ވެލިދޫގެ 500 އަހަރަށްވުރެ ގިނަ ދުވަސްވީ ބޮޑު ނިކަގަހުން ބޮޑު ގޮފިގަނޑެއް ވެއްޓިފައި - (ފޮޓޯ/ ވެލިދޫ ކައުންސިލް)

ނ. ވެލިދޫ

ވިއްސާރާގައި ވެލިދޫގެ 500 އަހަރުވީ ނިކަގަހުގެ ބޮޑު ގޮފިގަނޑެއް ވެއްޓިއްޖެ

ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން ވިދާޅުވީ އެ ގަހުގެ އުމުރު 520 އަހަރަށް އަރާކަން ހެރިޓޭޖު މިނިސްޓްރީން ބުނެފައިވާ ކަމަށް

އިއްޔެ ކުރި ވިއްސާރާގައި ނ. ވެލިދޫގައި 500 އަހަރަށް ވުރެ ގިނަ ދުވަސްވީ ނިކަގަހުގެ ބޮޑުގޮފިގަނޑެއް ވެއްޓިއްޖެ އެވެ.

ވީކިހިނެއް؟ - ވެއްޓުނީ އެތައް އަހަރެއްވީ އެ ނިކަގަހުގެ ބައެކެވެ. އެ ބޮޑު އޮފިގަނޑު ވެއްޓިފައިވާ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯތައް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ވެއްޓިފައިވަނީ ނިކަގަހުގެ ބޮޑު ގޮފިގަނޑެކެވެ. ނިކަގަސް ކައިރީ ހަދާފައި ހުރި ވޮލީ ކޯޓުގެ ޓާފު މައްޗަށް ނިކަގަހުގެ އޮފިތައް ވެއްޓިފަ އެވެ.

ތަފްސީލް - ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން 'ދައުރު'އަށް ވިދާޅުވި ގޮތުގައި ނިކަގަސް ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އިއްޔެ އެ ކަން ހެރިޓޭޖު މިނިސްޓްރީއަށް ކައުންސިލްގެ ފަރާތުން ރިޕޯޓްކުރިކަން އާތިފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގަހުގެ އުމުރު 520 އަހަރަށް އަރާކަން މިނިސްޓްރީގެ ފަރާތުން މިހާރު ފާހަގަކޮށްދީފައިވެ އެވެ.

"ހެރިޓޭޖު މިނިސްޓްރީގެ ލިޔެކިޔުންތަކުން، ގަހުގެ އުމުރު 520 އަހަރަށް އަރާ ކަން އެބަ ފެނޭ. މިނިސްޓްރީއަށް އިއްޔެ ރިޕޯޓްކުރުމުން އެ މައުލޫމާތު ހިއްސާކޮށްދީފައިވޭ. ރަށު ތެރޭގައި އަބަދު ވެސް ކިޔައި އުޅެނީ 300 އަހަރަށް ވުރެ ދުވަސް ވާނެއޭ،" އާތިފް ވިދާޅުވި އެވެ.

ނިކަގަހުގެ ގޮފިގަނޑު ވޮލީ ކޯޓަށް ވެއްޓުމުން ވޮލީ ކޯޓުގެ ޓާފް ކާޕެޓަށާއި ރުސްޓޮމް ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް