މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކުރަން ފާހެއް ނުވި؛ ބިލު އަނބުރާ ކޮމިޓީއަށް

މަޖިލީހަށް މި ބިލު ހުށަހަޅާފައި އޮތީ ސިވިލް ސާވިސް އިން ބޭރުން، އޭޖީ އޮފީހުގެ މުވައްޒަފުންގެ ކަންކަން އާ ދެ ސާވިސްއަކުން ގެންދާ ގޮތަށް ހަމަޖެއްސުމަށް؛ މަޖިލީހުގެ ތަޅުމުން މިއަދު ނިންމީ ބިލު އިތުރަށް ފުރިހަމަކުރަން ކޮމިޓީއަށް އަނބުރާ ފޮނުވާލަން

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ހިންގުން ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، ވަކި ހިދުމަތެއްގެ ގޮތުގައި ހިންގާ ތަނަކަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ފޮނުވާލައިފި އެވެ.

ވީކިހިނެއް؟ - އޭޖީ އޮފީސް ސިވިލް ސާވިސްގެ ދަށުން ހިންގާތީ އެ އޮފީހަށް ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހޯދުމަށް ދަތިވުމާއި މުސާރައިގެ ކުރިއެރުން ހޯދަން ދަތިވާ ކަމުގެ ޝަކުވާ ބޮޑެވެ. އެ ކަން ބަދަލުކުރުމަކީ މި ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ ކަމެކެވެ. އެކަން އެގޮތަށް ބަދަލުކުރުމަށްޓަކައި "ބަންޑާރަ ނައިބު އޮފީހުގެ ބިލު" މަަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އޭނާ ހުށަހެޅުއްވީ ސިވިލް ސާވިސް އިން ބޭރުން، އެ އޮފީހުގެ މުވައްޒަފުންގެ ކަންކަން އާ ދެ ސާވިސްއަކުން ގެންދާ ގޮތަށް ހަމަޖެއްސުމަށެވެ.

އެ ބިލު ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ފާސްކުރަން މިއަދުގެ މަޖިލީހުގައި ނެގި ވޯޓުގައި ގިނަ މެމްބަރުން ވޯޓުދެއްވީ މިހާރު އޮތްގޮތަށް އެބިލު ފާސްކުރަން ނުފެންނަ ކަމަށެވެ. މިއަދުގެ މަޖިލީހުގައި ނެގި ވޯޓުގައި:

  • ބިލު ފާސްކުރަން ނުފެންނަ ކަަމަށް 67 މެމްބަރުން ވޯޓުދެއްވި

  • ފާސްކުރަން ވޯޓުދެއްވީ ތިން މެމްބަރުން

  • ވޯޓުގައި ބައިވެރިވީ 70 މެމްބަރުން

މަޖިލީހުގެ ތަޅުމުން ދެން ނިންމީ އެ ބިލު އިތުރަށް ދިރާސާކޮށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ. އެކަަމަށް ނެގި ވޯޓުގައި:

  • ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލަން 70 މެމްބަރުން ވޯޓުދެއްވި

  • އެކަމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވާ

  • ވޯޓުގައި ބައިވެރިވީ 70 މެމްބަރުން

އެނގުން މުހިންމު - ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައި އޮތްގޮތުން:

  • އޭޖީ އޮފީހުގެ މުވައްޒަފުން ބެހިގެންވާ ދެ ބަޔަކީ؛ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް

  • ލީގަލް ސާވިސްގައި ހިމެނެނީ އޭޖީ އޮފީހުން އަދާކުރަން ޖެހޭ ގާނޫނު މަސްއޫލިއްޔަތުތަކަށް އެ އޮފީހަށް އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުން

  • އެޑްމިނިސްޓްރޭޝަން ސާވިސްގައި ހިމެނެނީ، އެ އޮފީހުގެ ލީގަލް ޑިވިޝަންތަކުގެ އިދާރީ ހިންގުމަށާއި އޮފީހުގެ އާންމު އިދާރީ ހިންގުމަށް އައްޔަންކުރާ މުވައްޒަފުން

  • ލީގަލް ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުގެ ބާރު އޮންނަނީ ބަންޑާރަ ނައިބަށް

  • އެޑްމިނިސްޓްރޭޝަން ސާވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުން އޮންނަނީ އެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ ލަފައާއެކު ބަންޑާރަ ނައިބު ކުރާ ގޮތަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް