ކުޑަކުދިންގެ ފެއާގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ އެހީގައި ބޭއްވި ކުޑަކުދިންގެ ފެއާއަށް ބޮޑު ތަރުހީބެއް

މި ފެއާގައި 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ، އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކާލާފައި
14 މޭ 2025
1

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ 'ޔަންގް އޮންޓްރޮޕްރެނިއާ ފެއާ'އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު މި ފެއާ ބޭއްވީ އާޓިފިޝަލް ބީޗުގަ އެވެ. މި ފެއާގައި 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ، އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކާލާފަ އެވެ.

ތަފްސީލް - މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުން ދައްކާލި ކަންކަމުގެ ތެރޭގައި:

  • އެކި ބާވަތްތަކުގެ ކާބޯތަކެތި 

  • ފަންނުވެރިކަމުގެ މަސައްކަތްތައް

  • ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެތި 

  • ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން 

  • ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް

މި ފެއާއަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ފެއާގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔަ އެވެ. މި ސެޝަންގައި:

  • ކުދި ވިޔަފާރި ހިންގާ 3 ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާއާ ގުޅޭ ގޮތުން ކުދިން ޝައުގުވެރިކުރުމަށް ވާހަކަދައްކާފައިވޭ 

  • މާލީ ކަންކަމަށް ކުދިން ހޭލުންތެރިކުރުމަށް، 'ދިރާގު ޕޭ'އާ ގުޅޭ މައުލޫމާތު ދިން

  • ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ބެހޭ ގޮތުން 'ދިރާގު ނެޓްޕްރޮޓެކްޓް'ގެ ހާއްސަ ސެޝަނެއް ބޭއްވި

ބުނީ ކީކޭ؟ - "މިފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުމަކީ، ކުދިންގެ ހުނަރުތައް ތަރައްގީވެ، އެ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އާލާވުމަށް ދެވޭ ހިތްވަރެއް،" ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވި އެވެ.

"ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި އިވެންޓަކީ އެ ކުދިންގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ދެވުނު ފުރުސަތެއް ކަމުގައިވާތީ އެ ތަނުގައި އެ ކުދިން ދައްކުވައިދިން ހުނަރުވެރިކަމާ މެދު ވަރަށް ފަހުރުވެރިވަން."

ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން މި ފެއާއަށް އެއްބާރުލުން ދިނުމަކީ ދިރާގަސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

"އޮންޓްރޮޕްރެނިއަޝިޕް، ޑިޖިޓަލް ލިޓްރަސީ އަދި އޮންލައިން ސޭފްޓީގެ ހޭލުންތެރިކަން އިތުރުކޮށް، އަންނަން އޮތް ޖީލު އުޖާލާ އަދި ރައްކާތެރި މުސްތަގުބަލަކަށް ވާސިލުވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މުހިންމު އަމާޒެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަމްދު

14 މޭ 2025
ވަރަށްތަފާުތު ހުނަރުވެރި މަސައްކަތް ކޮށްފަހުރިކަން ފާހަގަކުރެވުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް