ކ. ގުޅީ ބިން ހިއްކަނީ. (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

ގުޅީ ބިން ހިއްކުމުގެ %80 މަސައްކަތް 28 ދުވަހުން ނިންމައިފި

ބާކީ ހިއްކަންޖެހޭ ބިން ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ
4 މޭ 2025

ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިދިޔަ މަހުގެ 4ގައި ފަށާފައިވާއިރު، މިދިޔަ 28 ދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ %80 ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - 89.63 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން:

  • 10.15 ހެކްޓަރުގެ ބިން ހިއްކާނެ

  • 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް އަޅާނެ 

  • 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް އަޅާނެ

  • 88 މީޓަރުގެ ގްރޮއިން ޖަހާނެ 

ބުނީ ކީކޭ؟ - އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، މި މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމަން ހަވާލުކޮށްފައި ވިޔަސް، އެމްޓީސީސީގެ އަމާޒަކީ އަންނަ ސެޕްޓެމްބަރަށް މަސައްކަތް ނިންމުމެވެ. އެގޮތުން، ބާކީ ހިއްކަންޖެހޭ ބިން ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝޯ ޕްރޮޓެކްޝަންއަށް ވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު، ފުރަތަމަ ޝިޕްމަންޓު 10،000 ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައި. އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެ ދަނީ. އަންލޯޑްކޮށް ނިމުނީމަ ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފެށިގެންދާނެ،" ސައުދީ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - 1،015 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ކުޑަ ރަށެކެވެ. ގެސްޓްހައުސް ވިޔަފާރި ވެސް ކުރިއަރަމުން އަނަނަ އެ ރަށުން އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2003ގައި، އެންމެ 13 ބިމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް