ހިމަންދޫ ފަޅުތެރޭގައި މިއަދު ފަތިހު ލޯންޗެއް ރޯވެ އަނދަނީ - (ފޮޓޯ/ އެމްވީކްރައިސިސް)

ހިމަންދޫ ފަޅު ތެރޭގައި އޮތް ލޯންޗެއް ރޯވެ އަޑިއަށް ހިނގައްޖެ

ލޯންޗު އަޑިއަށް ދިޔައިރު ދެ މީހަކާއި ކުޑަކުއްޖަކު ތިބި؛ އަނިޔާތަކެއް ލިބުނު ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް މައުލުމާތު ލިބޭ
4 އޭޕްރީލު 2025

އއ. ހިމަންދޫ ފަޅު ތެރޭގައި އޮތް ލޯންޗެއް ރޯވެ އަނދައި ހުލިވެގެން އަޑިއަށް ހިނގައްޖެ އެވެ.

ވީކިހިނެއް؟ - ރޯވެފައިވަނީ 'ކައެލް ވިންގް' ނަމަކަށް ކިޔާ ލޯންޗެކެވެ. އެއީ އެ އަތޮޅު ފެރިދޫ، މާޅޮސް އަދި ހިމަންދޫ އާއި މާލެ އާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ.

ތަފްސީލް - ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އަލީ 'ދައުރު'އަށް ވިދާޅުވި ގޮތުގައި ލޯންޗުގައި ރޯވީ ހެނދުނު ހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އެ ގޮތުން:

  • ލޯންޗުގައި ރޯވިއިރު ލޯންޗުގައި ތިބީ ކައްޕި އާއި ފަޅުވެރިޔަކާއި ކުޑަކުއްޖެއް

  • ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބުނަސް މާ ސީރިއަސް އަނިޔާއެއް ނުލިބޭ

  • ހިމަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި

ކައުންސިލްގެ ރައީސް ހުޝާމް ވިދާޅުވި ގޮތުގައި ލޯންޗުގައި ރޯވީ ޕެޓްރޯލް ހޮޅި ފަޅައިގެން ގޮސް ވަތުން ޕެޓްރޯލް ލީކުވަމުން ދަނިކޮށް ލޯންޗު ސްޓާޓް ކުރުމުން ކަމަށް ބެލެވެ އެވެ.

"ލޯންޗު އެތެރެއިން ނުގޮވީމަ ލޯންޗުގައި ތިބި މީހުންނަށް އެހާ ބޮޑު ވަރު ނުވެ އެ ދިޔައީ،" ހުޝާމް ވިދާޅުވި އެވެ.

ލޯންޗު މިހާރު އޮތީ ފަޅު ތެރޭގައި އަޑިއަށް ގޮސްފައި ކަމަށް ވެސް ހުޝާމް ވިދާޅުވި އެވެ.

އެމްއެންޑީއެފް އަދި ފުލުހުން ރަސްމީކޮށް މި ހާދިސާގެ މައުލޫމާތު އަދި ނުދެ އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ ބުދަ ދުވަހުގެ ދަންވަރު ތ. އަތޮޅު ކަނޑޫދޫ ނެރު ކައިރިއަށް ވެސް މުދާ އުފުލާ ބޯޓެއް އެއްކޮށް އަނދައި ހުލިވެގެން ކަނޑު އަޑިއަށް ގޮސްފައިވެ އެވެ. އެ ބޯޓުގައި އެ ވަގުތު ހުރި އުމުރުން 25 އަހަރުގެ ޒުވާނަކު ވެސް ވަނީ ގެއްލިފަ އެވެ. އެގޮތުން:

ގެއްލުނީ އަލީ މުޝްފިގު، 25، މާވަށެވެ. މުޝްފިގު ހޯދަން އެމްއެންޑީއެފުން ވަނީ:

  • ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ވަނީ ބަލާފައި

  • ޑައިވްކޮށްގެން 64،240 އަކަމީޓަރު ވަނީ ބަލާފައި

  • ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ވަނީ ބަލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް