ލ. ކަލައިދޫ މަތިން. (ފޮޓޯ/ޓޫ ތައުޒަން އައިލްސް)

ކަލައިދޫ ކަރަންޓު މައްސަލަ ހައްލުކޮށްފިން: ފެނަކަ

ރޭގެ ވަގުތެއްގައި މައްސަލަ ހައްލުކުރުމުގެ އިތުރުން ފެނަކައިން ބުނީ މައްސަލަ ދިމާވި ޖެންސެޓަށް ބޭނުންވާ އިތުރު ސްޕެއާ ވެސް ފޮނުވާފައިވާނެ ކަމަށް

ލ. ކަލައިދޫއިން ކަރަންޓު މެދުކެނޑިފައި އޮންނަތާ ތިން ވަރަކަށް ދުވަސް ފަހުން މައްސަލަ ހައްލުކޮށް، އަލުން ކަރަންޓު ދީފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

ބުނީ ކީކޭ؟ - ފެނަކައިގެ މީޑިއާ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ކަލައިދޫއިން ކަރަންޓު ކެނޑުނީ އެ ރަށުގައި ބޭނުންކުރާ 400 ކިލޯވޮޓުގެ ޖެންސެޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

"އެ މައްސަލަ ރޭގައި ވަނީ ހައްލު ކުރެވިފައި. އަދި ޖެންސެޓަށް ބޭނުންވާ އިތުރު ސްޕެއާ ވެސް ރަށަށް ވާނީ ފޮނުވާފައި،" އޮފިޝަލު ވިދާޅުވި އެވެ.

މި ކަމުގައި ކަލައިދޫ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެނގުން މުހިންމު - ފެނަކައިން ކަރަންޓު ހިދުމަތް ދޭ ރަށްތަކުގައި ބޭނުންކުރާ ޖެންސެޓުތައް ސާވިސްނުކޮށް ހުރުމާއި ބޭނުންވާ ސްޕެއާ ޕާޓްސް ނުހޯދައި ހުންނާތީ އެކި ރަށްރަށަށް ކަރަންޓު ކެނޑުމުގެ މައްސަލަތައް މީގެ ކުރިން ވަނީ ދިމާވެފަ އެވެ.

މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެ ފިޔަވައި އެންމެ އެންމެ ބޮޑު އާބާދީއެއް އޮންނަ، އަދި ފެނަކައަށް އެންމެ ބޮޑު އާމްދަނީއެއް އެތަނަކުން ލިބޭ އައްޑޫ އަތޮޅަށެވެ.

މިއަހަރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓު ލޯޑު ޕީކަށް ދާ ގަޑީގައި ނުހިފެހެއްޓިގެން އެކި ގަޑިތަކަށް ބަހާލައިގެން އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.

އެ މައްސަލަ ހައްލުކުރަން ފެނަކައިން އެކި ފަހަރު މަތިން ޖެންސެޓު ފޮނުވި ނަމަވެސް އަދި އެއްވެސް ހައްލެއް ނުލިބެ އެވެ. އަދި އެންމެ ފަހުން އިންޖީނެއް ފޮނުވީ އިއްޔެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް