ރައީސް މުހައްމަދު މުއިއްޒު(ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އެންމެންނަށް ވަދެވޭ ރައީސް މުއިއްޒުގެ ވަޓްސްއެޕް ޗެނަލެއް ހުޅުވައިފި

ސަރުކާރުގެ އެކި މަސައްކަތްތާއި ރައީސް މުއިއްޒުގެ ވާހަކަފުޅުތައް އެ ޗެނަލުގައި ސަރުކާރުން ދަނީ ހިއްސާކުރަމުން؛ ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ފަދަ އެއްވެސް އެއްޗެއް ވެސް އެޑްމިން ފިޔަވައި އިތުރު މީހަކަށް އެ ޗެނަލުގައި ނުލިޔެވޭނެ

ސަރުކާރުން ކުރާ އެކިއެކި ކަންކަމުގެ މައުލޫމާތު ހިއްސާކުރަން އާންމުންނަށް ވަދެވޭގޮތަށް ރައީސް މުހައްމަދު މުއިއްޒުގެ ރަސްމީ ވަޓްސް އެޕް ޗެނަލެއް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިއަދު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނަލަށް ވަނުމަށް އެންމެންނަށް ދައުވަތު އަރުވާފަ އެވެ. ވިދާޅުވީ އެ ޗެނަލުން ކޮންމެ ދުވަހަކުވެސް ސަރުކާރުގެ މަސައްކަތްތާއި މުހިންމު މައުލޫމާތުތަކާއި މެސެޖުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.

ތަފްސީލް -  ކާކުކަން ނޭނގޭގޮތަށް، ކޮންމެ މީހަކަށްވެސް ވަދެވޭނެހެން ހަދާފައިވާ އެ ޗެނަލަށް މިހާތަނަށް 1300އެއްހާ މީހުން ވަނީ ޖޮއިންކޮށްފަ އެވެ.

އެ ޗެނަލުގައި:

  • މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުގެ މުހިންމު މަސައްކަތްތާއި ދުވަހުން ދުވަހަށް ނިންމާ ކަންކަމާއި ރައީސް މުއިއްޒުގެ ވާހަކަފުޅުތައް އަންނަނީ ހިއްސާކުރަމުން 

  • ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ފަދަ އެއްވެސް އެއްޗެއް ވެސް އެޑްމިން ފިޔަވައި އިތުރު މީހަކަށް އެ ޗެނަލުގައި ނުލިޔެވޭނެ

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުގެ ސިޔާސަތުތަކާއި ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރަން 'ރައްޔިތުނާއެކު' ނަމުގައި މިހާރު ވެސް ރައީސް ފޮޑްކާސްޓެއް ކުރިއަށް ގެންދަވަ އެވެ. އަދި މިނިސްޓްރީތަކުގެ މަސައްކަތްތައް ހިއްސާކުރަން 'އަހާ ފޯރަމް'ގެ ނަމުގައި ވެސް ފޯރަމެއް ކުރިއަށް ގެންދެ އެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި މިފަހުން ރައީސް ވިދާޅުވެފައިވާ ގޮތުން ޒުވާނުންނަށް ހާއްސަކޮށް ވެސް ޕޮޑްކާސްޓެއް ކުރިއަށް ގެންދިއުމުގެ ވިސްނުން އެމަނިކުފާނުގެ އެބައޮތެވެ. އަދި ސުވާލާ ޖަވާބުގެ ޓީވީ ޕްރޮގްރާމެއްގެ ވިސްނުމެއް ވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މައުލޫމާތު ހިއްސާކޮށް ކަންކަން ކިޔައިދިނުމަކީ އެމަނިކުފާނު ވަަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް