މިއޮޓް ރީހެބް ސެންޓަރުން ލިބޭ ފަރުވާ އާއި މުހިންމުވާ ސަބަބުތައް
ޗެންނާއީގެ މިއޮޓް އިންޓަނޭޝަނަލްއަކީ 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، 63 ސްޕެޝަލިޓީއަކުން ފަރުވާ ދޭ ހޮސްޕިޓަލެކެވެ.
ދިވެހި ސަރުކާރާ ގުޅިގެން އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް ރާއްޖޭގައި ދެމުން އަންނައިރު، މިދިޔަ އަހަރު އެ ހޮސްޕިޓަލްގެ ޓީމަކުން ރާއްޖެއަށް ކުރި ދަތުރުގައި ބުނީ އެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަރުވާ ހޯދުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދޭނެ ކަމަށެވެ. އެކަމުގައި އެޅި ފުރަތަމަ ފިޔަވަޅަކީ އިއްޔެ މާލޭގައި ހުޅުވި 'މިއޮޓް ރީހެބް ސެންޓާ' އެވެ.
އޭގެ ކުރިން މިއޮޓްގެ ރިހެބިލިޓޭޝަންގެ ފަރުވާ ހޯދަން ދިވެހިން ދަތުރުކުރީ އިންޑިއާށެވެ. ނަމަވެސް ސީދާ މާލޭގައި އެ ހޮސްޕިޓަލުގެ ރިހެބް ސެންޓަރެއް ހުޅުވުމަކީ އެ ދިގު ދަތުރު ނިމުމަކަށް ގެންނާނެ ކަމެކެވެ.
މިއޮޓް ރީހެބް ސެންޓަރު
-
މި ސެންޓަރުން ފަރުވާ ހޯދާ މީހުންނަށް ޗެންނާއީގައި ހުންނަ އެ ހޮސްޕިޓަލްގެ މައި މަރުކަޒުން ވަގުތުން ފީޑްބެކް ލިބޭނެ
-
ހިދުމަތް ދިނުމުގައި ބޭނުންކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ސިއްހީ ވަސީލަތްތަކާއި މެޝިންތައް
-
ނާރުގެ ބަލިތަކާއި ކެންސަރުންނާއި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކަށް ރީހެބެލިޓޭޝަން ލިބޭނެ
-
އާންމު ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާގެ ހިދުމަތްތައް ވެސް ލިބޭނެ
-
ރެސަސިޓޭޝަން ރޫމެއް ހުންނާނެ
-
ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުން، ސަމާލުކަމަށް ކުރާ އަސަރުތައް އަދި ނިގި ގެއްލުން ފަދަ ކަންކަމަށް ވެސް ފަރުވާ ދޭނެ
އިއްޔެ މިއޮޓް ރީހެބް ސެންޓަރު ހުޅުވުމަށްފަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިއޮޓް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތުވީ މޮހަންދަސް ވަނީ އެ ތަނާ ބެހޭ މުހިންމު މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
އޭގެ ތެރޭގައި އެ ސެންޓަރުގެ ހިޔާލު އައި ގޮތާއި ރާއްޖެއަށް އެތަން ހާއްސަވާ ސަބަބާއި ލިބޭނެ ފަރުވާތަކާއި ހުންނާނެ ވަސީލަތްތަކުގެ އިތުރުން ރީހެބިލިޓޭޝަންއަކީ ކިހާ މުހިންމު ކަމެއް ކަން އޭނާ ވިދާޅުވެދެއްވަ އެވެ.