އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން އަނެއްކާވެސް ހައި ކޯޓުން ނިންމައިފި
މީގެ ހައެއްކަ އަހަރު ކުރިން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން އަނެއްކާވެސް މިއަދު ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - އަނަސް، ފެންފިޔާޒުގެ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލި އެވެ. އެއީ:
ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:
-
އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ
-
އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ
-
އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ
ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:
-
ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް
-
ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ
-
ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ
-
މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ
ވީ ކިހިނެއް؟ - އަނަސްގެ މަރަށް ހަ އަހަރު ފަހުން، 25 ފެބްރުއަރީ 2024ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. އެގޮތުން، 16 މެއި 2024ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނު ނަމަވެސް ބަންދު ނުކުރަން ހައި ކޯޓުން ނިންމި އެވެ.
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ހުކުމްކުރީ ހައި ކޯޓުން ބަންދުނުކުރުމަށް ނިންމީ ގާނޫނުގައި އެ ހާލަތުގައި ބަލަން ބުނާ ކަންކަމުގެ ބޭރުން އެހެން ކަންކަން ބަލައިގެން ކަމަށެވެ. އެހެންވެ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.
ތަފްސީލް - ހައި ކޯޓުން މިއަދު ހުކުމްކުރީ ސުޕްރީމް ކޯޓުން އެންގި ގޮތަށް މައްސަލަ ބެލުމުން ވެސް ދައުވާ ރައްދުވާ މީހުން ބަންދުކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެ ގޮތުން ހުކުމުގައި ފާހަގަކޮށްފައިވަނީ:
-
އިސްތިއުނާފްގެ މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދެން ވާނީ އިސްތިއުނާފްގެ މަރުހަލާގެ ތަރަހައިގެ ތެރެއިން
-
އިސްތިއުނާފްގެ ޝަރީއަތުގައި އަލުން މުޅި މައްސަލަ ބެލުމެއް ނޯވޭ؛ އެއީ ހަމައެކަނި ދަށު ކޯޓުގައި ގާނޫނާ ހިލާފު ގޯހެއް ހެދިފައިވާކަން ފާހަގަކޮށް އެ ކަން ރަނގަޅުކުރަން ދެވޭ ފުރުސަތެއް
-
ދަށު ކޯޓުގައި ހިނގި ޝަރީއަތަށް ހުށަހެޅި ހުރިހާ ހެއްކެއް ވަޒަންކޮށްގެން އިސްތިއުނާފްގެ މަރުހަލާގައި އެއްވެސް ފިޔަވަޅެއް އެޅުމަކީ އޭގެ ތަރަހައިން ބޭރުވުން
-
ތުހުމަތުކުރެވޭ ވަރަށް ހެކި ހުރިތޯ ބަލަން ޖެހެނީ އިސްތިއުނާފުގެ ތަރަހައިގެ ތެރެއިން؛ އެކަމަކު އެ ތަފްސީލްތަކެއް ދައުލަތަށް ހުށަހަޅައިދެވިފައެއް ނުވޭ
ހައި ކޯޓުން މި ގޮތަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:
-
މުހައްމަދު ޝަނީޒް އަބްދުﷲ (ރިޔާސަތު)
-
މުހައްމަދު ފައިސަލް
-
މުހައްމަދު ސަލީމް
ފަސްމަންޒަރު - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވާފައި ވަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން އެންމެން ވެސް މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.