އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ މީގެ ކުރިން ކުރި މުޒާހަރާއެއްގައި އެކަމާ މެދު ޝުއޫރުފާޅުކޮށް މީހަކު ބޯޑެއް ހިފަހައްޓައިގެން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޕާސްޕޯޓް މަނާކުރިއިރު 32 އިޒްރޭލު މީހަކު ރާއްޖޭގައި ތިބި

އިޒްރޭލުގެ 283 ޓޫރިސްޓަކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވޭ
16 އޭޕްރީލު 2025
1

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވިއިރު ރާއްޖޭގައި އިޒްރޭލުގެ 32 ޓޫރިސްޓަކު ޗުއްޓީ ހޭދަކުރަމުން ދިޔަކަން އެނގިއްޖެ އެވެ. 

ތަފްސީލް - އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޯމަ ދުވަހުގެ ރެއާ ހަމައަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔައީ 32 ޓޫރިސްޓެކެވެ. 

އެނގިފައިވާ ގޮތުގައި، އެކަމާ ގުޅިގެން އެ މީހުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ މީހުންނަށް ރައްކާތެރިކަން ދިނުން އަދި އެ މީހުން ރާއްޖެއިން އަނބުރާ ފޮނުވާލުމުގެ ކަންކަން ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ ކުރަމުންނެވެ.

އެނގުން މުހިންމު - ޖެނުއަރީން ފެށިގެން މިއަހަރުގެ މިހާތަނަށް އިޒްރޭލުގެ 283 ޓޫރިސްޓަކު ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން: 

  • މިދިޔަ އަހަރު އިޒްރޭލުގެ 130 ޓޫރިސްޓަކު ރާއްޖެ އައިސްފައިވޭ؛ އެއީ 2023އާ އަޅާބަލާއިރު %86.9ގެ ދަށްވުމެއް

  • 2023ގައި އިޒްރޭލުގެ 10،966 ޓޫރިސްޓަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި 

ފަސްމަންޒަރު - އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ކެބިނެޓުން ނިންމިއިރު، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. 

އެ އިސްލާހުގެ މަސައްކަތް އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ބޭއްވުމަށް ފަހު މިދިޔަ ހޯމަ ދުވަހު ކޮމިޓީން އެ މައްސަލަ ނިންމައި ތަޅުމަށް ފޮނުވުމަށް ފަހު އިއްޔެ ވަނީ އިމިގްރޭޝަން ގާނޫނަށް އެ ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފަ އެވެ.

އިސްލާހު ފާސްކުރިތާ މާ ގިނައިރެއް ނުވެ ރައީސް ވަނީ އިއްޔެ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.

ކޮމެންޓް (1)

ފާތުން

17 އޭޕްރީލު 2025
ރައްކާތެރިކަން ދޭންޖެހޭ ބައެކޭ. ބޯހަލާކު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް