ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މާލޭގައި ކުރި މުޒާހަރާއެއްގައި އަޑުއުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނު ކުރަން ޖެހޭ އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެއްޖެ: އާއިލާ

މިއަދު ކުރީ ކަނދުރާއާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރި އޮޕަރޭޝަނެއް
29 އޭޕްރީލު 2025

އޭޕްރީލް 18ގައި މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ކުރަން ޖެހޭ އެންމެ މުހިންމު އަދި އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބުވެފައިވާ ކަމަށް އާއިލާއިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔުމްނު، 21، އަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދޭން އޭނާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެލޭޝިއާއަށް ވަނީ ގެންގޮސްފަ އެވެ.

ތަފްސީލު - ޔުމްނުގެ ހާލަތާ ގުޅޭގޮތުން އެކްސްގައި ޕޯސްޓްކުރަމުން އަންނަ އޭނާގެ ޅިޔަނު މުހައްމަދު މުއުމިން މީގެ އިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު 3 ޖެހީއްސުރެ ޔުމްނު ސާޖަރީއަށް ވައްދާފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި:

  • އެއީ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ7 ކަށިގަނޑުގައި ރެނދެއް ލާފައިވާތީ ކުރި އޮޕަރޭޝަނެއް

  • މިއީ ޔުމްނު ކުރަން ޖެހުނު އެންމެ މުހިންމު އަދި އެންމެ ނުރައްކާތެރި އޮޕަރޭޝަން

މިކަހަލަ ނުރައްކާތެރި އޮޕަރޭޝަނެއް އިތުރަށް ކުރަން ނުޖެހޭނެކަން ފާހަގަކޮށް އޭނާ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދިމާވެއްޖެ ނަމަ ވަރަށް އަވަހަށް ޔުމްނުއަށް އިށީނދެ އިނދެވޭ ވަރުވާނެ ކަމަށެވެ.

އޭނާ ވަނީ އެންމެން ޔުމްނުއަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.

އެނގުން މުހިންމު - ޔުމްނު ހ. ފެންޓެނޯއީގޭގެ މަތީ ފްލޯއަކުން ވެއްޓުނުއިއިރު އޭނާއާ އެކުގައި ރައުދު އަހުމަދު ޒިލާލް، 21، އުޅުނެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު ފަހުން، އެ މައްސަލައިގެ ތަހުގީގަށް ރައުދު އެއްބާރުލުން ނުދޭތީ ކަމަށް ބުނެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ރައުދުގެ ބަންދުގެ މުއްދަތު ޖެހި އަމުރުގައި ބުނެފައިވާ ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އޭނާ އާއި ރައުދުއާ ދެމެދު "ހަމަނުޖެހުންތަކެއް" ހިނގި ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނީ ކަމަށޭ ރައުދު ބުނި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ އަމުރުގައި ލިޔެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް