އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު: ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލަނީ. (ފޮޓޯ/ އިމިގްރޭޝަން)

ޝަމްއާން ބަންދުކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި

ޝަމްއާންގެ ހުށަހެޅުން ބެލުމަށް ފަހު މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ ޝަމްއާންގެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މަހު 22ގަ އެވެ. ބަންދަށް ފުރަތަމަ 15 ދުވަސް ދީ ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި އެވެ.

ތަފްސީލް - ޝަމްއާން ވަނީ ރަޖިސްޓްރާގެ ނިންމުން މުރާޖާކުރަން އެދި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ޝަމްއާންގެ ހުށަހެޅުން ބެލުމަށް ފަހު މައްސަލަ ބަލަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވީ ޝަމްއާންގެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ އެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ:

  • ހުޒައިފާ މުހައްމަދު (ރިޔާސަތު)

  • ފާތިމަތު ފަރުހީޒާ

  • މުހައްމަދު ސަލީމް

ޝަމްއާންގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެނގުން މުހިންމު - މި މައްސަލާގައި ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:

  • މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި

  • އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި

  • އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި 

  • މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި

  • ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ޕާސްޕޯޓް ހިފެހެއްޓީ ކޮން ބަޔަކުގެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް (2)

ޙަސަންތަކުރުފާނު

24 އޭޕްރީލު 2025
ޝައްމާނުމެން ތިކުޅިވަރު ކުޅެ އެތައް ބިދޭސީންނެއް ޑޮކިއުމަންޓަކާ ނުލައި މިޤައުމުގައި ޚާއްސަކޮށް ފުރަމާލެ ވެރިކަންކުރާ ރަށުގައި އުޅެމުންއެބަދޭ އެމީހުންއަތުގައި ކުދި ވިޔަފާރިތައް ހުރީ، މިކަންތަކަށް އޮބިނޯވެގެން ސޯލިހުސަރުކާރުން ބޭރުކޮށްލީ އޭނަޔަކަށް ވެސްނެތް މައްސަލަބެލުމުގެ ބާރެއް އަރިސް ބޭކަލުންވެސް ޝާމިލްވާ ހިއުމަން ޓްރެފިކިންގެ ނެޓްވޯރކަކަށްވާތީ. ދުނިޔޭގެ ތަންތާ އެމީހުން އެވަރެޖް އާމްދަނީއާއި ނުބައްދަލު ދިރިއުޅުމެއްގައި ފެންނަމީހުންނަށް ވެރިވޭ ޕޮލިސްއިންޓެލިޖެންސް ފަދަ ދައުލަތުގެ މުއައްސަސާއަކުން. ބޭރުމީހުން ތިމަގުން ފޭރިގެން މާލެއިން ބިންގަނެގެން 10 ބުރިއިމާރާތް އަޅައިގެންވެސް އެބައުޅޭ
0 0

ކޮސް

10 އޭޕްރީލު 2025
ހޫން... ދެން އިވޭނީ ސުލޫ.....ކީ މައްސަލައެއްގައި ހައިކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުވާހަކަ. އެވާހަކަތައް ދައްކަން 4 ނޫނީ 5 މަސް ހޭދަވާނެ. ޢަނެއްކާ އަދުރޭ ވަކިކުރުމަކީވެސް އޮތް ބަޚުސެއް. މިކަމުގައި އަހަރަކަށްވުރެ ގިނަދުވަސް ހޭދަވާނެ . މިހާރު 3 އަހަރާ ބައި ނިމުނީ. ދެން ފަހުތަޅާލުން ގަނޑަށް 1 އަހަރު. 4 އަހަރު ނިމުނީ. ދެން ވާނުވާގަ ރައްޔިތުން ތިބޭތީ ވައުދުތައް މަތިން ހަނދާންނެތޭނެ. ދެން ކުއްލި ނުރައްކާ އިއުލާން ކުރުމަކީ ނުވާނެކަމެކޭ ނުބުނާނަން... ދެން ވިސްނާލާ...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް