މަލިކު މީހުން މުޒާހަރާ ކުރަނީ.

މަލިކު

މަލިކުގައި ދިވެހިބަސް ކިޔަވައިދިނުން މަނާ ކުރުމުން މުޒާހަރާކޮށްފި

ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން މި މަހު 14 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، މަލިޔާލަމް ބަހުން ކިޔަވައިދޭ ސްކޫލްތަކުގައި މަލިޔާލަމް ބަހާއި އިނގިރޭސި ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް
27 މޭ 2025

ގައުމީ ކަރިކިއުލަމް ސިޔާސަތުގެ ދަށުން އިންޑިއާގެ ލަކްޝަދީބުގައި ދިވެހިބަސް ކިޔަވައިދިނުން ލަކްޝަދީބުގެ އިދާރާ އިން މަނާ ކުރުމުން މަލިކު މީހުން މިދިޔަ އާދިއްތަ ދުވަހު މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާގެ ބައިވެރިއަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ލަކްޝަދީބުގެ ރަސްމީ އިދާރާ އިން މަލިކުގައި، އެ މީހުންގެ މާދަރީ ބަސް ކަމަށްވާ ދިވެހިބަސް ކިޔަވައިދިނުން ސްކޫލްތަކުގައި މަނާކޮށްފައިވާ ކަމަށާއި އެ މީހުން އެކަމާ މަޑުން ނުތިބޭނެ ކަމަށެވެ. އޭނާ ބުނީ އެ މީހުންނަކީ ކޮން ބައެއްކަން ރަމްޒުކޮށްދެނީ އެ މީހުންގެ މާދަރީ ބަހުން ކަމަށާއި އެކަން މަނާ ނުކުރެވޭނެ ކަމަށެެވެ.

އޭނާ ބުނީ ރަސްމީ އިދާރާ ނުބައި ބައެއްގެ އަތްމައްޗަށް އަރާފައިވާ ކަމަށާއި އެކަމާ އެ މީހުން އިހުތިޖާޖު ކުރާނެ ކަމަށެވެ.

އެ މުޒާހަރާގައި މަލިކުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފަ އެވެ.

ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން މި މަހު 14 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، މަލިޔާލަމް ބަހުން ކިޔަވައިދޭ ސްކޫލްތަކުގައި، މަލިޔާލަމް ބަހާއި އިނގިރޭސި ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށެވެ. އަދި އިނގިރޭސި މީޑިއަމް ސްކޫލްތަކުގައި އިނގިރޭސި ބަހާއި މަލިޔާލަމް ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް ވެސް އަންގާފައިވެ އެވެ.

އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގައި އެ ސަރަހައްދު ތަމްސީލުކުރައްވާ މެންބަރު ހަމަދުﷲ ސައީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އެންގުން އެންގީ ސްކޫލްތައް ހޫނު މޫސުމަށް ބަންދުކޮށްފައި ވަނިކޮށް ކަމަށާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަކާ ނުލާ ކަމަށެވެެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް އެ ކުދިންގެ މާދަރީ ބަސް ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ އެންގުންތަކާ ވެސް ހިލާފު ކަމެެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ގޮވާލައްވާފައިވަނީ އެ ނިންމުން އަނބުރާ ގެންދިޔުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް