ޔޯގާ ހަމަނުޖެހުން ހިންގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ހަރަކާތުގެ ބައިވެރިންނާއެކު ޝެއިހް ފަޒްލޫން އަދި ނިޝާން މަގުމަތީގައި: ނިޝާން އަދި ފަޒްލޫންގެ ދައުވާތައް ރިވިއުކުރަން ޕީޖީއަށް ވަނީ ހުށަހަޅާފައި
ނިޝާނާއި ފަޒްލޫންގެ ދައުވާ ރިވިއުކުރަން އެދިއްޖެ؛ ގޮތެއް ނިންމަން ދެން ޝަރީއަތް މަޑުޖައްސާލައިފި
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ހިންގި ހަރަކާތެއްގެ ތެރެއަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އާދަމް ނިޝާން އަދި ފަޒްލޫން ބިން މުހައްމަދުގެ މައްޗަށް އުފުލި ދައުވާތައް ރިވިއުކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.
ކަމުގެ ފެށުން - ފަޒްލޫން އަދި ނިޝާން ހައްޔަރުކޮށް ދައުވާ އުފުލީ 21 ޖޫން 2022ގައި ހިންގި ޔޯގާ ހަމަަނުޖެހުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. މިހާރު ބަންދުން ދޫކޮށްލާފައިވާ އެ ދެ ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ވީ ކިހިނެއް؟ - ޕީޖީ އޮފީހުން ކުރިން ނިންމާފައިވާ ނިންމުމަކާ މެދު ޝަކުވާއެއް ގޮތް ނަމަ، ނިންމުން ރިވިއުކުރުމަށް އެދި ހުށަހަޅަން މިހާރުގެ ޕީޖީ އައްބާސް ޝަރީފް މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ހުޅުވާލި އެވެ. އޭރު ހުޅުވާލި 20 ދުވަހުގެ މުއްދަތުގައި ފަޒުލޫނާއި ނިޝާނަށް ކުރި ދައުވާގެ މައްސަލަ ވެސް ރިވިއުކޮށްދިނުމަށް ހުށަހަޅާފައިވެ އެވެ.
ތަފްސީލް - ރިވިއުކޮށްދިނުމަށް ހުށަހެޅި ކަން އެނގުނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނިޝާނާއި ފަޒްލޫންގެ ދިފާއީ ވަކީލު އަލީ ސައީދު ވިދާޅުވުމުންނެވެ. އެ ގޮތުން އޭނާ ފާހަގަ ކުރެއްވީ:
-
ރިވިއުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި ލިޔެކިޔުންތަކުގެ ޖަވާބެއް އަދި ނުލިބޭ
-
ދިފާއުން އެދެނީ ޕީޖީން ގޮތެއް ނިންމަން ދެން ޝަރީއަތް މި ވަގުތަށް މަޑުޖައްސާލަން
ޝަރީއަތް މަޑުޖައްސާލުމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރެ އެވެ.
ޕީޖީން ގޮތެއް ނިންމޭނީ ކިހާ ދުވަހަކުންތޯ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސުވާލުކުރެއްވުމުން ދައުލަތުން ވަކީލުން ބުނީ ހަފުތާއެއްގެ ގޮތެއް ނިންމޭނެ ކަމަށެވެ. މިހާތަނަށް ލަސްވީ މައްސަލާގައި ދިރާސާކުރަން ޖެހޭ ލިޔެކިޔުންތައް ގިނަވީމަ ކަމަށް ބުންޏެވެ.
އެނގުން މުހިންމު - މި މައްސަލާގައި އިތުރު ބަޔެއްގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ފެށި އެވެ. އޭގެ ތެރޭގައި މިހާރުގެ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެ ދައުވާތައް ވެސް ރިވިއުކުރުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
ފާހަގަ ކުރެވޭ ކަމެއް - މިދިޔަ ސަރުކާރުގައި ފަޒުލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ބާތިލްކުރި އެވެ. އެ ހުއްދަ މި ސަރުކާރު އައި ފަހުން، މާޗު2024ގައި އެ ހުއްދަ އަނބުރާ ދީފަ އެވެ.
ހާދިސާގެ ހުލާސާ:
-
ޔޯގާ ހަދަން ތިއްބާ، އިހުތިޖާޖު ކުރާ ގްރޫޕު ދަނޑަށް ވަންނަން މަސައްކަތް ކުރީ ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން
-
ފުލުހުން މަގުމަތީ ބެރިކޭޑް ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މީހުން ފުލުހުންނާ ކުރިމަތިލައި ސަފުތައް ފޫއަޅުވާލި
-
ގަލޮޅު ދަނޑުގެ ގޭޓު ވެސް ފޫއަޅުވާލައި އެ މީހުން ވަނީ ދަނޑަށް ވަދެ، ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނާ ދިމާލަށް ގޮސް، އެ މީހުންނަށް އިންޒާރުދީ، އެ ތަނުން ނުކުތުމަށް އަންގައި އަޑުގަދަކޮށްފައި
-
ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ތިބިި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ހަކަށް މިނެޓް ވަންދެން ހަމަނުޖެހުން ހިންގި
-
އެ މީހުން އެ ތަނުން ބޭރުކުރެވުނީ ފުލުހުން ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެން