ހޯރަފުށި. (ފޮޓޯ/ޕީއެސްއެމް)

ހޯރަފުށި

ބޮޓްލިން ޕްލާންޓްގެ މައްސަލާގައި ހޯރަފުށި ކައުންސިލުން ފެނަކައަށް ދައުވާކުރަނީ

ހޯރަފުށި ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ފެނަކައިން ހުއްޓާލާފައިވާ ކަމަށާއި އެއީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް

ހއ. ހޯރަފުށި ބޮޓްލިން ޕްލާންޓްގެ މަސައްކަތް ފެނަކައިން ހުއްޓާލާފައިވާ ކަމަށް ބުނެ ފެނަކައާ ދެކޮޅަށް ޝަރީއަތުގައި ދައުވާކުރުމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - އެ ޕްލާންޓަކީ ހޯރަފުށި ކައުންސިލާއި ފެނަކައާ އެކު ޖޮއިންޓް ވެންޗާ އުސޫލުން ހިންގާ ގޮތަށް މިދިޔަ ސަރުކާރުގައި ފެށި ޕްރޮޖެކްޓެކެވެ.  

ތަފްސީލް - ހޯރަފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާލީ އިމާރާތް ވަރަށް ބޮޑަށް ނިމެން ގާތްވެފައިވަނިކޮށް ކަމަށެވެ. އަދި އަންނަ މަހު އެ ތަން ހުޅުވައި އޮޕަރޭޝަންތައް ފަށާނެ ކަމަށް ފެނަކައިން ޔަގީންކަން ދީފައިވަނިކޮށް ކަމަށެވެ.

އެއީ ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވާތީވެ، ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މަސައްކަތް ހުއްޓާލުމުގެ އިތުރުން ބޮޓްލިން ޕްލާންޓްގެ މަސައްކަތްތައް ކުރުމަށް ނަގާފައިވާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ވެސް ނިމުމަކަށް ގެެނެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ހޯރަފުށި ކައުންސިލުން ބުންޏެވެ.

މިކަން ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ވެސް ބަޔާނެއް ނެރެފައިވެ އެވެ. އެމްޑީޕީން ގޮވާލީ ބޮޓްލިން ޕްލާންޓްގެ މަސައްކަތް އަލުން ފެށުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއް ގާއިމުކުރުމަށް ފެނަކައިން ދެކޮޅު ހަދާތީވެ އެ ކައުންސިލުން ވެސް ވަނީ ފެނަކައާ ދެކޮޅަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅަން ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް