އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ކ) އާއި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމް

ޖަވާޒު ޝަރީއަތަށް ހެކިބަސް ދެއްވައިފި، ވިދާޅުވީ އެފްއޭއެމްގެ ފައިސާގެ ކަންކަން އިސްކޮށް ބަލަނީ ބައްސާމް ކަމަށް

ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ފައިސާގެ ކަންކަމުގައި ސީދާ ދައުރެއް ނެތް ކަމަށް ހުސައިން ޖަވާޒު މިއަދު ޝަރީއަތަށް ހެކިބަސް ދެއްވަމުން ވިދާޅުވި

ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒު މިއަދު ހެކިބަސް ދެއްވައިފި އެވެ.

މައްސަލައިގެ ހުލާސާ - ބައްސާމަށް ދައުވާ ކުރީ އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ. އެގޮތުން:

  • ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރޭ

  • އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވޭ

ވީކިހިނެއް؟ - މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބައްސާމާ ދެކޮޅަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަގަން ފެށި އެވެ. އެ ގޮތުން މިއަދު ކޯޓަށް ހާޒިރުކުރީ ޖަވާޒު އެކަންޏެވެ.

ތަފްސީލް - ބައްސާމާ އެންމެ ގާތުން މަސައްކަތްކުރެއްވި ޖަވާޒުގެ ހެކިބަހުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެފްއޭއެމްގެ އިދާރީ ކަންކަން ހިނގަމުންދިޔަ ގޮތާއި، ފައިސާގެ މުއާމަލާތް ހިނގަމުން ދިޔަ ގޮތެވެ.

އޭނާ ވިދާޅުުވި ގޮތުގައި އެފްއޭއެމަށް ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އަބަދުވެސް އިސްކޮށް އުޅުއްވީ އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ބައްސާމް އެވެ. ބައްސާމްގެ ބެއްލެވުމުގެ ދަށުން އެ ޒިންމާ އޮންނަނީ އެސޯސިއޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައިސާގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނާނީ ބައްސާމް. ދެން ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑު، އެންމެ ފަހުން ހުންނެވީ މުހައްމަދު އަގީލް. ދެން ހަނދާންވޭ، އަލީ މޫސާއަކާއި ވަފްދާ ކިޔާ ކުއްޖަކު ވެސް ހުރި ހަނދާން،" ޖަވާޒު ވިދާޅުވި އެވެ.

ޖަވާޒުގެ ހެކިބަހުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމަކީ:

  • ފީފާއިންނާއި ބޭރުގެ ފެޑެރޭޝަންތަކުން އެފްއޭއެމަށް ފައިސާ ދެނީ އެމެރިކާ ޑޮލަރުން

  • ދިވެހި ސަރުކާރުން ވެސް ފައިސާ ދޫކުރޭ، އެކަމަކު އެއީ ދިވެހި ރުފިޔާއިން

  • 2016އިން ފެށިގެން މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިދާރީ ހަރަދުތައް ހިންގަނީ ދިވެހި ރުފިޔާއިން

  •  ޑޮލަރުން ލިބޭ އާމްދަނީ ދިވެހި ރުފިޔާއަށް މާރުކުރޭ

  • މާލީ ކަންކަމުގައި ޖަވާޒުގެ ކިރިޔާ ވެސް ދައުރެއް އޮންނަނީ އެހެން ގެންނަ ވައުޗަރުތަކާއި ޗެކުތަކުގައި ސޮއިކުރެއްވުން

  •  ސޮއިކުރެއްވުމަށް ލިޔުންތައް ގެނެސް ދެނީ އަގީލް

ޖަވާޒުގެ ހެކިބަސް ނެގުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލި އެވެ. މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުދަދުވަހު ކަމަށެވެ.

ފާހަގަކޮށްލެވޭ - އެހެން މައްސަލައެއްގައި ވެސް ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވެ އެވެ. އެ މައްސަލާގައި އިތުރު ދެ މީހަކާއި އަމީން ކޮންސްޓްރަކްޝަންސްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެއީ:

  • އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ ދެ ޕެންޓްހައުސްއެއް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވާ މައްސަލައެއް

  • އެ ޑޮލަރަށްވާ ދިވެހި ފައިސާ އަމިން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ވަގު ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ދައުލަތުން ތުހުމަތުކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް