ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް އެމްޑީޕީއިން މަޖިލިސް ކައިރީގައި ބޭއްވި މުޒާހަރާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ރައީސްގެ ބާރުގެ ދަށަށް ޖުޑިޝަރީ ގެންނަން: އެމްޑީޕީ

އެމްޑީޕީން ބުނީ ފަނޑިޔާރުން ވަކިކޮށްފައި ވަނީ ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި ދުނިޔެ ގަބޫލުކުރާ ހަމަތަކާ ހިލާފަށް ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ ގޮތެއްގައި ކަމަށް
14 މޭ 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން މިއަދު ވަކިކުރި ކުރުމަކީ ޖުޑިޝަރީ ރައީސް މުހައްމަދު މުއިއްޒުގެ އަތް ދަށަށް ގެނައުމަށް ހިންގި ގައިރު ގާނޫނީ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ. 

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހާޒު އާއި އަޒްމިރާލްދާ ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • ރައީސް މުއިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށް ކަމަށް 

  • އެކަން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް ގެނައި ނަމަވެސް ކޮމިޓީން އެކަމަށް އަޅާ ނުލިކަން ފާހަގަކުރި 

"މިއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމެކެވެ. މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި، ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ. 

ތަފްސީލް - މީގެ އިތުރުން، ކޮމިޓީ މަރުހަލާގައި ދެ ފަނޑިޔާރުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދުނު ނަމަވެސް ކޮމިޓީން އެކަމަށް ފުރުސަތު ނުދިންކަން ފާހަގަކޮށް އެމްޑީޕީން ބުނީ، "އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން އެ ފަނޑިޔާރުން މަހުރޫމް ކޮށްފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ބުނީ:

  • މިއީ ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ މުޅިން ހިލާފަށް އަދި ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ހިލާފު ނިންމުމެއް ކަމަށް 

"މިއީ ރާއްޖޭގެ ޖުޑީޝިއަރީއަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެން ގޮސް، ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ގައުމަށް ލިބޭނެ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް