ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި މީހަކު ތައްޔާރުވަނީ: މިދިޔަ ހަފުތާތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި - (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގައި ވެސް ކޮވިޑް ރޯގާ އިތުރުވެއްޖެ؛ ސަމާލުވާން އެދިއްޖެ
ރާއްޖޭގައި މިދިޔަ މަދު ހަފުތާތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ ކަމަށް މި ބުނީ ތައިލެންޑާއި ސިންގަޕޫރާއި ކައިރި ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ތަފްސީލް - ހެޗުޕީއޭގެ މީޑިއާ ގްރޫޕަށް މީޑިއާ އޮފިޝަލަކު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިދިޔަ ހަފުތާތަކުގައި ކޮވިޑް-19ގެ ކޭސްތައް ކުރިއަށް ވުރެ ކޮންމެ ވެސް ވަރަކަށް އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އޭގެ އަދަދުތަކެއް އޮފިޝަލް ހިއްސާއެއް ނުކުރައްވަ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެހެން ބާވަތުގެ ރޯގާ ވެސް ފެތުރުން އިތުރުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން:
-
ޑެންގޫ، ވައިރަލް ފީވާ، އިންފްލުއެންޒާ ވެސް ދަނީ ފެތުރެމުން
-
މިއީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަށް އާންމުވާ ރޯގާތަކެއް
ހެލްތު މިނިސްޓްރީން ބުނީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މައުލޫމާތު އަދާހަމަވަމުންދާ ވަރަކަށް މީޑިއާއަށް ވެސް ހިއްސާކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.