އަބްދުﷲ ޝަހީމް (ކ)، އަބްދުއްގަނީ (ވ): ދެ ބޭފުޅުންނަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފި - (ފޮޓޯ/ މަޖިލިސް)

ޕީއެންސީ

ޕީއެންސީއާ ގުޅުނު ކުރީގެ 2 މެންބަރަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފި

ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް އައްޔަންކުރީ އެމްއޭސީއެލްގެ މެނޭޖަރަކަށް؛ ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްގަނީ އައްޔަންކުރީ އެގުރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް
9 އޭޕްރީލު 2025

ސަރުކާރު ބަދަލުވުމުން، އެމްޑީޕީން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފައިވާކަން އެނގިއްޖެ އެވެ.

ތަފްސީލް - ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނީ ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުއްހަކީމާއި ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްގަނީ އަބްދުއްހަކީމަށެވެ. އެގޮތުން:

  • ޝަހީމް އައްޔަންކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފެސިލިޓީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ޖެނެރަލް މެނޭޖަރަކަށް

  • ގަނީ އައްޔަންކުރީ ހުއްޓާލަން ނިންމުމަށް ފަހު މި ފަހުން އަލުން މަސައްކަތް ފެށި އެގުރޯނެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް

ޝަހީމާއި ގަނީ އައްޔަންކުރީ މިދިޔަ މަހުގަ އެވެ. މި މަގާމުތަކުގެ މުސާރަ މަހަކު 40،000ރ. އަރަ އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ ސަރުކާރުގައި އުފެއްދި ދަނޑުވެރިކަމުގެ ކުންފުނި އެގުރޯނެޓަކީ މި ސަރުކާރު އައިސް ފުރަތަމަ އުވާލަން ނިންމި ކުންފުންޏެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ކުންފުނި ހިންގަން އަލުން ފެށި އެވެ. ގަނީއާ އެކު އެގްރޯނެޓުގެ ޑީއެމްޑީގެ އަދަދު މި ވަނީ ތިނަކަށް އަރައިފަ އެވެ.

އެނގުން މުހިންމު - ގަނީ އާއި ޝަހީމް މިދިޔަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ދެ މެންބަރުން ޕީއެންސީއަށް ބަދަލުވީ ސަރުކާރު ބަދަލުވެ، މަޖިލިސް އިންތިހާބުގެ ކުރިއަށެވެ.

އޭރު މަޖިލީހުގައި ތިއްބެވި ޕީއެންސީ/ޕީޕީއެމްގެ ގިނަ މެންބަރުން ސަރުކާރުގެ މަގާމުތަކަށް ދިޔަ އެވެ. އޭގެ ފަހުގައި އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރެއްވި އެވެ.

ރައީސްގެ ތާއީދު އޮތް ކަމަށް ވިދާޅުވެ ގަނީ ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ވެސް ކުރެއްވި އެވެ. ނަމަވެސް ނާކާމިޔާބުވީ އެވެ. ޝަހީމް މި ފަހަރު ވާދައެއް ނުކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް