ގައިދީންތަކެއް: ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ޓެގު އެޅުވުމަށް ފަހު މިހާތަނަށް 9 މީހަކު ވަނީ ދޫކޮށްލާފައި - (ފޮޓޯ/ކަރެކްޝަންސް)

ޓެގު އަޅުވާފައި 9 މީހަކު ދޫކޮށްލައިފި؛ އިތުރު 92 މީހެއްގެ އެސެސްމަންޓް ހަދަނީ

ޮޕީޖީ އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ގޮތަށް އެދި ހުށަހެޅި 20 މީހެއްގެ ފޯމު ރެޖެކްޓްކޮށް، 9 މީހަކު ވަނީ އެދިފައިވާ ގޮތަށް ޓެގު އަޅުވައި ދޫކޮށްލާފައި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 9 މީހަކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް އެތައް އަހަރެއް ވަންދެން 'ވާނުވާ' ބަންދުގައި ތިބެން ޖެހުމުގެ މައްސަލައިގެ ހައްލެެއް ގޮތުން ބައެއް މީހުން ޓެގު އަޅުވާފައި ދޫކުރަން ފެށީ މިދިޔަ މަހުގެ 28ގަ އެވެ.

ތަފްސީލް - ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން:

  • އިލެކްޓްރޯނިކް މޮނިޓަރިން ނުވަތަ ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ޖުމުލަ 121 މީހަކު ވަނީ އެދިފައި

  • އޭގެ ތެރެއިން 9 މީހަކު މިހާރު ވަނީ ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައި؛ އެސެސްމަންޓް ހެދުމަށް ފަހު 20 މީހަކު ބަންދަށް ލުއި ނުދޭން ނިންމި

  • ބާކީ 92 މީހުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން ހަދަން ޖެހޭ އެސެސްމަންޓް ދަނީ ހަދަމުން

ޓެގު އެޅުވުމަށް ފަހު ބަންދުން ދޫކޮށްލި 9 މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށުގެ ބާވަތް އެއިން ނޭނގެ އެވެ. މިހާތަނަށް ގިނަ ކޯޓު އަމުރުތަކުން ފެނިފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ބައެއް މީހުން އެ ގޮތަށް ބަންދަށް ލުއި ދިން ތަނެވެ.

އެނގުން މުހިންމު - ޕީޖީ އޮފީހުން ކުރިން ބުނީ ފައިގައި ޓެގް އެޅުވުމަށް ފަހު ބަންދަށް ލުއި ދޭނެ މީހުން ކަނޑައަޅަމުން ދަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓުތަކަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއި ދެވޭނީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ ނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދޭން ހަމަޖެހިފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް

  • މަރުގެ މައްސަލަތައް

  • ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް

  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތައް

ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގެ ގޮތުގައި ބަލަނީ ދީނީ ނުވަތަ ސިޔާސީ ގޮތުން ހަރުކަށި ފިކުރެއް ކުރިއެރުމުގެ މުގާބިލުގައި ހިމެނޭ ބައެއް ނުރައްކާތެރި ކުށްތަކެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން

  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން

  • މުދަލަށް ބޮޑެތި ގެއްލުން ދިނުން

  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން

  • އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން

ފާހަގަކޮށްލެވޭ ކަމެއް - ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސީރިއަސް ކުށްތަކުގައި ތިބި މީހުންނެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި ޖިންސީ ކުށް އަދި ޓެރަރިޒަމް ފަދަ ކުށްތައް ހިމެނެ އެވެ.

މި މައްސަލައިގެ މައިގަނޑު ހައްލަކީ ޝަރީއަތްތައް އަވަހަށް ނިންމައި ހުކުމަކާ ހަމައަށް ވާސިލްވުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެ ގޮތުން ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، އަވަހަށް ޝަރީއަތްތައް ނިންމޭނެ ގޮތަށް އެހެނިހެން ގޮތްގޮތުން ވެސް އިންތިޒާމުތައް ހަމަޖައްސަން ޖެހެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޖުރާއަތަކީ، މުޖުތަމައުގެ ރައްކަލަށާއި އިންސާފުގެ ކުރިމައްޗަށް ކުށްކުރި މީހާ ގެނައުމަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ހިންގަމުން ގެންދާ އުސޫލެކެވެ.

ޖިނާއީ އިޖުރާއަތުގެ ތެރޭގައި މި ކަން ހިމަނަން ޖެހުނީ ތިން ކަމެއް މެދުވެރިވާތީ އެވެ. އެގޮތުން:

  • 1-

    ޝަރީއަތް ހިނގަމުންދާ ގައުމު ދޫކޮށް ގޮސް ފިލުމުގެ އިހުތިމާލު އޮތުން

  • 2-

    ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިލާމު އޮތުން

  • 3-

    މުޖުތަމައަށް ނުރައްކަލެއް އޮވެދާނެ ކަމުގެ އިހުތިމާލު އޮތުން

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް