އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސް މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޒިޔާރަތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

2026އަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރަކަށް ހަދަނީ

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރު އުފެއްދުންތެރިކަމަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަަށް

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރޭ ކުރެއްވި ޒިޔާރަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ރޭ ދެއްވި ބަސްދީގަތުމެއްގަ އެވެ. ރައީސް ވިދާޅުވީ އެކަން ކުރައްވާނީ މަޝްވަރާކުރައްވައި ޕްލޭން ކަނޑައަޅުއްވައިގެން ވަށާޖެހޭ ގޮތެއްގައި ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އަންނަ އަހަރު އުފެއްދުންތެރިކަމަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ކްރިއޭޓިވް އިކޮނަމީއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ވަރަށް މުހިންމު ވައުދެއް ކަމަށެވެ.

އެގޮތުން، 2030 ވަނަ އަހަރު އަންނައިރު މުޅި ޖީޑީޕީގެ %15 އާމްދަނީ ކްރިއޭޓިވް އިންޑަސްޓްރީން ލިބޭ މިންވަރަށް އެ ސިނާއަތް ފުޅާކުރެއްވުމަށް ގެންގުޅޭ ލަނޑުދަނޑި އޭގެ ކުރިން ހާސިލުކުރެވޭނެ ކަމަށް މިފަހަރުގެ މައުރަޒަށް ބައްލަވައިލެއްވުމުން ވެސް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ:

  • ޑިޖިޓަލައިޒްކޮށް، ތަކެތި އެކި ކަންކޮޅުތަކަށް ފޯރުކޮށްދެވި، އެއިން މަންފާ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ

  • މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ވަރަށް ކާމިޔާބު މައުރަޒެއް

  • އަމިއްލަ ފަރުދުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދޭނެ

  • އަމިއްލަ މުއްސަނދިކަމާއި މުޅި ގައުމުގެ މުއްސަނދިކަން ހާސިލުކުރުމަށް އެންމެން ގުޅިގެން އެކުގައި ކުރިއަށްދާން ބޭނުންވޭ

މި މައުރަޒުގެ މަގްސަދަކީ ދިވެހި އުފެއްދުންތެރިކަމަށް ފުރުސަތު ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަން ހާސިލުވެފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑު މެދުކެނޑުމަކަށް ފަހު އަލުން މައުރަޒު ބޭއްވުމަކީ ފެށުމެއް ކަމަށާއި މި ފެށުން ބަލައިގެންފައިވާ މިންވަރު، މައުރަޒަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025، ރައީސް އިފްތިތާހުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. މި މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް