ފަނޑިޔާރު ހުސައިން ޝަހީދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ ޖޭއެސްސީގެ މެންބަރަކަށް ހަމަޖައްސައިފި - (ފޮޓޯ/ ހައި ކޯޓު)
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ހަމަޖައްސަވައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ހުސައިން ޝަހީދު މިއަދު ހަމަޖައްސައިފި އެވެ.
ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އޮންނަ ޖާގަ ހުސްވީ ކުރިން އެ ޖާގަ ފުރުއްވި ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ތަފްސީލް - ޝަހީދަކީ، ސުއޫދު އިސްތިއުފާ ދެއްވުމުން ސުޕްރީމް ކޯޓުގައި ހުސްވި ފަނޑިޔާރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީ، އައްޔަންކޮށްފައިވާ ފަނޑިޔާރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން ރައީސް މުހައްމަދު މުއިއްޒަށް ސުޕްރީމް ކޯޓަށް އައްޔަންކުރަން ލަފާ ދެއްވި ނަމަކީ ވެސް ޝަހީދެވެ.
މަޖިލީހަށް ޝަހީދުގެ ނަން ފޮނުވައި، ޝަހީދަށް ރުހުން ދިނުމުން އޭނާ ފަނޑިޔާރު ކަމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވީ މި މަހު 19ގަ އެވެ.
އޭގެ ކުރިން ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ. ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން:
-
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި
-
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި
-
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ 30 އޮކްޓޯބަރު 2023ގައި
އެނގުން މުހިންމު - ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ. ކޮމިޝަނުގައި މިހާރު ތިއްބެވީ:
-
ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް (ކޮމިޝަނުގެ ރައީސް)
-
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު (ކޮމިޝަނުގެ ނައިބު ރައީސް)
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
-
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރު
-
ޑރ. އާމިނަތު ކުލްސޫމް (އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު)
-
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު
-
ޔަޒްމީދު މުހައްމަދު (ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު)
-
ބަންޑާރަ ނައިބު އަހުމަދު އުޝާމް
-
ގާނޫނީ ވަކީލު އަލީ އަބްދުއްލަތީފް (ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ، ވަކީލުން ތަމްސީލްކުރައްވާ މެންބަރު)
އެނގުން މުހިންމު - ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކުރެއްވުމަށް ފަހުގަ އެވެ.
ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ އޭރު ސަސްޕެންޑްކޮށްފަ އެވެ.
މުއްދަތެއް ނެތް ގޮތަށް މި ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގައި އިތުރުކުރި ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން އުޅެނިކޮށެވެ.
ކޮމެންޓް (1)
ތެފައާސާ.