ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން (ފޮޓޯ/ރައީސް އޮފީސް

ހައި ކޯޓު

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ހައި ކޯޓުން މިއަދު ހުކުމްކުރަނީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް
29 އޭޕްރީލު 2025

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ވަނީ އަމުރެއް ނެރެފަ އެވެ. އެގޮތުން:

  • އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށް

  • މިދިޔަ 19 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ 18 ފެބްރުއަރީގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި

ތަފްސީލް - ހައި ކޯޓުން މިއަދު ހުކުމްކުރަނީ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ގާނޫނާ ހިލާފު ކަމަށް ނިންމި ސަބަބުތަކުގެ ގޮތުގައި ހައި ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވަނީ:

  • ތަހުގީގަށް އެއްބާރުލުން ދެމުން ދަނިކޮށް، ތަހުގީގު ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން  ކުއްލިއަކަށް ފުރައިގެންދާނެ ކަމުގެ ބިރު އުފެދުނު ގޮތެއް ދައުލަތަށް ބުނެ ނުދެވޭ

  • ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމަށް ގަބޫލުކުރެވޭ ވަރުގެ ސަބަބުތަކެއް ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުން ވެސް ފާހަގަވެފައެއް ނުވޭ

  • ފިލައިގެން ދެވޭ ވަރުގެ މާލީ ތަނަވަސްކަން ހުރި ކަން ބުނެ ދިނުމުގެ ގޮތުން ދައުލަތުން ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްތަކަކީ 2022 އަދި 2023ގެ ބޭންކް ސްޓޭޓްމަންޓްތަކެއް؛ އެއިން މި ވަގުތުގެ ހާލަތު ދައްކުވައެއް ނުދޭ

އަކްރަމްގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ބާތިލްކޮށްފައިވެ އެވެ.

ގުޅުން ހުރި - ކުރީގެ ސަރުކާރު އަދި މި ސަރުކާރުގައި ވެސް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ތަހުގީގީ އިދާރާތަކަށް އަމުރުކުރައްވައިފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނާ ސައްހަ ނޫން ލިޔުމަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިންކަން މިދިޔަ އަހަރު ފެންމަތިވި އެވެ. އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް