ޒުވާނުންގެ މުޒާހަރާއިން ބައެއް މީހުން ހައްޔަރުކޮށްގެން މިރޭ ގެންދަނީ: އެ މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ ޕެޕާ ސުޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ފުލުހުން ޒުވާނުންގެ މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފި

އެ އެއްވުން ރޫޅާލަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައި އަދި އެ މީހުން ގެންގުޅުނު ބައެއް ތަކެތި ފުލުހުން ވަނީ އަތުލާފައި
1 މޭ 2025

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 21 އަހަރުގެ ޔުމްނު ރަޝީދު ގެއެއްގެ މަތިން ވެއްޓި އަނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ މިރޭ ރޫޅާލައި ބައެއް ބައިވެރިން ހައްޔަރުކޮށްފި އެވެ. 

ތަފްސީލް - ފުލުހުންގެ ތަހުގީގު ސެކްޝަން ހުންނަ އިމާރާތް، ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކައިރީ މަޖީދީ މަގުގައި، "ދުލެއް ނުކުރާނަން" ނަމުގައި ކޮންމެ ރެއަކު ޒުވާނުން ކުރަމުން ގެންދާ މުޒާހަރާ މިރޭ ހޫނުވީ އެ ސަރަހައްދުގެ މަގު ބަންދުކޮށް ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން މުޒާހަރާގެ ބައިވެރިން މަގު މެދުގައި އިށީނުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުންނެވެ. އެ ހޫނުގަނޑުގެ ތެރެއިން ފުލުުހުން ވަނީ: 

  • މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައި 

  • އެއަށް ފަހު މުޒާހަރާ ލީޑްކުރަމުން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ 

  • އެ މީހުން ބޭނުން ކުރާ އަޑުގަދަ ކުރާ ފަދަ ތަކެތި ވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އަތުލާފައި 

ޒުވާނުން މެދުކެނޑުމެއް ނެތި މުޒާހަރާކުރަމުން އަންނަތާ މިއީ 11 ވަނަ ރެ އެވެ. ކޮންމެ ރެއަކު ވެސް ދަންވަރު 12 ޖެހުމުން ޒުވާނުން މުޒާހަރާ ހުއްޓާލަ އެވެ. 

މިރޭގެ މުޒާހަރާގައި އެމްޑީޕީ އާއި ޕީއެންއެފްގެ މުޒާހަރާތަކުން ފެންނަ ހަރަކާތްތެރިން ވެސް ބައިވެރިވެފައިވެ އެވެ. 

މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ އެކު އެ ސަރަހައްދަށް އެއްވެފައިވާ މީހުން ވަނީ ހާވިޔާވެފަ އެވެ. އަދި އެއާ އެކު އެ މީހުން ވަނީ ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފަ އެވެ. 

ޒުވާނުންގެ މުޒާހަރާއިން ބައެއް މީހުން ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފައި: މިއީ ޒުވާނުންގެ މުޒާހަރާ ކުރާތާ 11 ވަނަ ރޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މުޒާހަރާގައި އެންމެ ފުރަތަމަ ގިނަ އަދަދަކަށް މީހުން ބައިވެރިވިއަސް މިދިޔަ ދެތިން ރޭ މުޒާހަރާގެ ބައިވެރިންގެ އަދަދު މަދެވެ. 

މުޒާހަރާގެ ބައިވެރިންގެ ކޮން ހުށަހެޅުންތަކެއް؟  

ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ނުރުހުން ފާޅުކުރަން ޒުވާނުންތަކެއް އިސްވެ ފެށި މުޒާހަރާގައި އެ މީހުން ވަނީ ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފަ އެވެ. އެއީ: 

  • 1-

    ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން

  • 2-

    ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުވާތީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުން

  • 3-

    ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

  • 4-

    ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން

  • 5-

    ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން

  • 6-

    ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން

  • 7-

    ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން

  • 8-

    ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން

  • 9-

    ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން

އެ މުޒާހަރާތައް ކުރަން ފެށިފަހުން ފުލުސް ކޮމިޝަނަރު ސުޖާއު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒު ވަނީ ޔުމްނު ވެއްޓުނު ހާދިސާ އާއި އެކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް މިނިވަން ތަހުގީގެއް ހިންގުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް