ރައުދު އަހުމަދު ޒިލާލް: ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރޭ
ރައުދަށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި
އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ މަހު 25ގަ އެވެ. އޭގެ ފަހުން ހައްޔަރުކުރިތާ އިއްޔެއަށް މަހެއް ވަނީ ވެފަ އެވެ. ތަހުގީގުގެ މުއްދަތު އިތުރުނުކުރާނަމަ އިއްޔެއަށް ތަހުގީގުގެ މުއްދަތު ވެސް ހަމަވާނެ އެވެ.
ތަފްސީލް - ރައުދުގެ ވަކީލު 'ދައުރު'އަށް ވިދާޅުވީ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަން ފުލުހުން އަންގާފައިވާ ކަމަށެވެ.
ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވިކަން ފުލުހުން ވެސް ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ޕީޖީ އޮފީހަށް މައްސަލަ ލިބުނުކަން އެ އޮފީހުން ވެސް 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ. ޕީޖީ އޮފީހުން ބުނީ އެ ކޭސް އެ އޮފީހުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"ގާނޫނުގައިވާ ގޮތުގެ މަތިން 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.
ނަމަވެސް ރައުދަށް ކުރާ ތުހުމަތުތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުރަތަމަ ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހަކަށް އެހީތެރިކަން ނުދިނުމުގެ ތުހުމަތުކޮށްފައިވެ އެވެ.
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.
ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.
އެ އަމުރު ނޫސްތަކުން ގެނެސްދިން ފަހުން ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ވެސް ފަށާފައިވެ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރައުދުގެ ބަންދު މަޖިލިސްތައް ސިއްރުކުރަން ނިންމީ ގާނޫނުއަސާސީގެ 42ވަަނަ މާއްދާއިން ކޯޓަށް ލިބިދޭ ބާރުގެ ދަށުންނެވެ:
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޝަރީއަތް ސިއްރުކުރެވޭ ތިން ހާލަތެއް ބަޔާންކޮށްފައި އޮވެ އެވެ. އެ ތިން ހާލަތަކީ:
-
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުން
-
ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން
-
އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުން
ފާހަގަކޮށްލެވޭ - ޔުމްނު ހޭއެރި ފަހުން ހާދިސާ ހިނގި ގޮތް އާއިލާއަށް ކިޔައިދިން ކަމަށް ބުނެ އާއިލާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުމްނުއާ ހަވާލާދީ އޭނާ އަމިއްލައަށް ނުވެއްޓޭ ކަމަށް ބުންޏެވެ. އަދި ވެއްޓުނުއިރު ރައުދުގެ އިތުރުން ވެސް ބަޔަކު ތިބި ކަމަށް ތުހުމަތުކުރި އެވެ.
ނަމަވެސް ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންވެ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.