ސިފައިންގެ އަހަރީ ޖަލްސާގައި ސިފައިންތަކެއް ބައިވެރިވަނީ : 400އަށް ވުރެ ގިނަ ޒުވާނުން ސިފައިންގެއަށް ވައްދާ ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅައިފި

ޒުވާނުން

ސިފައިންގެއަށް ވައްދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް 600އަށް ވުރެ ގިނަ ޒުވާނުން ހުށަހަޅައިފި

އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 316 ޒުވާނުން ހިމެނޭ؛ އެއީ 120 އަންހެން ޒުވާނުން އަދި 538 ފިރިހެން ޒުވާނުން

ކިޔަވައި ނިމޭ ތަނުން ޒުވާނުން ސިފައިންގެ ހިދުމަތަށް ވައްދަން ކުރިއަށް ގެންދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 600އަށް ވުރެ ގިނަ ޒުވާނުން ހުށަހަޅާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސްކޫލް ދައުރުގައި ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ދިނުމުގެ އިތުރުން ސަލާމަތީ ބާރުތައް ކުރިއެރުމަށް ކޮންމެ އަހަރަކު ސިފައިންގެ 1،000 މީހުން ރެކްރޫޓް ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.

ޕްރޮގްރާމަށް ކުރިމަތިލި ޒުވާނުންގެ މައުލޫމާތު ރައީސް ހިއްސާކުރެއްވީ، ގޭންގު ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު އެ މަނިކުފާނު ތަސްދީގުކުރެއްވުމަށް ފަހު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - ކުށުގެ ވެއްޓަށް ވަންނަމުންދާ ޒުވާނުން ހަރުދަނާ ޒުވާނުންނަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ އެ ކަމަށް ސަރުކާރުން ކުރާ މަސައްކަތް ކަމަށެވެ.

"ސީދާ މި ވަގުތު އެޕްލިކޭޝަންގެ ޖުމުލަ އަދަދު ހުރި ވަރަށް ޔަގީނެއް ނޫން. އެހެން ނަަމަވެސް އެންމެ ފަހުން މައުލޫމާތު ބެލި އިރު ގާތްގަނޑަކަށް 400އެއްހާ ކުދިން އެޕްލައިކޮށްފި މިހާރު، މާ ބޮޑު އިޝްތިހާރެއް ވެސް ނުކުރުމެއްނު އަޅުގަނޑުމެންނެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން 200އަށް ވުރެ ގިނަ ޒުވާނުންނަކީ އުމުރުން 18 އަހަރު ނުފުރޭ ކުދިންނެވެ. ޑިފެންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް އެ ޒުވާނުން ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހެޅީ ބެލެނިވެރިޔާގެ ރުހުން އޮތް ކަމުގެ ލިޔުމާ އެކު ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"މަގުމަތިވެފައި ތިބި ކުދިން، ކުށަށް އަރައިގަންނަ ކުދިން، މަޖުބޫރީ ހާލަތެއްގައި ޖެހިގެން ވެސް ވަންނަ ބައެއް ކުދިން މައިންބަފައިން އެ ވެށިން އެ ކުދިން ނެރެން ބޭނުންވާކަން. މި ފުރުސަތުގެ ބޭނުންހިފަން ބޭނުންވާކަން. ސަރުކާރަށް މި ކަމުގައި އިތުބާރުކޮށް ޕްރޮގްރާމްގައި ބައިވެރިކޮށްގެން އެ ކުދިންނަށް ދިރިއުޅެއް ހޯދަން ބޭނުންވާކަން،" ރައީސް ވިދާޅުވި އެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ - (ފޮޓޯ/ މަޖިލީސް)

އޭގެ ފަހުން، ސީދާ އަދަދު ސާފުކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ މިއަދާ ހަމައަށް 658 ޒުވާނުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން:

  • އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 316 ޒުވާނުން ހިމެނޭ

  • 120 އަންހެން ޒުވާނުން އަދި 538 ފިރިހެން ޒުވާނުން

އެނގުން މުހިންމު - ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ ކިޔަވައި ނިމޭ ތަނުން ވަޒީފާގެ މާހައުލަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ދަތިވާ ޒުވާނުން ގައުމަށް ބޭނުންތެރި ބަޔަކަށް ހަދާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ އެ ވިސްނުން އިއުލާންކުރެއްވީ މިދިޔަ އަހަރު ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ. ރައީސް އޭރު ވިދާޅުވި ގޮތުން:

  • އެ ޕްރޮގްރާމުގައި ބައިވެރިވެގެން އަސްކަރީ ތަމްރީނު ހޯދަން ޖެހޭނެ

  • ތަމްރީން ހޯދައިގެން ޕްރޮގްރާމު ނިންމާ މީހުން ސިފައިންގެ ނުވަތަ ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ

  • މީގެ ނަތީޖާއަކީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ސަލާމަތީ ބާރުތަކަށް ގާތްގަނޑަކަށް 5000އެއްހާ އޮފިސަރުން އިތުރުވުން

  • މި ޕްރޮގްރާމު ހިންގުމަށް މި އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ހާއްސަ ކުރާނެ؛ އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އެ އަދަދުގެ ބަޖެޓެއް އެ ޕްރޮގްރާމަށް އިތުރު ކުރާނެ

ކޮމެންޓް (2)

ާޑޮންޑޮން

25 މޭ 2025
ސުވާލަކީ ތި ހުރިހާ ކުދިންނަކީވެސް މަގުމަތިވެގެން ކުރާނެކަމެއް ނެތިގެން ކުށަށް އަރައިގަންނަމުންދާ ކުދިންތޯއެވެ؟ ގިނަވާނީ ވަޒީފާއެއް ނުލިބެން ވަޒީފާއެއް ހޯދުމުގެ ނިޔަތު އެޕްލައި ކުރި މީހުން.
1 0

ސިކުނޑި

25 މޭ 2025
މިކަމުގައި ދިމާވާދެ ކަންކަމަށް ތައްޔާރުވެގެން މިކަން ފެށާނެކަމަށް އުއްމީދު ކުރެވޭ! އިންސާނީ ހައްގުތަކާއި ކުޑަކުދީންގެ ގާނޫނުން ލާޒިމުކުރާ ކަންކަމަށް ބަލައި މިކަން ރަނގަޅަށް ކުރާނަމަ ސިފައިން ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއް ހިންގުމަކީ ވަރަށް މުހިންމުކަމެއް! އަސްކަރީ ތަމްރީނަކަށްދާއިރު، ސިޔާސީ ބޭނުމަށް ނަންބަރު އިތުރު ކުރުމުގެ ބަދަލުގައި ހަރުދަނާ ޝަރުތު ތަކެއް ކަނޑައަޅައި އެކަން ކުރެވޭނެ ރަނގަޅު މަގެއް ހޯދުމަކީ މުހިއްމުކަމެއް! ޚުދު ސިފައިންގޭގައި މިފަދަ ގާބިލުކަމެއް ހުރިތޯ ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭނެ! ކަމެއްދިމާވީމާ ބަޔާން ނެރުމުގެ ބަދަލުގައި ކަމަކުން ދުރުވުމަށް މަސައްކަތް ކުރުން ބުއްދިވެރިވާނެ! ތަމްރީނުތަކުގައި ކުދިން ނިޔާވުމަކީ މިހާރަކަށްއައިސް އާންމުކޮށް ދިމާވާކަމެއް!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް