ޑަބްލިޔުއެޗުއޯގެ ހާއްސަ އެވޯޑް ރައީސް މުހައްމަދު މުއިއްޒަށް ރޭ އެރުވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު (ފޮޓޯ ރައީސް އޮފީސް)
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ރައީސް މުއިއްޒަށް ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑެއް
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ އަގު ވަޒަންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރައީސް މުހައްމަދު މުއިއްޒުއަށް ހާއްސަ އެވޯޑެއް ރޭ އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މި އެވޯޑު އެރުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ. އެގޮތުން:
-
ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް އިއުލާން ކުރެއްވީ، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރަން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގަ އެވެ.
-
ރޭ ބޭއްވި ޖަލްސާގައި މި އެވޯޑު ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު
މި ހަފްލާގައި ރައީސް އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތީ ޑަބްލިއުއެޗްއޯގެ ދައުވަތަކަށެވެ.
ތަފްސީލް - ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާރީފުކޮށްފަ އެވެ.
އެގޮތުން ބުނީ:
-
އެއީ ހަމައެކަނި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ނޫން
-
އެއީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން އެހެން ގައުމުތަކަށް ވެސް ވަރަށް ހަރުދަނާ ނަމޫނާއެއް
-
މި ރޮނގުން ރާއްޖެއިން ގެންގުޅޭ ސިޔާސަތަކީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއް
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކުގެ ސަބަބުން ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އޭގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީ އާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުން ފާހަގަކުރި އެވެ.
އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން ދާ ކަމަށެވެ. އެގޮތުން އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ސިއްހީ ދާއިރާއަށް ބޭނުންވާ ދިވެހި ނަރުހުން ލިބުމުގެ ދަތިތައް ކަމަށް ވިދާޅުވި އެވެ.