1 އޮކްޓޯބަރު 2024: ޕީޖީ އައްބާސް ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކުރީގެ ސަރުކާރުން ދައުވާ އަނބުރާ ގެންދިޔަ ސިޔާސީ މީހުންގެ މައްސަލަތައް ރިވިއުކުރަން ޕީޖީއަށް ލިބިފައެއް ނެތް
ކުރީގެ ސަރުކާރުގެ ދުވަސްވަރު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރުމަށް ފަހު ފަހުން ދައުވާ އަނބުރާ ނެގި ސިޔާސީ މީހުންގެ މައްސަލަތައް ރިވިއު ކުރުމަށް އެ އޮފީހަށް ލިބިފައިނުވާ ކަމަށް ބުނެފި އެވެ.
ވީކިހިނެއް؟ - ޕީޖީ އޮފީހުން ކުރިން ނިންމާފައިވާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ ރިވިއުކުރުމަށް އެދި ހުށަހަޅަން، މިހާރުގެ ޕީޖީ އައްބާސް ޝަރީފް މަގާމާ ހަވާލުވެވަޑައިގެންފައި 20 ދުވަހުގެ މުއްދަތަކަށް ހުޅުވާލި އެވެ.
އެ މުއްދަތުގެ ތެރޭގައި، ކުރީގެ ސަރުކާރުން ދައުވާކުރުމަށް ފަހު ދައުވާ އަނބުރާ ގެންދިޔަ ސިޔާސީ ތިން ބޭފުޅެއްގެ މައްސަލަ ބަލަމުންދޭތޯ ބެލުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން ހުށަހެޅި ފޯމަށް އެ އޮފީހުން ބަނީ ޖަވާބު ދީފަ އެވެ.
ތަފްސީލް - އެ މައްސަލަތަކަކީ:
-
1-
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ކުށްތަކެއްގެ ހަ ދައުވާ އަނބުރާ ގެންދަން ނިންމި މައްސަލަ
-
2-
މަޖިލީހުގެ ކުރީގެ މެންބަރު އަދި މިިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ އަނބުރާ ގެންނަން ނިންމި މައްސަލަ
-
3-
މަޖިލީހުގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާތައް އަނބުރާ ގެންނަން ނިންމި މައްސަލަ
'ދައުރު'ން ހުށަހެޅި ފޯމުގެ ޖަވާބުގައި ޕީޖީ އޮފީހުން މިދިޔަ މަހު ފޮނުވި ލިޔުމުގައި ވަނީ، "[އާރުޓީއައި] ފޯމުގައި ލިޔުއްވާފައިވާ އެއްވެސް މައްސަލައެއް މުރާޖައާ ކޮށްދިނުމަށް އެދި އެއްވެސް ފަރާތަކުން މި އޮފީހަށް ހުށަހަޅުއްވާފައި ނުވާ ވާހަކަ ދެންނެވީމެވެ،" މި ގޮތަށެވެ.
އެނގުން މުހިންމު - ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މި މައްސަލަތަކުގައި ދައުވާ އަނބުރާ ގެންދިޔުމެވެ.
ފަސްމަންޒަރު - މިހާރުގެ ޕީޖީ އައްބާސް މަގާމާ ހަވާލުވެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަތައް އިސްވެ ރިވިއުކުރާނެތޯ ގިނަ ނޫސްވެރިން ސުވާލު ވެސް ކުރި އެވެ.
ޖަވާބުގައި އައްބާސް ވިދާޅުވެފައި ވަނީ އެއްވެސް މައްސަލައެއް އެ އޮފީހުން އިސްވެ ރިވިއު ނުކުރާނެ ކަމަށެވެ.
އައްބާސް ވިދާޅުވީ ވަކި މައްސަލަތަކެއް އިސްވެ ރިވިއުކުރަން ބޭނުންނުވި އެންމެ ބޮޑު ސަބަބަކީ ވެސް، އިންސާފުން ބޭރުން ވަކި މީހަކަށް އަމާޒުކޮށް ޕީޖީން ގޮތް ނިންމި ކަމަށް ތުހުމަތުކުރުމުގެ ޖާގަ ދޭން ބޭނުން ނުވާތީ ކަމަށެވެ.
"އަޅުގަނޑަށް އޭރުން އަންނާނެ އެލިގޭޝަން (ތުހުމަތު)، ކުރިން ނިންމި ނިންމުން ހާއްސަކޮށް ބަދަލުކޮށްފިއްޔާ، އެ މީހަކާ މެދު ޒާތީ ތައައްސުބަކުން ވިސްނާފައޭ ޕީޖީ އެ ގޮތަށް އެކަން ކުރީ" އައްބާސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ކޮންމެ ސަރުކާރެއްގައި ވެސް އެ މުއްދަތުގައި ދައުވާ އުފުލާ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި އޭރުގެ އޮންނަ ޕީޖީއަށް ސިޔާސީ ނުފޫޒާއި ސަރުކާރުގެ އިސް ވެރިން ބިރު ދެއްކުން ފަދަ ތުހުމަތުތައް އަމާޒުވެ އެވެ.
ކޮމެންޓް (1)
ވަކަރުގެ