ފަތާ ޓްރެކް ކުރިމަތީގައިވާ ބަސް ސްޓޮޕް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްޓީސީސީ

ޓިކެޓު ސިސްޓަމަށް މައްސަލަ ޖެހުމުން ބަހުގައި ހިލޭ ދަތުރުކުރެވޭ ގޮތް ހަދައިފި

އެމްޓީސީސީން ބުނި ގޮތުގައި، މި މައްސަލަ ޖެހުނީ މާލެ އާއި ހުޅުމާލޭން މިއަދު ކަރަންޓު ކެނޑުމާ ގުޅިގެން ކަމަށް

މުޅި މާލެއާއި ހުޅުމާލޭން ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީގެ ބަސް އަދި ފެރީ ހިދުމަތުގެ ޓިކެޓު ސިސްޓަމަށް ވެސް ބުރޫ އަރައިފި އެވެ.

ވީ ކިހިނެއް؟ - މާލެއާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރެވެ. އޭގެ ފަހުން ދެ ގަޑިއިރެއްހާއިރު އަދި ކަރަންޓު ދެވުނީ ބައެއް ސަރަހައްދުތަކަށެވެ.

އެމްޓީސީސީން ދެންމެ ބުނި ގޮތުގައި، ކަރަންޓު ކެނޑުމުގެ ސަބަބުން ޓިކެޓު ނެގުމުގެ ހިދުމަތަށް ވެސް ބުރޫ އަރައިފަ އެވެ. ނަމަވެސް ބަސް އަދި ފެރީގެ ހިދުމަތް މެދުނުކެނޑޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބުނީ ކީކޭ؟ - "އާންމު ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ވާހަކަ ހުރިހާ ކަސްޓަމަރުންގެ ސަމާލު ކަމަށް ދަންނަވަން، ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ވާހަކަ ދަންނަވަން،" އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓްގައިވެ އެވެ.

ގުޅުން ހުރި - ކަރަންޓު ކެނޑުނު މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގެއް ވަނީ ފަށައިފަ އެވެ. ފުލުހުންގެ ހާއްސަ ތަހުގީގެއް މި ފެށީ، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް