މާލޭގެ މަގުމަތީގައި ސައިކަލުތަކެއް ޕާކުކޮށްފައި: ހާއްސަ ލައިސަންސް ދޫކުރަނީ ވަކި އުޅަނދުތަކެއް ދުއްވަން - (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބައެއް އުޅަނދުތަކަށް ލުއި ގޮތަކަށް ލައިސެންސް ނެގޭ ގޮތް ހަދައިފި

މި ލައިސެންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނީ ލައިސެންސް ދޫކުރި އިދާރާ ހުންނަ ރަށުގައި އެކަނި. އަދި އެއީ ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަން ޖެހޭ މަގުތަކުގައި

އުމުރުން 60 އަހަރުން މަތީގެ މީހުނަށް ލުއި ގޮތަކަށް ބައެއް އުޅަނދުތަކުގެ ލައިސެންސް ނެގޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދު އިސްލާހުކޮށް މިއަދު ޝާއިއުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް މިއަދު ގެނައި ބަދަލުގައި ވަނީ 60 އަހަރުން މަތީގެ މީހުނަށް ހާއްސަ ލައިސެންސަށް ނެގޭ ގޮތަށް ހިމަނައިފަ އެވެ.

ތަފްސީލް - ގަވާއިދުގައި ބުނާ ގޮތުން މި ހާއްސަ ލައިސެންސް ދޫކުރެވޭނީ ވަކި އުޅަނދުތަކަށެވެ. އޭގެ ތެރޭގައި ހިމެނޭ އުޅަނދުތަކަކީ:

  • 60 ސީސީއިން ދަށުގެ މޮޓޯ ސައިކަލު

  •  އޮޓޯ ސައިކަލު

  • ރަށު ޕިކަޕް ފަދަ ސައިކަލުތައް

މި ލައިސެންސް ނަގަން އިމްތިހާނެއް ހިމަނާފައެއް ނުވެ އެވެ. ޓްރެފިކް ގަވާއިދުތައް ކިޔަވައިދޭ ހަތަރު ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކޮށްގެން ލައިސެންސް ލިބޭނެ އެވެ.

ނަމަވެސް ލައިސެންސް ބޭނުންކުރެވޭނީ ވަކި މިންގަނޑަކަށެވެ. އެ ގޮތުން:

  • ލައިސެންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނީ، ލައިސެންސް ދޫކުރި އިދާރާ ހުންނަ ރަށުގައި އެކަނި

  • ލައިސެންސް ބޭނުންކޮށްގެން ދުއްވޭނީ ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަން ޖެހޭ މަގުތަކުގައި؛ ހައިވޭތަކާއި ބްރިޖްތަކުގައި ނުދުއްވޭނެ

އެ ލައިސެންސްގެ މުއްދަތަކީ ލައިސެންސް ދޫކުރާ ތާރީހުން ފެށިގެން މީލާދީ ގޮތުން 10 އަހަރު ދުވަހެވެ. އަލުން ލައިސެންސް ދޫކުރާނީ ފުރަތަމަ ލައިސެންސް ދޫކުރުމުގައި ފުރިހަމަކުރަން ޖެހޭ ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހުގަ އެވެ.

އެނގުން މުހިންމު - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި ބަދަލުގެ ސަބަބުން އެހެން ލައިސެންސްތައް ނަގަން، އުމުރުން 18 އަހަރު ފުރިފައިވާ އެކަކަށް ވެސް ހުރަހެއް ނެތް ކަމަށެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުނަށް، އާންމު އުސޫލުން އިމްތިހާނުތައް ފުރިހަމަކޮށްގެން އެހެން އުޅަނދުތަކުގެ ލައިސެންސް ނެގޭނެ އެވެ.

ކޮމެންޓް (1)

ވާނުވާ

13 އޭޕްރީލު 2025
ކައުންސިލަރުންގެ ޢާއިލާގެ ދުވަސްވީ މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް. 20 ކިލޯމީޓަރުގަ ދުއްވިޔަސް އެކްސިޓެންޑް ވެދާނެ. ކުއްވެރިވާނީ ސްޕޯޓްސްކާރު ނުގަވައިދުން ލައިސަންސް ނެގި ބޭބެއެއްނޫން. 60 އަހަރުން މަތީގެ މީހުންނަށް ލުއިގޮތަކަށް ޕީއެޗްޑީ ވެސް ދޭން ފެނޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް