ކުރީގެ ޕީޖީ ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޝަމީމަށް ހަމަލާ ދިން މައްސަލަ ދަށު ކޯޓުގައި ނިމިއްޖެ - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ކުރީގެ ޕީޖީ ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުން ސަލާމަތްވެއްޖެ
ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާ ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ޝަމީމަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ 31 ޖެނުއަރީގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޭ ދޮރުމަތިންނެވެ. އެ ހަމަލާގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުުމުގެ ދައުވާ އުފުލާފައިވެ އެވެ؛
-
މިދުހަތު އާދަމް، 24، ރިވެލި/ރ. އަލިފުށި
-
މުހައްމަދު ޖަޒްލާން، 22، ތުނޑި ޖަވާހިރުވިލާ/ލ. ގަން
-
އަހްމަދު މައިސާން ހާޝިމް، 20، މާލޭ ދަފްތަރު ނަންބަރު 2247
-
ޝަމާލް ހުސެން، 21، މުސްތަރީގެ/ތ. ގާދިއްފުށި
-
ޒަޔާން ނާސިރު، 23، ކެމީހިޔާ/އދ. މާމިގިލި
-
ރަޖުވާން ލަތީފް، 22، މުރިނގު/ލ. މާމެންދޫ
-
އަބާން އަބްދުލްހައްނާން، 23، ރުވާ/ތ. ދިޔަމިގިލި
ތަފްސީލް - ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހުސާން މިދިޔަ ހަފުތާ ހޯމަ ދުވަހު ކުރެއްވި ހުކުމުގައިވާ ގޮތުން، ކުށް ސާބިތުކުރުމަށް މައިގަނޑު ގޮތެއްގައި އޮތް ހެއްކަކީ ސީސީޓީވީ ފުޓޭޖުތައް ކަމަށްވީ އިރު، އޭގެ ރިޕޯޓްގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން:
-
ސީސީޓީވީގެ ފުޓޭޖުތަކުން ފެންނަ ގަޑިއާއި ހާދިސާ ހިނގި ވަގުތު ކަމަށް ބުނާ ވަގުތާ ދިމައެއް ނުވޭ
-
ޓައިމްސްޕޭސްގެ މައްސަލަ ތަހުގީގު މަރުހަލާ އަދި ދައުވާކުރުމުގެ މަރުހަލާގައި އެނގުނު އިރު ވެސް ދައުލަތުން އެ މައްސަލަ ހިނގި ގޮތް އެއްވެސް ވަރަކަށް ޝަރީއަތަށް ސާފުކޮށްދީފައެއްނުވޭ
-
ހެކި ޝަރީއަތަށް ބަލައިގަނެވުނު ނަމަވެސް ކުށް ސާބިތު ކުރުމުގައި ހެއްކަށް ދެވޭނެ ބުރަދަން މި ހާލަތުގައި ވަރަށް ދަށް
އެނގުން މުހިންމު - ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ބުނާ ގޮތުން:
-
މިދުހަތަކީ، ހަމަލާދިނުމަށް އިތުރު ބަޔަކާ އެކު ރާވައި ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އެ ސަރަހައްދަށް ގޮސް ހަމަލާދިން މީހާ
-
ޖަޒްލާނަކީ ޝަމީމަށް ހަމަލާދޭން ރާވައި ޝަމީމަށް ހަމަލާދިނުމަށް ނޫރު މިސްކިތް ކައިރިއަށް މިދުހަތު ގެންދިޔަ މީހާ
-
މައިސާނަކީ ނޫރު މިސްކިތް ކައިރީ ޝަމީމް ހުއްޓައި އޭނާއަށް ހަމަލާދިނުމަށް މިދުހަތު އެ ސަރަހައްދަށް ދިޔަ ސައިކަލު ހޯދައިދީ އެކަމަށް މަހުގުފަހިކޮށްދީފައިވާ މީހާ
-
ދެން ތިބި މީހުންނަކީ ނޫރު މިސްކިތް ކައިރީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި ސަރަހައްދުގައި މަޑުކޮށްގެން ތިބި މީހުން
ކޮމެންޓް (1)
އައިމް