އަކްރަމް ކަމާލުއްދީން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ހައި ކޯޓު

އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި

އަކްރަމް ކަމާލުއްދީންގެ އިސްތިއުނާފް ރަޖިސްޓްރީނުކުރީ އެއީ ކްރިމިނަލް ކޯޓުގައި މުރާޖައާކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ބުނެ؛ ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފައި
8 އޭޕްރީލު 2025

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން، ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ދެ ފަހަރުގެ މަތިން ވަނީ އަމުރެއް ނެރެފަ އެވެ. އެގޮތުން:

  • އެންމެ ފުރަތަމަ އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަކަށް

  • މިދިޔަ 19 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ 18 ފެބްރުއަރީގެ ނިޔަލަށް އަކްރަމް ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި

އަކްރަމްގެ އިސްތިއުނާފް ރަޖިސްޓްރީނުކުރީ އެއީ ކްރިމިނަލް ކޯޓުގައި މުރާޖައާކުރުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ބުނެ އެވެ.

ތަފްސީލް - ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް ހައި ކޯޓަށް އަކްރަމް ހުށަހެޅުއްވުމުން، މައްސަލަ ބެލުމަށް ނިންމީ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ދީބަނާޒް ފަހުމީ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރެއްވުމުންނެވެ.

ބެންޗުގައި ދެން އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ ރައުޔަކީ ރަޖިސްޓްރާ ނިންމުން ރަނގަޅު ކަމަށެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވަނީ:

  • އަމުރު ނެރުނު ހާލަތާ މެދު ބަހުސެއް އޮތް ނަމަ އެއީ އަމުރު ނެރުނު ދަށު ކޯޓުގައި މުރާޖައާ ކުރުމުގެ ފުރުސަތު އޮތް ކަމެއް

  • އިސްތިއުނާފީ ކޯޓެއްގައި އެފަދަ މައްސަލައެއް ބެލޭނީ ދަށު ކޯޓުގައި މުރާޖައާކޮށް ހިންގަން ޖެހޭ މަރުހަލާ ގިރާ ކުރުމަށް ފަހު

  • އިސްތިއުނާފީ ހައްގު ގެއްލޭނެ ކަމަށް ބުނި ނަމަވެސް ދަށު ކޯޓުގައި އިތުރު ފުރުސަތެއް ލިބޭނަމަ އެއީ ހައްގު އިތުރަށް ފުޅާވެގެންދާނެ ކަމެއް

އެނގުން މުހިންމު - އަކްރަމް ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފް ފޯމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:

  • އަކްރަމް ފިލައިގެން ދާން އުޅޭ ކަމުގެ ހެއްކަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުށަހެޅީ އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް؛ އެއީ ބޭރަށް ދިއުމުގެ ގާބިލްކަމަކީ ހެއްކެއް ކަމަށް ބުނެ

  • އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ އެއީ ތަހުގީގަށް އެއްބާރުލުން ނުދީ، އޭނާ ރާއްޖޭން ބޭރަށް ފިލައިގެން ދާން އުޅޭ ކަން ސާބިތުވާނެ ހެއްކެއް ނޫން ކަމަށް

  • އަކްރަމަކީ މީގެ ކުރިން އެއްވެސް އިރެއްގައި ތަހުގީގަކަށް ނުވަތަ ޝަރީއަތަށް ފިލައިގެން ގޮސްފައިވާ މީހެއް ނޫން؛ އޭނާ އަކީ ފާޅުގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވަމުން ގެންދާ ސިޔާސީ ފަރާތެއް ކަމަށް

  • މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް އަދި ޕާސްޕޯޓް ހިފަހައްޓަން އެދުނު އިރު ވެސް އިތުރު އާ ހެކި ގަރީނާ ޝަރީއަތަށް ހުށަނާޅާ ކަމަށް އަކްރަމް ފާހަގަކޮށްފައިވޭ

ގުޅުން ހުރި - ކުރީގެ ސަރުކާރު އަދި މި ސަރުކާރުގައި ވެސް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ތަހުގީގީ އިދާރާތަކަށް އަމުރުކުރައްވައިފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނާ ސައްހަ ނޫން ލިޔުމަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލަށް ހުޅުމާލޭން ގޯއްޗެއް ދިން ކަން މިދިޔަ އަހަރު ފެންމަތިވި އެވެ. އެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް