ދަނގެތީގެ އާ އިންޖީނުގެ އެޅުމާ ގުޅޭ އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ދަނގެތީގެ އާ އިންޖީނުގެ އަޅަން 14.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

މި މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
23 އޭޕްރީލު 2025

އދ. ދަނގެތީގައި އަލަށް ގާއިމްކުރާ އިންޖީނުގެ އާއި އާންމުންނަށް ހިދުމަތް ދޭ އިމާރާތް އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެ ކުންފުނީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ 

  • މަސައްކަތް ހަވާލުކުރި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީން

ތަފްސީލް - މި މަސައްކަތް ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 14.8 މިލިއަން ރުފިޔާއަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ބުނީ ކީކޭ؟ - މިއަދުގެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވެ، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ރަށެއް ކަމަށެވެ. އެހެންވެ، އެ ރަށަށް އާ އިންޖީނުގެއެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި އެއްބަސްވުމުގެ ދަށުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމައި ބޭނުން ކުރަން ފެށުމާ އެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ވިދާޅުވީ ދަނގެއްޗަކީ ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ރަށަކަށް ވުމުން، މިހާރު އިންޖީނުގެ ހުރި ތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ، މިއަދުގެ އެއްބަސްވުމާ އެއްކޮށް، އެ މީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރަން. އަދި ބިން ދަތިކޮށް އުޅެމުން ވެސް އާ އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސި ކަމަށްޓަކައި ދަނގެތީގެ ކައުންސިލަށާއި ކައުންސިލް ރައީސަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ވިދާޅުވީ އިންޖީނުގެ މިހާރު ހުރި ތަނުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި އެކަމުގެ ޝަކުވާ ބޮޑު ކަމަށެވެ.

"ނަމަވެސް މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް. މިއީ ވަރަށް ރަނގަޅު ފެށުމެއް،" އޭނާ ވިދާޅުވި އެވެ.

"މިކަމަށް ހައްލު ހޯދުމަށްޓަކައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ. މިކަމަށް ހައްލު ހޯދައިދެއްވާ ކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް