވަރުން ކުޅިވަރުގެ ހަރަކާތެއްގައި

ތައުލީމު

އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރަން ހައި ކޯޓުން ވަގުތީ އަމުރެއް

ހައި ކޯޓުން މި އަމުރު ނެރުނީ އެ މައްސަލާގައި ހުކުމެއް ކުރެވެންދެން؛ މި ވަގުތީ އަމުރު ނެރުމާ ދެކޮޅު ހެއްދެވި ފަނޑިޔާރު ނިޔާޒު ވިދާޅުވީ ކުދިންގެ ގްރޭޑު ބަދަލުކުރެވޭނެ އުމުރު ފުރާ ކަނޑައަޅާފައި އޮއްވާ އެންމެ ކުއްޖެއްގެ މަސްލަހަތަށް އެފަދަ އަމުރެއް ނުދެވޭނެ ކަމަށް

އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ނެރެފި އެވެ.

ވީ ކިހިނެއް؟ - މި ކުއްޖާ ކެންގަރޫ ކިޑްސް ޕްލޭ ސްކޫލަށް ވެއްދީ 2023ގަ އެވެ. އެއަށް ފަހު ނާސަރީގައި 2024ގެ ދިރާސީ އަހަރުގެ ކިޔެވުން ފުރިހަމަކުރި އެވެ. ނަމަވެސް މި އަހަރު ދިރާސީ އަހަރު ފެށުނުއިރު، އެއް ގުރޭޑުން އަނެއް ގުރޭޑަށް ކުދިން ބަދަލުކުރަން ބަލަން ޖެހޭ އުމުރު ކަނޑައަޅާފައިވާ ގޮތުން، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ގެއްލި، އެ ކުއްޖާ ނާސަރީގައި ރިޕީޓުކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި އެވެ.

އެނގުން މުހިންމު - މިދިޔަ އަަހަރު ނެރުނު ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭ ސާކިއުލާގައި ވާ ގޮތުން މި އަހަރު ދިރާސީ އަހަރަށް އެލްކޭޖީއަށް ދެވޭނީ، 31 ޑިސެމްބަރު 2024އަށް، ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނަށެވެ. މި ކުއްޖާއަށް ހަތަރު އަހަރު ފުރެނީ މި މަހު 13 އަށެވެ. 

ކިޔެވުމުގެ ފެންވަރު ބަލާ މިންގަނޑު ހާސިލުވާ ނަމަ، އުމުރު ހަމަނުވިޔަސް، އަހަރުން އަހަރަށް އެއް ގުރޭޑުން އަނެއް ގުރޭޑަށް ޕްރޮމޯޓް ވަމުންދިއުމުގެ ފުރުސަތު ހޯދައިދޭން ކުއްޖާގެ މައިންބަފައިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ނިންމީ އެކަން އެގޮތަށް ކުރެވެން ނެތް ކަމަށެވެ. 

ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު، އެކަމާ މެދު ގޮތެއް ނިންމެންދެން ކުއްޖާ ނާސަރީން އެލްކޭޖީއަށް ބަދަލުކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިފައިވެ އެވެ.

ކުއްޖާގެ މައިންބަފައިން ގަބޫލުކުރަނީ:

  • ކުއްޖާއަކީ އެ އުމުރުގެ އެހެން ކުދިންނާ އަޅައިބަލާއިރު އުނގެނުމާއި ވިސްނުމުގައި އާއްމު މިންގަނޑަށް ވުރެ މޮޅު ކުއްޖެއްކަމަށް 

  • އެކަމަށް ބާރުދޭ ސައިކޮލޮޖިކަލް އެސެސްމަންޓުތަކާއި، ކުއްޖާގެ ޑޮކްޓަރުގެ ލިއުންތައް ވެސް ހުށަަހެޅި 

  • އެހެންކަމުން މިދިޔަ އަހަރު ކިޔެވި އެއްޗެހި މި އަހަރު ވެސް އަލުން ކިޔަވަން ޖެހުމަކީ ކުއްޖާގެ ކިޔެވުމަށާއި އުނގެނުމަށް އޮންނަ ޝައުގުވެރިކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް

އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ހުށަހެޅުމަކީ މި މައްސަލައިގައި ކުޑަކުއްޖެއްގެ ތައުލީމީ ހައްގާ ގުޅޭ ގޮތުން މިނިސްޓްރީގެ ސާކިއުލާގެ ދަށުން އަމަލުކުރީ ތައުލީމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އެކަމަކު ދައުލަތުން ބުނަނީ ތައުލީމުގެ ގާނޫނުގެ ދަށުން ޕްރީ ސްކޫލްއަށް ވަދެވޭ އުމުރަކީ ހަތަރު އަހަރު ކަމަށް ވާއިރު، އެލްކޭޖީއަށް ވަނުމުގައި ބަލަން ޖެހޭނީ އެސެސްމަންޓަށް ނޫން ކަމަށާއި ކުއްޖާގެ އުމުރަށް ކަމަށެވެ. އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް ނެތް ކަމަށް ދައުލަތުން ބުނެ އެވެ. 

ތަފްސީލް - އެ މައްސަލައިގައި ވަގުތީ އަމުރެއް ނެެރެދެން ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެދުނީ، ހައި ކޯޓުގައި އޮތް އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން މި ހިނގާ ދިރާސީ އަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ކުއްޖާއަށް ދިނުމަށާއި، އެކަމާ ގުޅޭ އެއްވެސް އިޖުރާއަތަކަށް ހުރަސްނޭޅުމަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރު ކޮށްދިނުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މި އަމުރު މިދިއަ ބުރާސްފަތިދުވަހު ވަނީ ނެރެދީފަ އެވެ. އެގޮތުން ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭ އެ ކުއްޖާ ނާސަރީން އެލްކޭޖީއަށް ބަދަލުކުރުމުގެ ކަންކަން ފުރިހަމަކުރަން އަމުރުކުރި އެވެ.

އެގޮތުން ބުނީ:

  • ކުއްޖާ ކުރިން އުނގެނިފައިވާ އެއްޗެއް ތަކުރާރުކުރަން ޖެހުމަކީ ކިޔެވުންމަތިން ކުއްޖާ ފޫހިވެދާނެ އަދި ކުއްޖާގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ކުއްޖާގެ ޑޮކްޓަރު ފާހަގަކޮށްފައިވޭ

  • މި މައްސަލައިގައި ކުއްޖާގެ އާއްމު ހާލަތު މި ހިނދަށް ދެމެހެއްޓުމުގެ މަސްލަހަތު ބޮޑު 

  • ކުއްޖާ ކިޔަވަނީ ޕްރައިވެޓް ސްކޫލެއްގައި ކަމުން، ކުއްޖާގެ ގްރޭޑު ބަދަލުކުރަން ނެރޭ އަމުރަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބޭނެ ގެއްލުމެއް ނެތް

  • މި މައްސަލައިގައި ގެއްލުން ވަޒަންކުރާއިރު ކުއްޖާގެ ކިބައިގައި ހުރި ހާއްސަ ސިފަތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅަށް އިއާދަނުކުރެވޭ ގެއްލުމެއް ލިބުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް ދެކެން 

  • މި ހާލަތުގައި ހަމައެކަނި އުމުރުގެ ހިސާބު އަދަދަށް ބެލުމުގެ ބަދަލުގައި މައްސަލައިގެ ކުއްޖާގެ ހާއްސަ ހާލަތަށް ބަލައި، ކުއްޖާގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭ 

"އެހެންކަމުން މި ހާލަތުގައި އެންމެ އިންސާފުވެރި ގޮތަކީ ވަގުތީ އަމުރެއް ނެރުންކަމަށް ބުރަވެވެ އެވެ،" ރިޔާސަތު ފަނޑިޔާރު ދީބަނާޒު ފަހުމީގެ ރައުޔުގައި ވިދާޅުވި އެވެ. މި ރައުޔުއަށް ފަނޑިޔާރު ފާތިމަތު ފަރުހީޒާ ތާއީދުކުރެއްވި އެވެ.

'އެންމެ ކުއްޖެއްގެ މަސްލަހަތަށް ތައުލީމީ ނިޒާމު އެއްފަރާތް ނުކުރެވޭނެ'

ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ ކުއްޖަކު އެއް ގުރޭޑުން އަނެއް ގުރޭޑަށް ބަދަލުވަމުންދާނެ ގޮތާއި، އެކަމުގެ އުމުރު ފުރާ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅުގެ ހައްގުގައި ކުރާ މަސައްކަތުގައި، ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތްތޯ ބަލާއިރު އެފަދަ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައި ވާތަން ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ: 

  • މިއީ ތައުލީމުގެ ގާނޫނުގައި އެކަށައަޅާފައިވާ ތައުލީމު ދިނުމުގެ ނިޒާމާ ގުޅިފައިވާ މައުލޫއެއް 

  • ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމީ އެކިއެކި މަރުހަލާތަކުގައި ކުދިން އެންރޯލް ވަމުންދާނެ އުމުރުފުރާ ވަނީ ގާނޫނުގައި ކަނޑައަޅާފައި

  • ގާނޫނުގައި ބަޔާންކުރާ ތައުލީމީ މަރުހަލާތަކުގެ އުމުރު ފުރާއާ ހިލާފަށް އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައި އޮތީ ކޮން ކަމެއް ކަން ފެންނާކަށް ނެތް

  • ވަކި ކުއްޖެއްގެ މަސްލަހަތުގައި ލިބިދެވެން ޖެހޭނެކަމަށް އޭނާގެ މައިންބަފައިން ގަބޫލުކުރާ ކަމެއް ހިމާޔަތް ކުރުމަށް ގާނޫނުން އެކަށައަޅާފައިވާ މުޅި ތައުލީމީ ނިޒާމު އެއްފަރާތްކުރެވޭ ގޮތަށް ފަރުވާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން 

  • ނިޒާމާ ގުޅޭ ކަންކަމުގައި މަސްލަހަތު ރަނގަޅު ގޮތް ދެނެގަތުމުގައި ވަކިވަކި ފަރުދުންގެ މަސްލަހަތަށް ބެލުމުގެ ބަދަލުގައި ބަލަން ޖެހޭނީ މުޅި މުޖުތަމައުގެ ޖަމައީ މަސްލަހަތު އެކަމެއްގައި އޮތް ނެތް ގޮތުގެ މައްޗަށް

"އެއީ ކުޑަކުއްޖެއް ވިޔަސް މެއެވެ. ކުޑަކުދިންގެ ވެސް ޖަމާއަތެއް އޮންނާނެ އެވެ. އެހެންކަމުން، މި މައްސަލައިގެ ތެރެއިން ނެރެދެވޭ ވަގުތީ އަމުރަކުން އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ތައުލީމީ ވަކި ހަރުފަތަކަށް ޕްރޮމޯޓް ކުރުމަށް ކޯޓުން އެންގުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ބުރައެއް ނުވެވެ އެވެ،" ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

ކޮމެންޓް (5)

ސާބަސް

5 ޖުލައި 2025
ދެން ކުޑަކުދިންނަށް އޮންނަނީ އަބަދުވެސް ގްރޭޑް ބަދަލުވުންތަ؟ އެކުއްޖާ އަށް ނޭވާލާން ފުރުސަތު ދީބަލަ. ކުޅެލާ ހީލާ. ބައެއް ބެލެނިވެރިންނަށް ހީވާކަހަލަ އަބަދު ތިމާގެ ދަރިޔޭ އެންމެ މޮޅީ. އަބަދުވެސް ހައްގު ނުލިބިގެން. ބޯހަލާކު.
3 2

ސަލީމް

5 ޖުލައި 2025
ނާސަރީއަށް ވައްދަން ވަކި އުމުއެއް އޮންނަ ކަމަށް ވާނަމަ، އަދި އެ ކުއްޖާ ނާސަރީއަށް ވެއްދީ އެ އުމުރެއް ހަމަވެގެން ކަމަށް ވާނަމަ، އެ ގްރޭޑް ފުރިހަމަ ކުރީމަ ދެން އޮންނަ ގްރޭޑަކަށް ދެވެން ވާނެ ދޯ. މި ކުއްޖާ ނޫނަސް މި ގޮތަށް ދިމާވި އެހެން ކުދިން ވެސް ހިމެނޭހެން
1 2

ސާދަފަނަރަ

6 ޖުލައި 2025
@ސަލީމް ސަރުކާރުގެ ރަސްމީ ތައުލީމު ފެށެނީ 4 އަހަރު ފުރިފައި ތިބި ކުދިންނަށް، އެލްކޭޖީއިން. 18މަހުން ސްކޫލަށް ލިޔަސް، އެލްކޭޖީއަށް ވަދެވެނީ މިއުމުރު ހަމަވުމުން.
0 0

ާލޮލްސް

5 ޖުލައި 2025
ތި ކުއްޖާއަށް ޖީސީގައި ޖާގަ ދޭންވީ.
6 0

ވާވާ

5 ޖުލައި 2025
މީގެން އެނގެނީ އެޑިއުކޭޝަން މިނިސްޓްރްމީގެ ދޯހަޅިކަން. ކުދިންގެ ހައްގުތައް އިހުސާސް ނުކުރެވޭކަން
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް