މީގެ ކުރިން ކުރި ކައިވެންޏެއްގައި ދެމަފިރިންގެ ފޮޓޯޝޫތެއް. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ކައިވެނި

އުންމީދީ ކައިވެނި ޕާޓީ ފެނަށް: ދުވަހަކު ވެސް ހަނދާނުން ނުފިލާނެ

ހަޔާތުގެ އެންމެ ބޮޑު ދުވަސް އޮމާންކޮށް ކުރިއަށްގެންދިއުމަށްޓަކައި ނަދާގެ ދެމަފިރިން ވެޑިން ޕްލޭނަރަކަށް ބޮޑު އަދަދަކުން ފައިސާ ދިނީ ވަރަށް ބޮޑު އުންމީދަކާ އެކު؛ ނަމަވެސް ޕާޓީ އޮތް ދުވަހު 'ޖަސްޓް މެރިޑު' ކިޔާ އެ ޕްލޭނަރު ގެއްލި، ދެން ހިނގާދިޔައީ އެއްވެސް މީހަކު ބޭނުންވާނެ ކަހަލަ ކަންކަމެއް ނޫން

"ޖަސްޓު މެރިޑް (ހުނައިން) އެންޑް ހައުސް އޮފް ޖޭޑް ރުއިންޑް މައި ވެޑިން ޑޭ،" އައިޝަތު ނަދާ ފޭސްބުކްގައި ޖެހި އަސަރުގަދަ ސްޓޭޓަސްއެއްގައި ބުނެފައިވެ އެވެ.

ކައިވެނި ޕާޓީއަކާ މެދު ކޮންމެ މީހަކު ވެސް ވަރަށް ފޮނި އުންމީދުތަކެއް ކުރާނެ އެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ ކައިވެނީގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް، ރޭވި ގޮތަށް، އޮމާންކޮށް ކުރިއަށް ދިއުމަށެވެ. ނަދާގެ ސްޓޭޓަސްއިން އޭނާ ކުރި އުންމީދުތައް ވަރަށް ސާފުކޮށް ބުނެދެ އެވެ. އެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސަން ހަވާލުކުރީ 'ޖަސްޓު މެރިޑް'އޭ ކިޔާ ބަޔަކާ އެވެ. އެއީ ބައެއް ވެސް ނޫނެވެ. އެ ޕޭޖު ހިންގަނީ، އެެނގިފައިވާ ގޮތުގައި މުހައްމަދު ހުނައިން ނަމަކަށް ކިޔާ އެންމެ މީހެކެވެ. މިއީ އެ އުންމީދުތައް ބޮލާލާޖަހައި، ޖަސްޓު މެރިޑުން، ޖަސްޓު މެރިޑް ދެމަފިރިއެއްގެ ކައިވެނި ޕާޓީ ފެނަށް ދުއްވާލި ގޮތެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނަދާގެ ދެމަފަރިންގެ ކައިވެނި ޕާޓީ ބޭއްވީ ހައުސް އޮފް ޖޭޑުގަ އެވެ. އެ ޕާޓީ ޒީނަތްތެރި ކުރުމަށް ޖަސްޓު މެރިޑުން ވެޑިން ޕެކޭޖެއް ނެގީ 44،000ރ. ދީފަ އެވެ. އެއީ 250 މީހުންގެ ކޭޓަރިން އާއި ވެނިއުގެ އަގު ވެސް ލައިގެންނެވެ.

ކައިވެނި ޕާޓީ އާއި ހަފްލާތައް ބާއްވާ ހައުސް އޮފް ޖޭޑް. (ފޮޓޯ/ހައުސް އޮފް ޖޭޑް ފޭސްބުކް)

އެ ޕެކޭޖަށް ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓުތައް ބަރާބަރަށް އޮތީ ދައްކާފަ އެވެ. ބާކީ އޮތް 2،000ރ.އަކީ ކައިވެނި ޕާޓީ އޮންނަ ދުވަހު، ހުރިހާ ކަމެއް ފުރިހަމައަށް ނިމުމުން ދޭން އެއްބަސްވެފައިވާ އަދަދެކެވެ. އެކަމަކު އެ އަދަދު ނަދާ ނުދޭނެ ސަބަބު އޭނާގެ ސްޓޭޓަސްގައި ވަރަށް ތަފްސީލުކޮށް ވަނީ ކިޔައިދީފަ އެވެ.

ކައިވެނި ކުރީ ހަވީރު 4 ޖެހިއިރެވެ. ޕާޓީ އޮތީ 5 އިން 7:30 އަށެވެ. އެކަމަކު ކައިވެނިކޮށް ނިމި، ޕާޓީ ފެށިއިރު ވެސް ހައުސް އޮފް ޖޭޑުން ކާއެއްޗެހި ނާތުރަ އެވެ. މެހެމާނުން އައިސް ތަން ފުރާލައި، ޕާޓީ ނިމެން ގަޑިއިރަކަށް ވީ އިރު ވެސް ބަދިގެއިން އެތަކެތި ނެރެނުދިނެވެ.

ނަދާގެ ގްރޫމް އާއި ބޭބެ، 5:45 ވަންދެން ތަކުރާރުކޮށް ހުނައިންއަށް ގުޅަމުންދިޔަ އެވެ. އޭނާގެ ޖަވާބަކީ ބަލަމުންދާ ކަމަށެވެ. އެންމެ ފަހުން ވެގެން އުޅޭ ގޮތް އެނގުނީ އެ މީހުން ގޮސް ކޭޓަރިން މުވައްޒަފުންނާ ވާހަކަ ދެއްކުމުންނެވެ – ކާއެއްޗެހި ހުރީ ބަދިގޭގައި ތައްޔާރަށް، ހޫނުކަން މަތީގަ އެވެ. އެކަމަކު ހުނައިން ދައްކަން ޖެހޭ ފައިސާ ނުދީ އޮތުމުން ހައުސް އޮފް ޖޭޑުގެ ވެރިފަރާތުން އޮތީ އެ ތަކެތި ނެރުން މަނާކޮށްފަ އެވެ.

ކަން ހިނގި ގޮތް ބަލައިލިއިރު މީގެ ކުރިން ބޭއްވި އިވެންޓުތަކުން ހުނައިން ވަނީ ހައުސް އޮފް ޖޭޑަށް 37،000ރ. ނުދައްކަ އެވެ. އެކަމަކު އެއީ އެ މީހުންނަށް އަދަބު ދޭން ޖެހޭ ކަމެއް ނޫނެވެ.

ކޭޓަރިން ސްޓާފުން ކައިރީގައި އާދޭސްކޮށްގެން ވެސް ކާތަކެތި ނެރެނުދިނުމުން ނަދާއަށް ނެތް ނުކުރެވި، ރޮވެން ފެށުމާ އެކު އޭނާގެ ފިރިމީހާ އާއި ދެމަފިރިންގެ އާއިލާއިން ބަދިގެއަށް ވަދެ، އެ ސާމާނު ނެރުނެވެ. މޭޒުމަތީގައި އެތުރީ ވެސް އެ މީހުންނެވެ. މެހެމާނުންނަށް ހިދުމަތް ދޭން ޖެހުނީ ވެސް އެ މީހުންނަށެވެ. ހައުސް އޮފް ޖޭޑުގެ ވެރިން ދައްކާލީ ނަދާގެ ބައްޕަ ގުޅައިގެން ފުލުހުން އެ ތަނަށް ދިއުމުންނެވެ.

ޕާޓީ ފެށެންވާއިރަށް ހުނައިން ފިލީ އެވެ. ނަދާގެ ސްޓޭޓަސްގައި ބުނެފައިވާ ގޮތުގައި އެ މީހުން އެއްބަސްވެ، ފައިސާ ދެއްކި ވަރާ ގާތަށް ޑެކަރޭޓު ވެސް ކޮށްނުދެ އެވެ. ހަވީރު ކައިވެނި އޮތްއިރު، އެ ދުވަހު މެންދުރު ވެސް ދެމަފިރިން ޖެހުނީ ކަންކަން ފުރިހަމަނުވެގެން ހުނައިން ފަހަތުން ދުވާށެވެ. ވަކި ހިސާބަކުން ނުވާނެކަން ގަބޫލުކޮށް، ކައިވެންޏަށް ތައްޔާރުވާން ދިޔައީ ވެސް ރޮމުންނެވެ.

އެއީ ފުރަތަމަ ބައްދަލުވުމަށްފަހު ކައިވެންޏާ ހަމައަށް ވެސް ކަން ހިނގަމުންދިޔަ ގޮތެވެ. ކުރާ މެސެޖުތަކަށް ހުނައިން ޖަވާބުނުދޭއިރު، ނަދާ ބުނި ގޮތުގައި އަބަދުވެސް ޕާޓީއާ ގުޅޭ ކަންކަން ފުރިހަމަނުވެގެން އޭނާގެ ފަހަތުން ދުވީ އެވެ.

ހައުސް އޮފް ޖޭޑުގެ ބަޔާން

ނަދާގެ ސްޓޭޓަސް ސޯޝަލް މީޑިއާގައި ފަޅައިގެންދިއުމާ އެކު ހައުސް އޮފް ޖޭޑުން ވަނީ އެ ތަނުގެ ފޭސްބުކް ޕޭޖުގެ ސްޓޯރީގައި ބަޔާނެއް ހިއްސާކޮށްފަ އެވެ. ރަސްމީ ތައްގަނޑުގައި އެ ބަޔާން ފެށީ، ކަސްޓަމަރަށް ދިމާވި ދަތިތަކަށް މައާފަށް އެދެމުންނެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި:

  • ކޭޓަރިންއާ ގުޅޭގޮތުން ނިންމި ނިންމުމާ، ޖަސްޓް މެރިޑުން ކުރިން ނުދައްކާ ހުރި އެއްވެސް ފައިސާއަކާ ގުޅުމެއް ނެތް؛ އެ ވާހަކަ ކަސްޓަމަރު ގާތުގައި ވެސް މިއަދު ބުނި

  • ކޭޓަރިން ހިދުމަތް ދޭން ޖަސްޓް މެރިޑުން ހައުސް އޮފް ޖޭޑާ ހަވާލުކޮށްފައިނުވޭ އަދި ފައިސާ ވެސް ދައްކާފައިނުވޭ؛ އެހެންކަމުން އެ ކައިވެނި ޕާޓީގެ ކޭޓަރިންގެ ކަންކަން ކުރިއަށްގެންދިޔައީ ޖަސްޓް މެރިޑުން

  • ޖަސްޓް މެރިޑުން 250 ގެސްޓުންގެ ކޭޓަރިންއާ ގުޅޭގޮތުން ހައުސް އޮފް ޖޭޑާ ވާހަކަދެއްކީ ޕާޓީގެ 24 ގަޑިއިރު ކުރިން؛ އެކަން ކޮށްދެވޭނީ ފައިސާ ދެއްކުމުން ކަމަށް ހައުސް އޮފް ޖޭޑުން ބުނި

  • ޕާޓީ އޮތް ދުވަހުގެ މެންދުރު ވީއިރު ވެސް ޖަސްޓް މެރިޑުން ކޭޓަރިންގެ އެއްވެސް ކަމެއް ނުކުރާތީ ހައުސް އޮފް ޖޭޑުން އަމިއްލައަށް އައުޓްސޯސްކޮށްގެން އެކަން ހަމަޖެއްސި

  • ޕާޓީގެ ތެރޭގައި ހިނގާދިޔަ ކަންކަން ގަބޫލުކުރި ނަމަވެސް، ހައުސް އޮފް ޖޭޑުން ބުނީ ކޭޓަރިން ހަމަޖައްސައިދިނީ އެ ކުންފުނީގެ ހެޔޮކަމުން

  • އައުޓްސޯސްކޮށްގެން ކޭޓަރިން ހަމަޖެއްސި ތަނަށް ފައިސާ ދައްކަން ޖަސްޓް މެރިޑަށް އެންގުމުން އެކަން ވެސް ނުކުރުމުން އެ ހަރަދު ވެސް ހިފީ ހައުސް އޮފް ޖޭޑުން

ހައުސް އޮފް ޖޭޑްގެ ފޭސްބުކް ސްޓޯރީއަށް ހިއްސާކުރި ބަޔާން.

މި ބަޔާން ނެރުމުގެ ކުރިން ރޭގެ ވަގުތެއްގައި ހައުސް އޮފް ޖޭޑުގެ ވެރިފަރާތުން ނަދާގެ ދެމަފިރިންނާ ބައްދަލުކުރި ކަމަށް، އޭނާ ހިއްސާކުރި ސްޓޭޓަސް އަޕްޑޭޓުގައި ބުނެފައިވެ އެވެ. ސްޓޭޓަސްގައި ކާއެއްޗެހި ހިފެހެއްޓި ކަމަށް (ޕާޓީގެ ތެރޭގައި ކަންތައްތަކެއް ހިނގާދިޔަ ކަމަށް) ބުނެފައި އޮތް ނަމަވެސް އެ ބައްދަލުވުމުގައި ތަކެރާރުކޮށް އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ވެސް ނަދާ ބުނީ އޭނާ އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

ހައުސް އޮފް ޖޭޑުން މައާފަށް އެދުނީތީ ނަދާ އެކަން ބަލައިގަނެ އެވެ. އެކަމަކު 'ހެޔޮކަމުން' އަމިއްލައަށް ކޭޓަރިން ހަމަޖައްސައިދިން ކަމަށް ބުނާއިރު އެ ތަކެތި ނުނެރެ ހިފެހެއްޓީ ވެސް 'ހެޔޮކަމުން' ހެއްޔެވެ؟

ކޭޓަރިން ތަކެއްޗާ ހަވާލުވެ ހުރި ހައުސް އޮފް ޖޭޑުގެ މުވައްޒަފު، ނަދާމެން ފައިސާ ނުދޭ ކަމަށް ބުނެ މެހެމާނުންގެ ގާތުގައި ދިޔައީ ދޮގު ހަދަމުންނެވެ. ކާއެއްޗެހި ނެރެދޭން އެދި އާދޭސްކުރުމުން ވެސް އޭނާ ޖަވާބުދާރީވީ، ނަދާ ބުނާ ގޮތުގައި ވަރަށް ހުތުރުކޮށެވެ.

ކަންކަން ގޯހުން ގޯހަށް ދާކަން އެނގޭއިރު ވެސް ހައުސް އޮފް ޖޭޑުން ތިބީ އެކަމާ ބެހޭގޮތުން ނަދާމެންނާ އެއްވެސް މުއާމަލާތެއް ނުކޮށެވެ.

"އެހެންވީމަ ބެލެވޭނީ މިއީ ހައުސް އޮފް ޖޭޑުން ގަސްތުގައި ކުރި ކަމެއް ކަމަށް،" ނަދާގެ ސްޓޭޓަސްގައި ބުނެފައިވެ އެވެ.

އެކަމަކު ވެސް 250 މީހުންގެ ކޭޓަރިން ހަރަދާ ހަވާލުވިކަން ބަލައިގަނެ، އެ ތަނަށް ކުރާ ތުހުމަތުތައް ދޫކޮށްލުމާ އެކު ނަދާ ބުނީ އެންމެ ގޯހެއް ހެދުމަކީ އެ ކުންފުންޏެއް މީގެ ކުރިން ކުރި ރަނގަޅު މަސައްކަތްތައް ފުހެލަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ހުނައިން އާއި 'ޖަސްޓު މެރިޑް'ގެ އެއްވެސް ހިލަމެއް ނެތް

ހައުސް އޮފް ޖޭޑުން މައާފަށް އެދި ބަޔާނެއް ނެރެ، ނަދާގެ ދެމަފިރިންނާ ބައްދަލުކުރި ނަމަވެސް، ހުނައިން ނުވަތަ އޭނާ އޮޕަރޭޓުކުރާ ޖަސްޓް މެރިޑު ޕޭޖުގެ ފަރާތުން އަދި އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އެކަމަކު ނަދާ ބުނީ އެ މައްސަލަ ހިފައިގެން ކޯޓަށް ދިއުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ސްޓޭޓަސް 400 އަށްވުރެ ގިނަ މީހުން ފޭސްބުކްގައި ހިއްސާކުރުމުން، ޖަސްޓް މެރިޑަކީ ކޮން ކަހަލަ ތަނެއް ކަމާއި އެތަނަށް ނުވަތަ ހުނައިންއަށް ކައިވެންޏެއް ޕްލޭންކުރަން ނުދޭން ވަރަށް ގިނަ މީހުންނަށް އޮންނާނީ އެނގިފަ އެވެ. އެކަމަކު ވެސް އެކަމާ މެދު އަދި ވިސްނާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ.

ފާހަގަކޮށްލެވޭ އިތުރު ކަމަކީ، ހުނައިން ނަދާމެންނާ ބައްދަލުކުރީ ވެސް ހައުސް އޮފް ޖޭޑު ތަމްސީލުކުރާ މީހެއްގެ ގޮތުގަ އެވެ. އަދި ކޭޓަރިން ވެސް ހަމަޖައްސާނީ ހައުސް އޮފް ޖޭޑުން ކަމަށް އޭނާ އެ މީހުންގެ ގާތުގައި ބުނި ކަމަށްވެ އެވެ.

"މިކަން ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ. އަދި ކަންކަމާ މެދު އިތުރަށް ސަމާލުވާން ފިލާވަޅެއް ވެސް ދަސްވެއްޖެ،" ނަދާ ބުނެފައިވެ އެވެ.

ކައިވެނި ޕާޓީގައި ނަދާގެ ދެމަފިރިންނާ މެދު ކަން ހިނގާދިޔަ ގޮތުގެ ހިތާމައިގައި ބައިވެރިވަމެވެ. އަދި ޕާޓީގައި އެހެން ދިމާވި ނަމަވެސް، އުފާވެރި އަދި ބާއްޖަވެރި ޒަވާޖީ ހަޔާތަކަށް އެދެމެވެ.

ޖަސްޓް މެރިޑުގައި ހުސް މިކަހަލަ ރިވިއު

ފުރަތަމަ ކަމަކަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް ބަލާއިރު ޖަސްޓް މެރިޑު ކިޔާ ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ވެސް ނެތެވެ. އަދި އެ ނަމުގައި މުޅިން އާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ދެން އޮތީ ޖަސްޓް މެރިޑުގެ ފޭސްބުކް ޕޭޖުގައި ހުރި ރިވިއުތަކެވެ. މުޅި ޖުމުލަ އޮތީ ހަ ރިވިއު އެވެ. އެއީ 24 ޑިސެމްބަރު 2024އިން ފެށިގެން 11 ޖެނުއަރީ 2025އާ ދެމެދުގައި އެތަނުން ހިދުމަތް ހޯދި އެކި މީހުން ހިއްސާކޮށްފައިހުރި ރިވިއު އެވެ.

ޑެކަރޭޓުކުރަން އެއްބަސްވި ގޮތަށް އެކަން ނުކުރާ ކަމުގެ ޝަކުވާ އެވެ. ގުޅާގުޅާ ފޯނު ނުނަގާ މައްސަލަ އެވެ. ޖެހުނު ގޮތަކަށް ޑެކަރޭޓުކޮށް، މުޅި ތަން ހަޑިކޮށްލި ވާހަކަ އެވެ. މިއީ އެކަކުގެ ޝަކުވާތަކެވެ.

އެހެން މީހަކު ބުނީ މިއީ މިކަން ކުރަން އެންމެ ކަމުނުދާ ގުރޫޕު ކަމަށެވެ. އޭނާ ސިފަކުރީ މިއީ ސްކޭމަރުންތަކެއްގެ ގޮތުގަ އެވެ. އޭނާގެ ބޭބެ/ކޮއްކޮ އަތުން އެޑްވާންސްގެ ގޮތުގައި %80 ނެގުމަށްފަހު ޖަސްޓް މެރިޑުން ފިލީ އެވެ.

އެހެން މީހަކު އުޅުނީ ޕާޓީއަށް ދޭން ބުނި ބެކްޑްރޮޕާއި ވެލްކަމް ބޯޑު ނުދީގެންނެވެ. އެ މަންޒަރު ފެނިގެން ގުޅާގުޅާ ފޯނު ނުނެގި އެވެ.

އެންމެ ފަހުން ކޮށްފައި އޮތް ރިވިއުގައި އޮތީ ޖަސްޓް މެރިޑުގެ ގެލަރީއިން ހިޔާރުކުރި ބެކްޑްރޮޕަކަށް 30،000ރ. ދެއްކި ނަމަވެސް، އެއާ ހިލާފަށް 5،000ރ.ގެ ބެކްޑްރޮޕެއް ބެހެއްޓި ވާހަކަ އެވެ.

"ހަޔާތުގެ އެންމެ ބޮޑު ދުވަސް ފެނަށް ދުއްވާލަން ބޭނުންނުވާނަމަ މި މީހުންނާ ދުރުވޭ،" އެ ރިވިއުގައި ބުނެފައިވެ އެވެ.

ކޮމެންޓް (4)

ޑްރާމާ

18 މޭ 2025
ހައުސް އޮފް ޖޭޑް އަކީ ނަދާ ޔާ ގުޅުުން ހުރި ބަޔެއް ނޫން ހިލޭ ސާބަހަށް ކައިވެނިއަށް އައި މީހުންނަށް ކާން ދޭން. އެެއްވެސް ވެނިއު ނޫނީ ރެސްޓޯރަންޓަކުން ފުޑް އެއް ސާރވް ނުކުރާނެ ލާރި ނުދައްކަންޔާ. ނަދާ ލާރި ދައްކާ ހުރިހާ މުއާމަލާތެއް ކުރީ ހުނައިން އާ. ހިން ހަމަ ނުޖެހެންވީ އޭނައާ. 250 މީހުންނަކީ މަދު ބައެއް ނޫން. ކޮބާ ހައުސް އޮފް ޖޭޑް އަށް ވީ ގެއްލުން؟ ދިވެހިންނަށް ބިޒްނަޒް ކަން ހިނގާ ގޮތަށް ވުރެ ޑްރާމާ މާ މުހިންމު. ނަދާ އަގުހެޔޮ ކުރަން ވާނުވާ ނޭނގޭ މީހަކަށް ހަވާލު ކުރީމަ ވީ ގޮޮތް މީ. ނަދާ އުފާ ކުރަންވީ މީހުންނަށް ކާ އެއްޗެއް ދެވުންކަން. ޓޫ ޑްރެމެޓިކް އިނގޭތޯ 🥲
8 10

ހަމީދު

19 މޭ 2025
@ޑްރާމާ ހައުސް އޮފް ޖޭޑުން ކީއްކުރަން ފައިސާ ނުލިބެންޏާ 250 މީހުންގެ ކޭޓަރިންގެ މަސައްކަތްކުރީ، ކީއްވެ އެމީހުންނަށް ފައިސާ ނުލިބޭ ވާހަކަ ނަދާމެންނަށް ނޭނގީ، ކޭޓަރިންނަށް ބޭނުންވާ ކާނާ ހަފްލާ ހިނގާތަނަށް ގެނެސްފަ ދެން ކީކުރަން ފައިސާ ނުދައްކަޔޭ ކިޔައިގެން އެ ޑްރާމާއެއް ކުޅުނީ، ހައުސް އޮފް ޖޭޑާއި ހުނައިން ގުޅިގެން ކުޅޭ ޑްރާމާއެއް
2 2

ޏާއްކޮ

18 މޭ 2025
މިހާ ކަޑަ ރިވިއުތައް ހުރި އިރުވެސް ހަމަ މި މީހުންނާ ތަ ހަވާލުކުރީ ވެޑިންގ ކަންތައްތައް ކުރިއަށް ގެންދަން؟
9 0

ތެފައާސާ.

18 މޭ 2025
ހައުސް އޮފް ޖޭޑްގެ ބަޔާން ކިޔައި ނިމުނުއިރުވެސް އެމީހުން "ގުޑް ފެއިތް"ގައި ތައްޔާރުކުރި ކާއެއްޗެހި ގެސްޓުންނަށް ސާރވްނުކޮށް ހިފަހައްޓައިގެންތިބީ ކިހިނެތްވެގެންކަމެއް، ގެސްޓުން ކައިރީގައި، ކާއެއްޗެެއްސަށް ފައިސާނުދައްކާތީ ސާރވް ނުކުރަނީކަމަށްބުނެ އެމީހުންގެ ސްޓާފުން ދޮގުހެދީ ކިހިނެތްވެގެންކަމެއް އެނގޭކަށްނެތް. ޗެޓްޖީޕީޓީއިން މޮޅެތި ބަޔާން ޖެނެރޭޓްކޮށްގެން ފޭސްބުކަށް ލިޔަކަސް އަދި ކަމަކުނުދާނެ. ގޯހެއް ހެދުނީމާ އެކަން ގަބޫލްކޮށް އެކްނޮލެޖްކޮށް ކޮމްޕެންސޭޓްކޮށް މައާފަށްއެދި އަދި އެފަދަކަންކަން ތަކުރާރުނުވާނޭހެން ކަންކަން ރޭވީމާ އެ ނިމުނީ. ޕީއާރުން އެކަނި ކަންކަން ހަމަޖައްސަން އުޅުނީމާ އަނެއްކާ އަނެއް ދެމަފިރިއެއްގެ ކައިވެނީގެ ހަފްލާވެސް ޚަރާބުކޮށްލުން އޮންނާނީ ވަރަށް ކައިރީގައި. ޑޫ ބެޓާރ!!
16 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް