މިރޭ އޮތް ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

ފައްޔާޒުގެ އުންމީދު: އެކުގައި ގަދަކޮށް ގޮސް، ސަރުކާރު ބަލިކުރުން

އެމްޑީޕީއާ ވަކިވި މެމްބަރުން އަލުން އެ ޕާޓީއާ ގުޅުމާ އެކު ކުރިއަށް އޮތް ހުރިހާ އިންތިހާބުތައް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވި

އުންމީދަކީ އެކުގައި މަސައްކަތް ކޮށްގެން، ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެމްބަރުން އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް މިރޭ ސަލްޓަން ޕާކުގައި ޖަލްސާއެއް ވަނީ ބާއްވާފަ އެވެ.

ނަޝީދާ އެކު ބައެއް މެމްބަރުން އެމްޑީޕީއިން ވަކިވެވަޑައިގެންނެވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރޭގަ އެވެ.

މިރޭގެ ޖަލްސާގައި ފައްޔާޒު، ނަޝީދު އަދި އަބްދުﷲ ޝާހިދު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ނަޝީދާއި ޑިމޮކްރެޓްސްއިން ގުޅުނު އެހެން މެމްބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

އެ ބޭފުޅުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ، ފައްޔާޒު ސިފަކުރެއްވި ގޮތުގައި، "ތާރީހީ، ހިތްވަރުގަދަ" ނިންމެވުމެކެވެ.

އެ ނިންމެވުމަކީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ގައުމާއި ރައްޔިތުންނާއި އަންނަން އޮތް ޖީލުތަކާއި މުސްތަގްބަލަށްޓަކައި ނިންމެވި ވަރަށް ވަރުގަދަ ނިންމެވުމެއް ކަމަށެވެ.

މިރޭ އޮތް ޖަލްސާގައި ފައްޔާޒު ވާހަކަ ދައްކަވަނީ. (ފޮޓޯ/ އެމްޑީޕީ)

"ހިތުގައި އުދާސްތަކެއް ހުރި ނަމަވެސް، މި ނިންމުން ނިންމަން ކެރުމަކީ އަޅުގަނޑުމެންގެ ސިޔާސީ ތަސައްރަފު ފުދިފައި ހުރިކަން ސާފުކޮށް ފެންނަން އޮތް ހަގީގަތެއް،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންގެ އެކުގައި މި މަސައްކަތްކޮށް، އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން. މި ގައުމު އަނބުރާ ހޯދުން. ހަމަ ގައިމު ވެސް ތިޔަ ބޭފުޅުންނާ އެކު އެ މަސައްކަތް ކުރުމުގައި އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން."

ތަފްސީލު - ފައްޔާޒު ވިދާޅުވީ ކުރިން ބައެއް މެމްބަރުން އެމްޑީޕީއިން ވަކިވެގެންދިއުމުގެ ސަބަބުން އެ ޕާޓީއަށް ހީނަރުކަމެއް ކުރިމަތިވި ކަމަށެވެ.

އެހެން ނަމަވެސް އާ އުންމީދަކާ އެކު މިއަދު ރައްޔިތުން ބަލަމުންދަނީ އެމްޑީޕީ އެކަތިގަނޑަކަށްވެ، މިހާރު އޮތް މުސީބާތުން ސަލާމަތްވުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ގުޅިގެން ކުރަން ޖެހޭ ފުރަތަމަ ކަމެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމެވެ.

"މިކަމަށް އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން، އަޅުގަނޑަށް ޔަގީންވެގެން މިދަނީ، އަޅުގަނޑުމެންގެ ސަފުތައް އަލުން ރުކުރުވާލެވިގެންދާ ދިއުމާ އެކު، ފަސޭހަކަމާ އެކީގައި ލޯކަލް ކައުންސިލް އިންތިހާބު ވެސް އަދި ކުރިއަށް އޮތް ތަނުގައި އަންނަ އެހެން ހުރިހާ އިންތިހާބެއް ވެސް ކާމިޔާބުކުރެވޭނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް