އެޓާނީ ޖެނެރަލް އޮފީހުގައި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ބޭއްވި މީޑިއާ ބައްދަލުވުން: އޭޖީ އޮފީސް ވަކި ސާވިސްއަކަށް ހަދަން މަޖިލީހުން ފާސްކޮށްފި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކޮށް، ވަކި ހިދުމަތަކަށް ހަދަން މަޖިލީހުން ފާސްކޮށްފި

މި ބިލު ހުށަހެޅީ އޭޖީ އޮފީސް ސިވިލް ސާވިސްގެ ދަށުން ހިންގާތީ އެ އޮފީހަށް ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ދަތިވުމާއި މުސާރައިގެ ކުރިއެރުން ހޯދަން ދަތިވާތީ

ބަންޑާރަ ނައިބު ނުވަތަ އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް ސިވިލް ސާވިސްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގެ ބަދަލުގައި ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރަން ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭޖީ އޮފީސް ސިވިލް ސާވިސްގެ ދަށުން ހިންގާތީ އެ އޮފީހަށް ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ދަތިވުމާއި މުސާރައިގެ ކުރިއެރުން ހޯދަން ދަތިވާ ވާހަކައަކީ އަބަދު ވެސް އޮތް ޝަކުވާއެކެވެ.

އެކަން ބަދަލުކުރުމަކީ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނި ކަމެކެވެ. އެ އެޖެންޑާގައި ހިމެނޭ 'ބަންޑާރަ ނައިބު އޮފީހުގެ ބިލު' ސަރުކާރުން މިދިޔަ ދައުރު ހުށަހެޅި އެވެ.

ތަފްސީލް - ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލު މިއަދު ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައި ވަނީ ސިވިލް ސާވިސް އިން ބޭރުން، އެ އޮފީހުގެ މުވައްޒަފުންގެ ކަންކަން އާ ދެ ސާވިސްއަކުން ގެންދާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތުން:

  • އޭޖީ އޮފީހުގެ މުވައްޒަފުން ބެހިގެންވާ ދެ ބަޔަކީ؛ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް

  • ލީގަލް ސާވިސްގައި ހިމެނެނީ އޭޖީ އޮފީހުން އަދާކުރަން ޖެހޭ ގާނޫނު މަސްއޫލިއްޔަތުތަކަށް އެ އޮފީހަށް އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުން

  • އެޑްމިނިސްޓްރޭޝަން ސާވިސްގައި ހިމެނެނީ، އެ އޮފީހުގެ ލީގަލް ޑިވިޝަންތަކުގެ އިދާރީ ހިންގުމަށާއި އޮފީހުގެ އާންމު އިދާރީ ހިންގުމަށް އައްޔަންކުރާ މުވައްޒަފުން

  • ލީގަލް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުގެ ބާރު އޮންނަނީ ބަންޑާރަ ނައިބަށް

  • އެޑްމިނިސްޓްރޭޝަން ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުން އޮންނަނީ އެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ބަންޑާރަ ނައިބު ކުރާ ގޮތަށް

އޭޖީ އޮފީހުގެ މުވައްޒަފުން ވަކި ހިދުމަތަކަށް ބަދަލު ކުރާތީ، މުވައްޒަފުންނާ ގުޅުން ހުރި ބައެއް ކަންކަން ކުރިއަށް ގެންދާނެ ގޮތް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެ ގޮތުން:

  • ބަންޑާރަ ނައިބު އޮފީހުގެ މަގާމުތައް ތަރުތީބުވާނެ ގޮތުގެ އޮނިގަނޑު އަދި އިދާރީ އޮނިގަނޑު ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަސް ތެރޭގައި އެކުލަވާލަން ޖެހޭ

  • ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ޝަރުތުތައް، މަގާމުތަކުގެ އޮނިގަނޑުގައި ހިމަނަން ޖެހޭ

  • ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ބެހޭ ގަވާއިދެއް އެކުލަވާލަން ޖެހޭ؛ މަގާމުގެ ކުރިއެރުމާއި، މަސައްކަތު ގަޑިއާއި، ޗުއްޓީ ދިނުމާއި، ވަޒީފާ ދިނުމާއި ވަކިކުރުމުގެ ހުރިހާ އުސޫލުތަކެއް އޭގައި ބަޔާންކުރަން ޖެހޭ

  • ބަންޑާރަ ނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވާލާތާ30 ދުވަހުގެ ތެރޭގައި މުސާރައިގެ އޮނިގަނޑު އެކުލަވާލަން ޖެހޭ؛ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުގެ ސިޔާސަތާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން

އެނގުން މުހިންމު - ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު ކުރިން ވެސް ކޮމިޓީން ދިރާސާކޮށް ފޮނުވުމަށް ފަހު ތަޅުމަށް ފޮނުވި އެވެ. ނަމަވެސް އިތުރު ބަދަލުތަކެއް ގެންނަން އަނެއްކާވެސް ކޮމިޓީއަށް އިއްޔެ ފޮނުވި އެވެ. 

ދެވަނަ ފަހަރު ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު މައިގަނޑު ގޮތެއްގައި ބަދަލުތަކެއް ގެނައީ މިހާރު ވެސް ޑެޕިއުޓީ އެޓާނީ ޖެނެރަލް އައްޔަންކުރުމަށް އޮންނަ އުސޫލުން އެ ކަން ހިމެނުމަށެވެ. އެ ގޮތުން:

  • ފުރަތަމަ ބިލުގައި އޮތީ ޑެޕިއުޓީ އެޓާނީ ޖެނެރަލްއެއް އައްޔަންކުރުމަކީ އެޓާނީ ޖެނެރަލްގެ އިހުތިޔާރުގައި އޮންނަ ކަމެއް ގޮތަށް؛ ކޮމިޓީން ގެނައި ބަދަލަކީ އެޓާނީ ޖެނެރަލްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިއެއްގެ ގޮތުން ޑެޕިއުޓީއެއް ހުންނަން ވާނެ ކަމަށް

  • ކުރިން ބިލުގައި އޮތީ ރައީސްގެ ލަފާ ހޯއްދަވައިގެން އެޓާނީ ޖެނެރަލް އައްޔަންކުރައްވާ މަގާމެއް ގޮތަށް؛ ކޮމިޓީން ގެނައި ބަދަލަކީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ ގޮތަށް، އެއީ މިހާރު ވެސް އެ ކަން ކުރާ ގޮތް

ބިލު ގާނޫނަކަށް ވުމުން ގާނޫނަށް އަމަލުކުރަން ފަށަން ޖެހެނީ ގާނޫނު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ކަމަށް ވެސް ބިލުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް