ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރު ކުރި ރިޝްމާހު (ފޮޓޯ/ޕޮލިސް)

ފުލުހުން

މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ބަންދުކުރި މީހާ ދޫކޮށްލައިފި

ބަންދުން ދޫކޮށްލީ ތުހުމަތުކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް ކުރާ ތުހުމަތަކީ ކުޑަ ކުށަކަށް ވާތީ
13 އޭޕްރީލު 2025

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދި)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.

ވީކިހިނެއް؟ - މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 27ގަ އެވެ.

ހައްޔަރުކުރި މީހާއަކީ:

  • އަހުމަދު ރިޝްމާހް، 20، ސަންލައިޓްވިލާ/ގއ. ދާންދޫ

ޖެހިގެން އައި ދުވަހުގެ އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖެހި އެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ ނެރުއްވި އަމުރުގައިވާ ގޮތުން އޭނާ ބަންދުުން ދޫކޮށްލަން ނިންމެވީ:

  • ތުހުމަތުކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް ކުރާ ތުހުމަތަކީ ކުޑަ ކުށަކަށް ވާތީ

  • ބަންދަށް 15 ދުވަސް ހޭދަކޮށްފައިވުމުގެ އިތުރަށް ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް އެއްބަސްވެފައިވާތީ

  • ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު؛ ޝަރުތަކާ ހިލާފުވެއްޖެ ނަމަ އަލުން ބަންދު ކުރެވޭނެ ކަމަށް އަމުރުގައިވޭ

އެނގުން މުހިންމު - މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ވިދިގެން ވޭޕް ރާއްޖޭގައި މަނާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން:

  • ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މަރިޔަމް ޒުބައިރުގެ މައްޗަށް މަދަނީ ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވޭ

  • އެ މައްސަލާގައި މަރިޔަމް ޒުބައިރު ފުލުހަށް ވެސް ހާޒިރުކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް