ހުޅުމާލެ ހޮސްޕިޓަލް އިއްޔެއިން ފެށިގެން ބަންދު ބޯޑު ބަހައްޓާފައި - (ފޮޓޯ/ ދައުރު)

ކަރަންޓު ކެނޑޭތީ ހުޅުމާލެ ހޮސްޕިޓަލް 12 ގަޑިއިރަށް ބަންދުކޮށްފައި މިއަދު އޯޕީޑީ ހުޅުވައިފި

ކަރަންޓު ކެނޑެމުން ދާތީ ހުޅުމާލެ ހޮސްޕިޓަލް ބަންދުކޮށް ބަލި މީހުން ހިޔާ ކްލިނިކަށް ދިޔައީ ފޮނުވަމުން؛ އެޑްމިޓްކޮށްފައި ތިބި ބަލި މީހުން ވެސް އެކި ތަންތަނަށް ފޮނުވި

ކަރަންޓު ކެނޑެމުންދާތީ ރެއިން ފެށިގެން 12 ގަޑިއިރަށް މުޅި ހުޅުމާލެ ހޮސްޕިޓަލް ބަންދު ކުރުމަށް ފަހު މިއަދު ހެނދުނު އެ މައްސަލަ ހައްލުކޮށް އޯޕީޑީ (އައުޓްޕޭޝަންޓް ޑިޕާޓްމަންޓް) މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ރޭގެ ވަރަށް ކުރީކޮޅުން ފެށިގެން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކޮށް، އެ ހިދުމަތް ދެމުން ދާނީ ހިޔާ ކްލިނިކުން ކަމަށް ލިޔެ ބޯޑެއް ހޮސްޕިޓަލުގައި ބެހެއްޓި އެވެ. އެއީ  ކަރަންޓު ކެނޑެމުންދާތީ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެ ގޮތުން ރެއިން ފެށިގެން ހޮސްޕިޓަލުގެ ވާޑުގަ އާއި އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި އެކި ބަލި މީހުން އައިޖީއެމްއެޗް އާއި ޓްރީޓޮޕް ހޮސްޕިޓަލަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ.

އެކަމަކު މިއަދު ހެނދުނު 11:00 ޖަހާކަށް ހާއިރު އޯޕީޑީ ހުޅުވައި ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އޯޕީޑީގައި މި ވަގުތު ހިދުމަތް ދެމުން ދަނީ - (ފޮޓޯ/ އައިޖީއެމްއެޗް)

ބުނީ ކީކޭ؟ - ހުޅުމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް 'ދައުރު'އަށް ވިދާޅުވީ ކަރަންޓު ކެނޑެމުން ދިޔައީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލްއަށް ދިމާވި މައްސަލައަކުން ކަމަށެވެ.

ސްޓެލްކޯގެ ޓީމާ ގުޅިގެން ކުރި މަސައްކަތާ އެކު ހެނދުނު 8:30 ހާއިރު ކަރަންޓު ހޮސްޕިޓަލަށް ދިން ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ. ނަމަވެސް ހިދުމަތް ދޭން ފެށުން ލަސްވީ ކަރަންޓުގެ ހިދުމަތް ފުލް ލޯޑްގައި ދެވޭތޯ ބަލަން ޓެސްޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލެ ހޮސްޕިޓަލަށް ފުލް ލޯޑުގައި 8:30 ހާއިރު ކަރަންޓު ދީފައި ވަނީ. ދެން އަޅުގަނޑުމެން މިހާރު މި ކުރާ މަސައްކަތަކީ ކޭބަލް ސްޓޭބަލްކޮށް ހިނގާތޯ ބަލަން ވަގުތު ކޮޅެއް ނަގަނީ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އާންމު ހާލަތުގައި ހޮސްޕިޓަލްގެ ހިދުމަތްތައް ދެމުންދާނެ ކަމަށެވެ. އެ ގޮތުން މިހާރު ވެސް އީއާރުގަ އާއި އޯޕީޑީގައި ވެސް ހިދުމަތް ދެމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް (1)

ބަލިމީހާ

27 ޖޫން 2025
އެދުމަތި ކޮއްފައި ތިބި ބަލި މީހުން އެކި ހޮސްޕިޓަލް ތަކައް ބަދަލު ކޮއް މުޅި ހޮސްޕިޓަލް ހުއްޓުމަކަށް އައި ވާހަކަ ކީއްވެ ނުލިޔުނީ ؟ މީ ވަރަށް ބޮޑު ފެއިލް ވުމެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް