ފ.ނިލަންދޫގައި މިހާރު ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ހަލާކުވެ ނަޖިސް ރަށުތެރެއަށް ބޭރުވަނީ (ފޮޓޯ/އެކްސް)

ނިލަންދޫގައި ގާއިމުކުރާ އާ ނަރުދަމާގެ މަސައްކަތް 2026އަށް ނިމޭނެ: މަތީން

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެއި މަސް ތެރޭ ފަށައިގެން ކުރިއަށް ގެންދާނީ މިހާރު އޮތް ނަރުދަމާ ނިޒާމްގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަކަށް ކަމަށް

ފ. ނިލަންދޫގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ގާއިމުކުރާ 'ގްރެވިޓީ ނަރުދަމާ' ނިޒާމުގެ މަސައްކަތް 2026ގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަތީން މިހެން ވިދާޅުވީ ނިލަންދޫގައި މިހާރު ގާއިމުކޮށްފައި އޮތް ނަރުދަމާ ނިޒާމު ހަލާކުވެ ރަށުގެ އެކި ތަންތަނުން ނަޖިސް އަރާތާ އެތައް ދުވަހެއް ވެފައިވާ މައްސަލަ ސޯޝަލް މީޑިއާގައި ފާހަގަކޮށް އެކަމަށް ހައްލު ހޯދައިދިނުމަށް ބައެއް މީހުން އެދެމުންދާތީ އެވެ.

ތަފްސީލް - ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާ އެކު މީހަކު ފާޅުކޮށްފައިވާ ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން މަތީން އެކްސްގައި ވިދާޅުވީ ނިލަންދޫގައި މިހާރު ބޭނުންކުރަމުންދަނީ 'ވެކިއުމް ނަރުދަމާ'ގެ ނިޒާމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި:

  • 15 ވަރަކަށް އަހަރަށް އަމާޒުކޮށް ޑިޒައިންކޮށްފައިވާ އެ ނަރުދަމާ ނިޒާމަށް މިހާރު ވަނީ 18 އަހަރު ވެފައި 

  • އެހާ ގިނަ ދުވަސްވެފައިވުމުން ވޭތުވެދިޔަ އަހަރުތަކާއި މިހާރު ވެސް އެ ނިޒާމު ހިންގާ މަރާމާތުކޮށް ބެލެހެއްޓުމުގައި ގޮންޖެހުން ބޮޑު 

  • އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިމަތިވަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ނިލަންދޫގައި ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް އެމްޑަބްލިއުއެސްސީއާ އޮތީ ހަވާލުކޮށްފައި 

  • ⁦އެ މަޝްރޫއުގެ ދަށުން އަލަށް ގާއިމްކުރާ ނިޒާމްގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ފަށާފައި 

  • ‏ޑިޒައިން މަސައްކަތަށް ބޭނުންވާ ބިންތައް ކަނޑައެޅުމާއި ލޭންޑް ސާވޭ ހެދުމާއި ޓޮޕޮގްރަފިކް ސާވޭ މިހާރު ވަނީ ނިމިފައި 

  • އަމަލީ މަސައްކަތް ރަށުގައި ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ތެރޭގައި 

‏"މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމްގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އާ ގްރެވިޓީ ނިޒާމެއް ގާއިމްކުރުމަކީ ގޮން ޖެހުންތަކަކާއި ކުރިމަތިވާނެ މަސައްކަތެއް ކަމަށް ވުމާއެކު އާ ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2026ގެ ފަހުކޮޅު،" މަތީން ވިދާޅުވި އެވެ.

އަބްދުލްމަތީން ވީޑިއޯ މެސެޖެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ޕީއެސްއެމް)

‏މަތީން އިތުރަށް ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ގްރެވިޓީ ނިޒާމު ގާއިމްކުރުން އެކަނި ކަމަށެވެ. އެ މަސައްކަތް ކުރިޔަށްދާ މުއްދަތުގެ ތެރޭގައި ވެސް ވެކިޔުމް ސިސްޓަމް މަރާމާތުކޮށް ހިންގާ ބެލެހެއްޓުން ކުރިއަށް ގެންދާނީ ނިލަންދޫގައި މިހާރު ވެސް ޔުޓިލިޓީގެ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް