އދ. މާމިގިލި މަތިން. (ފޮޓޯ/ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލި)

އދ. މާމިގިލި

ދަތި ވިޔަސް ސަރުކާރު ރޭޓުގައި މާމިގިއްޔަށް ކަރަންޓު ދޭނަން: ވިލާ

ކަރަންޓު ޓެރިފްތައް ކުޑަކޮށް، މި މަހުން ފެށިގެން އަމަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. ވިލާ ޔުޓިލިޓީސްއިން ބުނާ ގޮތުގައި އެ ކުންފުނިން ވެސް މި މަހުން ފެށިގެން ބިލު ތައްޔާރުކުރާނީ އާ ޓެރިފް ރޭޓުތަކުގައި

ދަތިތަކެއް ހުރި ނަމަވެސް މި މަހުން ފެށިގެން މާމިގިލީގެ ގޭބިސީތަކަށް ކަރަންޓު ބިލު ތައްޔާރުކުރާނީ ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓުތަކުގައި ކަމަށް އެ ރަށަށް ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ވިލާ ޔުޓިލިޓީސްއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގޭބިސީތަކުގެ ކަރަންޓަށް ނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.

ރައީސް ވިދާޅުވީ ޖޫން މަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓު ކުޑަކޮށް އެކަން ތަންފީޒު ކުރުމަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް އިއުލާންކުރެއްވި ކަރަންޓުގެ އާ ޓެރިފް ރޭޓުތަކާއި ކުރީގެ ރޭޓުތައް.

ބުނީ ކީކޭ؟ - މިކަމާ ގުޅޭގޮތުން ވިލާ ޔުޓިލިޓީސްއާ ސުވާލުކުރުމުން އެ ކުންފުނީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި 1 ޖޫންއިން ފެށިގެން މާމިގިލީގެ ގޭބިސީތަކަށް ވެސް ކަރަންޓު ބިލު ތައްޔާރުކުރާނީ އާ ޓެރިފް ރޭޓުތަކުގަ އެވެ.

"އަޅުގަނޑުމެން މެއި މަހުގެ ބިލު ތައްޔާރުކޮށް، މިހާރު ފޮނުވަމުން މި ދަނީ. އެކަމަކު 1 ޖޫންއިން ފެށިގެން ބިލު ތައްޔާރުކުރާނީ އާ ޓެރިފް ރޭޓުތަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

ތަފްސީލު - އޭނާ ވިދާޅުވީ މިހާރު ވެސް ކަރަންޓު ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އާ ޓެރިފް ރޭޓުތަކަށް އަމަލުކުރަން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެއްވެސް ސަބްސިޑީއެއް ދީގެނެއް ނޫނެވެ.

"އަޅުގަނޑުމެން މީގެ ކުރިން ވެސް ދިމާވާ ދަތިތަކުގެ ވާހަކަ އެކި ފަހަރު މަތިން ސިޓީއިން ހިއްސާކުރިން. އެހެން ކުންފުނިތަކަށް ލިބޭ ގޮތަށް އަޅުގަނޑުމެންނަށް ސަބްސިޑީއެއް ނުލިބޭ. އެކަމަށް ވެސް އެދުނިން،" އޮފިޝަލް ވިދާޅުވި އެވެ.

މި ބަދަލާ އެކު ހިދުމަތް ދިނުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާ ނަމަ، އޭނާ ވިދާޅުވީ އެކަން ވެސް ހިއްސާކުރައްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް