ރައީސް މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ގޮވާލެއްވީ ހުރިހާ ރައްޔިތުން ތައުލީމީ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވަން

ތައުލީމީ ދާއިރާއަށް ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބު ކުރެވޭނީ އެ ދާއިރާގެ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދީ މަސައްކަތްކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވި
7 އޭޕްރީލު 2025
4

ތައުލީމީ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދީ ހުރިހާ ރައްޔިތުން ވެސް އެއް ރޫހެއްގައި އެ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކޮށްދިނުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ފެށި ދިރާސީ އާ އަހަރަށް މަރުހަބާ ވިދާޅުވުމުގެ ގޮތުން ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަން ކާމިޔާބު ކުރެވޭނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން އެއްބާރުލުން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

"ދަރީންނަށް އާރުލާ ތައުލީމެއް ދެވޭނީ، މުޅި މުޖުތަމައުގެ ބައިވެރިވުން އެކަމުގައި އޮވެގެންނެވެ. ކުދީންނަށް ދެވޭ ތައުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެން ވެސް ދައްކައިގެންނެވެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ، މި ފެށުނު ދިރާސީ އާ އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫހެއްގައި ތައުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމެވެ. ގައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައި ވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދެއްވުމެވެ." 

ތަފްސީލް - ރައީސްގެ މެސެޖުގައި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަންކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައިސް ވިދާޅުވީ: 

  • ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާހައުލުތައް ގާއިމްކުރުން

  • ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުން 

  • ތައުލީމީ ދާއިރާގެ އެހެން ހިދުމަތްތެރީންނަށް ވެސް ފަހި ފުރުސަތުތައް ހޯދައިދިނުން

"ބެލެނިވެރީން ފަހުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާސިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަމެވެ،" ގައުމީ އަދި ދުނިޔޭގެ ނިސްބަތުގައި ކުދިން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދިންގެ ހުނަރުތައް ތަރައްގީކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރައްވައި ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ. 

ދަރިންނަށް ތައުލީމު ދިނުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ އެންމެ އަގުހުރި އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތައުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. 

މީގެ އިތުރަަށް ރައީސް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިލްތިމާސްކުރެއްވީ ކަމަށްކަމޭ ހިތައިގެން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. ބެލެނިވެރީންގެ އަރިހުން އެދިވަޑައިގެންނެވީ ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. 

"ހަމަ ކޮންމެ ކުއްޖަކީވެ ސް ގައުމަށް ބޭނުންތެރި ހަރުދަނާ ދަރިއަކަށް ހެދުމަށްޓަކައި ކިޔަވައިދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ވެސް ވާޖިބެކެވެ. ހަމަ ކޮންމެ އުމުރެއްގައި ވެސް އިތުރަށް ކަންކަން އުނގެނެން މަސައްކަތް ކުރުމަކީ، ކޮންމެ އިންސާނެއްގެ ވެސް ކާމިޔާބީއާ ގުޅިފައިވާ އެންމެ ބޮޑު ސިއްރެވެ،" ރައީސްގެ މެސެޖުގައިވެ އެވެ.

"ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ކިޔެވުމަށް ހާއްސަކޮށް އުމުރުގައި މި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމެވެ." 

ކޮމެންޓް (4)

މީހެއް

7 އޭޕްރީލު 2025
އެތައް ލާރިއަކާ ވަގުތަކާ މަސައްކަތެއް ކުރުމަށް ފަހު ހޯދާ ޕީއެޗްޑީ ނަގައިގެން އައިސް 12000 ލިބޭ ވަޒީފާވެސް ހޯދަން އުނދަގޫ. ބޮޑު މުސާރައާ ފްލެޓް ލިބެނީ ކެމްޕޭނު ކޮށްދޭ މީހާއަށް. ކީއްކުރާ ތައުލީމެއް؟
0 0

ކޮކޮކޮ ގޮނޑި

7 އޭޕްރީލު 2025
ކިޔެވުމުގެ ބޭނުމެއް ނެތް. ސިއްރުން ސެޓިފެކެޓު ގަނެގެން އެކަން ހާމަކުރަން ވެސް ނުކެރޭ ބަޔަކު ވެރިންނަށް ތިބީ.
0 0

ޙަސަން

7 އޭޕްރީލު 2025
އެހެންވެދޯ ޕީއެޗްޑީ އާއި ޑިގްރީ އަދި އެކި އެވޯޑުތައް ގަނެގެން އުޅޭ މީހުން ފޫބުޑަށް ލައިގެން ތިއުޅެނީ. ތަޢުލީމެއް ތަރުބިއްޔަތެއް ނެތް ބަޔަކަށް ވާނެވަރު ތިވަނީ. ހެޑްލައިން ހެދުމަށް ނިންމުން ނިންމާ ސަރުކާރެއް، ހަމައެއްކަމެއްވެސް ދާންވީ މިސްރާބަކަށް ނުދޭ
3 1

ބަދަން ސިތާރާ

7 އޭޕްރީލު 2025
ދައުލަތް ހިންގަން ހުރިހާ ރައްޔިތުންގެ އެހީތެރިކަން މިހާރު ބޭނުމެއް ނުވޭތޯ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް