އެމެރިކާގެ ބީ-2 ހަނގުރާމަމަތީ މަތިންދާބޯޓުން އެޅި ބިޔަ ބޮންތަކުން އީރާންގެ ބިމު އަޑީގެ ފޯޑޯ ނިއުކްލިއަ މަރުކަޒުގައި ލޯވަޅުތައް އެޅިފައި

ހަމަލާތަކުން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ފުނޑުކޮށެއް ނުލެވުނު، ކުރެވުނު ކަމަކީ މަސްތަކަކަށް ފަސްކޮށްލުން

އެމެރިކާގެ ޖާސޫސީ މައުލޫމާތުތައް ލީކްވުމާ އެކު ރައީސް ޓްރަމްޕް ވިދާޅުވީ ސީއެންއެން އާއި ނިއު ޔޯކް ޓައިމްސްގެ ހަބަރުތަކަކީ މުޅިން ވެެސް 'ފޭކް ނިއުސް' ކަމަށް
25 ޖޫން 2025

އެމެރިކާއިން ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް މުޅިން ފުނޑުކޮށެއް ނުލެވުނު ކަމަށާއި ނަމަވެސް އެކަން މަސްތަކަކަށް ފަހަތަށް ޖައްސާލެވުނު ކަމަށް، ލީކްވި އެމެރިކާގެ ޖާސޫސީ ލަފާކުރުންތަކުން ބުނެފި އެވެ.

އެކަމަކު އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހަބަރުތަކާ މެދު ކޯފާއިސްވެ ސިފަކުރެއްވީ ސީއެންއެން އާއި ނިއު ޔޯކް ޓައިމްސްއިން ފަތުރަނީ ދޮގު ހަބަރުތައް ކަމަށެވެ. ޓްރަމްޕް ސަރުކާރުގެ ބައެއް އެހެން ވެރިން ވިދާޅުވާ ގޮތުގައި ޖާސޫސީ ލަފާކުރުންތައް މީޑިއާއަށް ލީކުކުރުމަކީ 'ގައްދާރުވުމު'ގެ އަމަލެކެވެ.

އެމެރިކާގެ ހަނގުރާމަ މަތީ އެންމެ ވަރުގަދަ އެއް ބޯޓު ކަމަށްވާ ބީ-2 އިން އީރާނުގެ ބިމުއަޑީގެ ނިއުކްލިއަ މަރުކަޒު ފޯޑޯއަށް ވަނީ ބިންގަރާސްތައް ނައްތާލަން ބޭނުންކުރާ އެންމެ ބިޔަ ބޮން އަޅައިފަ އެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ހަމަލާތަކާ އެކު ފޯޑޯގެ ދެ ހިސާބެއްގައި ޖުމްލަ ހަ ލޯވަޅު އެޅިފައިވެ އެވެ.

އެކަމަކު ޖާސޫސީ ފުރަތަމަ މައުލޫމާތުތަކަށް ބިނާކޮށް ވާހަކަ ދެއްކި ބައެއް އޮފިޝަލުން މީޑިއާއަށް ވިދާޅުވީ އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް މުޅިން ފުނޑުކޮށެއް ނުލެވުނު ކަމަށެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި އިޒްރޭލްގެ ހަމަލާތަކުން ކުރެވުނު ކަމަކީ މަސްތަކަކަށް ފަހަތަށް ޖައްސާލުން ކަމަށް، މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ކަމަށް، އެ ބޭފުޅުން ވިދާޅުވެ އެވެ.

އިސްފަހާންގައި ހުރި އީރާންގެ ޔުރޭނިއަމް ކޮންވާޝަން ޕްލާންޓް: މި ތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ލަފާކުރެވޭ

ހަމަލާގެ ކުރިން އެމެރިކާގެ ޖާސޫސީ ބައެއް މައުލޫމާތުތަކުން ލަފާކުރީ އީރާނުން ނިއުކްލިއަ ބޮމެއް އުފައްދަން ނަގާނީ ތިން މަހެއްހާ ދުވަސް ކަމަށެވެ. މިހާރު ޑިފެންސް އިންޓެލިޖެންސް އެޖެންސީން ލަފާކުރަނީ އެ މުއްދަތު ހައެއްކަ މަހަށް ފަހަތަށް ޖައްސާލެވުނު ކަމަށެވެ.

ޓްރަމްޕް އާއި އެމެރިކާ ސަރުކާރުގެ އިސް ބައެއް ވެރިން ވިދާޅުވާ ގޮތުގައި އެމެރިކާގެ ހަމަލާތަކާ އެކު އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ވަނީ ފުނޑުފުނޑުކޮށްލެވިފަ އެވެ.

އިޒްރޭލްގެ ބައެއް މަސްއޫލު ފަރާތްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނީ ނިއުކްލިއަ ވަރަށް އާދައިގެ ހަތިޔާރެއް އުފެއްދޭވަރަށް ޔޫރޭނިއަމް ފައްކާކުރާނެ ސިއްރު ކުދިކުދި މަރުކަޒުތައް އީރާނުގައި ހުރުން އެކަށީގެންވާ ކަމަށެވެ. އެއީ ނިއުކްލިއަ ބޮޑެތި މަރުކަޒުތަކަށް ހަމަލާތަކެއް ދީފާނެކަން އެނގޭތީ ކުރިންސުރެ އަޅާފައި ހުރި ފިޔަވަޅުތައް ކަމަށް، އިޒުރޭލުން ލަފާކުރެ އެވެ.

ހަމަލާތައް އަމާޒުވި ފޯޑޯ އާއި ނަތާންޒު އަދި އިސްފަހާންގެ މަރުކަޒުތަކަށް ލިބުނު ގެއްލުން އެކި މިންވަރަށް އަންދާޒާކުރެވެ އެވެ. އެމެރިކާގެ ޖާސޫސީ މައުލޫމާތުތަކުން އެނގެނީ މެދު މިންވަރަކުން ފެށިގެން ވަރަށް ބޮޑު ގެއްލުންތަކެއް ދެވުނު ކަމަށެވެ. އެންމެ ބޮޑަށް ފުނޑުވީ ނަތާންޒު މަރުކަޒު ކަމަށް، ޖާސޫސީ ލިއުންތަކުން އެނގޭ ކަމަށް، ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.

ފޯޑޯއަށް އެމެރިކާއިން ދިން ހަމަލާ، 250 ފޫޓު އަޑީގައި ހުރި ތަނެއް ފުނޑުކޮށްލެވޭ ވަރަށް ވުރެ މާ ކުޑަ ކަަމަށް، އެމެރިކާގެ ޖާސޫސީ އިދާރާތަކުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން ބުނެ އެވެ. ތަޖުރިބާކާރުން ބުނަނީ އެފަދަ ތަނެއް މުޅިން ހަލާކުކޮށްލަން އެތައް ދުވަހެއް ނުވަތަ ހަފުތާތަކެއް ވަންދެން، އެއް އަމާޒަކަށް ތަކުރާރުކޮށް ބޮން އަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ޓްރަމްޕް އާއި އެެމެރިކާ ސަރުކާރުގެ މިހާރުގެ އިސް ވެރިން ގެންދަނީ އީރާނަށް ދިން ހަމަލާ ވަރަށް ކާމިޔާބުކަމަށް ވިދާޅުވަމުންނެވެ.

ޖާސޫސީ ލިއުންތައް ލީކުވުމާ އެކު ޓްރަމްޕް ވިދާޅުވީ އަސްކަރީ ގޮތުން މިހާތަނަށް އެެމެރިކާއިން ދިން އެންމެ ކާމިޔާބު އެއް ހަމަލާއާ މެދު އެމެރިކާގެ ބައެއް މީޑިއާތަކުން ފަތުރަނީ 'ފޭކް ނިއުސް' ކަމަށެވެ.

"ސީއެންއެން އާއި ނިއު ޔޯކް ޓައިމްސްއިން އެއްވެގެން އެކުރާ ކަމަކީ މިހާތަނަށް ތާރީހުގައި ވެސް ދިން އަސްކަރީ އެންމެ ކާމިޔާބު އެއް ހަމަލާއަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން ކަމަށް ދެއްކުމެވެ. އީރާނުގެ ނިއުކްލިއަ މަރުކަޒުތައް ވަނީ މުޅިން ނައްތާލެވިފަ އެވެ،" އަމިއްލަ ސޯޝަލް މީޑިއާގައި ލިއުއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް